މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ދެއްވާ މެސެޖް

މަސްތުވާތަކެއްޗަކީ ދިވެހިރާއްޖެއަށާއި، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލެވެ. ދިވެހިރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި ބޭނުންކުރާ މީހުނަށް ފަރުވާދިނުމުގެ މަސައްކަތް ކުރެވެމުން އަންނައިރު، މި މަސައްކަތަކީ އަބަދު ތަރައްޤީވެ، އައު ހޯދުން ތަކާއި އެވިޑެންސް ބޭސްޑް އެޕްރޯޗް ބޭނުންކުރަމުން ގެންދަން ޖެހޭ މަސައްކަތެކެވެ. އަދި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ ހަމައެކަނި އެއިރެއްގައި އޮންނަ ސަރުކާރަކުން ކުރައްވާ ކަމެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ޢާންމު ފަރުދުންނާއި މުޅި މުޖްތަމަޢު ބައިވެރި ވާން ޖެހޭ ކަމެކެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންގެ ސަބަބުން އަޅުގަނޑުމެންގެ ޒުވާން ޖީލަށް ނުރައްކާ ވަމުންދާއިރު މިކަމުގައި އަޅުގަނޑުމެން އެންމެން ގުޅިގެން އިތުރު ހިތްވަރަކާއެކު މަސައްކަތްތަކެއް ކުރަން ވަނީ ޖެހިފައެވެ. ގޭތެރެއިން ފެށިގެން ރީހެބިލިޓޭޝަން ސެންޓަރާއި ހިސާބަށް، އަދި ރީހެބިލިޓޭޓް ވުމަށްފަހު މުޖަތަމަޢުއަށް ބޭނުންތެރި މީހެއްގެ ގޮތުގައި އަނބުރާ އައުމަށްފަހުވެސް، އެމީހަކީ މުޖްތަމައުން ބަލައިގަންނަ މީހަކަށް ހެދުމަށް އަޅުގަނޑުމެން އެންމެންވެސް މަސައްކަތްކުރަން ޖެހެއެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ބައިނަލް އަޤްވާމީ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ “ރަނގަޅަށް އަޅާލުމަށް – ރަނގަޅު މަޢުލޫމާތު” ލިބުމުގެ މުހިންމުކަމެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުން ޢާއިލާތަކުން އެކަހެރި ކޮށްނުލާ އެކަމުން ދުރުހެލި ކުރެވޭނީ ފުރިހަމަ މަޢުލޫމާތު ލިބިގެންނެވެ. ޢާއިލާގެ ތެރެއިންނާއި، އެކިއެކި ފަންނީ ފަރާތްތަކުންނާއި އަދި އިދާރާތަކުންވެސް މަޢުލޫމާތު ލިބިގެންނެވެ. 

މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދީ، އެކަމުން ސަލާމަތްވެފައިވާ މީހުންގެ ގޮތުގައި އަނބުރާ މުޖްތަމަޢުއަށް ނެރުމަކީ ބުރަ އަދި އެހާމެ ގޮންޖެހުން ގިނަ މަސައްކަތެކެވެ. ފަރުވާ ބޭނުންވާ ގިނަ ފަރާތްތަކަކަށް ފަރުވާގެ އިންތިޒާރުގައި ތިބެން ޖެހުމުގެ ބަދަލުގައި ބޭނުންވާ ފަރުވާ ލިބުމުގައި ހުރިހާ ދާއިރާތަކެއް ގުޅިގެން މަސައްކަތް ކޮށްފިނަމަ މިކަމުގައި އިތުރު ކާމިޔާބުތަކެއް ލިބިގެންދާނެއެވެ. މިކަމުގައި ނޭޝަނަލް ޑްރަގް އޭޖެންސީ އާއި، ސިއްޙީ ފަރުވާދޭ މަރުކަޒުތަކާއި އަދި އަމިއްލަ ޖަމްޢިއްޔާތަކާއި ހިލޭސާބަހަށް މަސައްކަތް ކުރާ ފަރާތްތައް ގުޅިގެން މަސައްކަތްތަކެއް ކުރެވިއްޖެނަމަ އެކަމުން ލިބޭ ނަތީޖާ މިހާރަށްވުރެ އެތައް ގުނައެއް ބޮޑުތަނުން ރަނގަޅުވާނެއެވެ. 

މަސްތުވާތަކެތީގެ ނުރައްކަލުގައި ޖެހިފައިވާ މީހުނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ މެތަޑޯން މެއިންޓެނަންސް ތެރަޕީ އަކީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މީގެ ކުރިން ރާއްޖޭގައިވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިޔަނަމަވެސް، ތަފާތު ސަބަބުތަކާހެދި ޕްރޮގްރާމްވަނީ މީގެ 3 އަހަރު ދުވަސް ކުރިން ހުއްޓާލާފައެވެ. އެހެންނަމަވެސް އިންޑިޔާ ސަރުކާރުގެ އެހީގައި އިންޑިޔާގެ އޯލް އިންޑިޔާ މެޑިކަލް ސައިންސަސް (އެއިމްސް) ގެ ފަންނީ އެހީތެރިކަމާއެކު މެތަޑޯން މެއިންޓެނަންސް ތެރަޕީ ފެށުމުގެ މަޝްވަރާ ތަކެއް ކުރެވި، މިފަރުވާއަށް ބޭނުންވާ ބޭސް ރާއްޖޭން ބޭރުން ގެނެސް، ސެޕްޓެމްބަރު މަހު ފަރުވާގެ  މަސައްކަތް ފެށުމަށް މިހާރު ދަނީ ކުރެވެމުންނެވެ. 

މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނު ލާޒިމް ކުރާ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ މިއަހަރު ޤާއިމު ކުރެވި، މި ސެންޓަރުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން ބަންދުގައި ތިބޭ މީހުނަށް ބޭނުންވާ އަސާސީ ފަރުވާ ލިބިގެންދާނެއެވެ. 

މި ފުރުސަތުގައި، މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި، މި ނުރައްކާތެރި ވަބާއިން މުޖްތަމައު ސަލާމަތްކުރުމުގެ މަސައްކަތުގައި ޝާމިލްވާ އެންމެހައި ފަރާތްތައް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކޮށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވެމެވެ. 

އެންމެން ގުޅިގެން ކުރެވޭ ހަރުދަނާ މަސައްކަތަކުން މަސްތުވާތަކެތީގެ ނުރައްކާ މުޅި ޤައުމުން ނައްތާލެވިދާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

 

ޢާއިޝަތު މުޙައްމަދު ދީދީ          

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް

Leave a Reply

Your email address will not be published. Required fields are marked *