އުމުރުން ދުވަސްވީ މީހުންގެ އާބާދީ ދިވެހިރާއްޖޭގައި އިތުރުވެގެން ދާ އިރު، ދުޅަހެޔޮ ދޮށީ އުމުރަކަށް ތައްޔާރުވާން ޖެހޭކަމަށް މިނިސްޓަރ ޒެނީޝާ ވިދާޅުވެއްޖެ

އުމުރުން ދުވަސްވީ މީހުންގެ އާބާދީ ދިވެހިރާއްޖޭގައި އިތުރުވެގެންދާ އިރު، ދުޅަހެޔޮ ދޮށީ އުމުރަކަށް މުޖުތަމަޢު ތައްޔާރުވާން ޖެހޭކަމަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެއެވެ.

ޑަބްލިޔު.އެޗް.އޯގެ އެހީތެރިކަމާއެކު މިނިސްޓްރީން މިއަދު މާގިރި ހޮޓެލްގައި ކުރިއަށް ގެންދިޔަ “ހައި-ލެވެލް ޕޮލިސީ ޑައިލޮގް އޮން ހެލްތީ އޭޖިންގ”ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒެނީޝާ ވިދާޅުވީ، ޞިއްޙީ ނިޒާމަށް އަންނަމުންދާ ތަރައްޤީގެ ސަބަބުން، އުފަންވާ އިރު، އެވެރެޖްކޮށް ދިވެއްސަކު ދިރިހުންނާނެކަމަށް ލަފާކުރާ އުމުރު މިއަދު ވަރަށް ބޮޑުތަން އިތުރުވެފައިވާކަމަށެވެ. އަދި ހަމަ މިއާއެކު، ދޮށީ އުމުރުގެ އާބާދީއަކީ ދިރިއުޅުމުގެ އެކި ކަންކަމުގައި އެހެން ފަރާތްތަކުގެ އެހީތެރިކަމަށް ބޭނުންވާ ބައެއްކަން ވެސް މިނިސްޓަރ ޒެނީޝާ ފާހަގަކުރެއްވިއެވެ. އެ ގޮތުން، ދޮށީ އުމުރުގެ މީހުންނަށް ދިމާވާ ތަފާތު ޞިއްޙީ މައްސަލަތައް އިތުރުވަމުންދާކަމަށާއި، ރިޓަޔަރކުރާ އުމުރަށް ދިޔުމުން ޢާއިލާއާއި މުޖުތަމަޢުގެ ތެރެއިން އެ ފަރާތްތައް އެކަހެރިކުރުމާއި، ނާޖާއިޒުފައިދާ ނެގުމުގެ މައްސަލަތައް އިތުރުވަމުން ދާކަމަށް ވެސް މިނިސްޓަރ ޒެނީޝާ ވިދާޅުވިއެވެ. އެ ގޮތުން، މިނިސްޓްރީން އަތޮޅުތެރޭގައި ކުރިއަށްގެންދާ ރަންވޭލާ ކެމްޕޭނުން މި ބާވަތުގެ މައްސަލަތައް ވަރަށް ބޮޑަށް ފާހަގަކުރެވިފައި ވާކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

އުމުރުން ދުވަސްވީ މީހުންނަށް ކުރިމަތިވާ މި ފަދަ ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަމަށް ޙައްލުހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން މިނިސްޓަރ ޒެނީޝާ ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި، ދައުލަތުގެ ފަރާތުން ފޯރުކޮށްދެމުންދާ ޚިދުމަތްތަކާއި، އެ މީހުނަށް ދިމާވަމުންދާ ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަމަށް އެކަށީގެންވާ ޙައްލުތަކެއް ހޯދުމާ ގުޅޭ ގޮތުން ކަމާ ބެހޭ 22 މުއައްސަސާ އެއްގެ މެދުގައި މަޝްވަރާކުރުމަށް ބޭއްވުނު މި ހައި-ލެވެލް ޑައިލޮގުގައި މިނިސްޓްރީގެ އިތުރުން، މިނިސްޓްރީ އޮފް ހެލްތާއި ޑަބްލިޔު.އެޗް.އޯގެ ފަރާތުން ޕްރެޒެންޓޭޝަންތައް ހުށަހެޅުއްވިއެވެ. މި ބައްދަލުވުމުގައި ޑަބް.ލިޔު.އެޗް.އޯގެ ރީޖަނަލް ޑައިރެކްޑަރ ޑރ. ނީނާ ރައިނާ ދެއްކެވި ވާހަކަފުޅުގައި، މި ފޯރަމަކީ ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށްގެން މި ސަރަޙައްދުގެ ހެލްތު އަދި ޖެންޑަރ މިނިސްޓަރުން އިސް ނަންގަވައިގެން މިނިސްޓީރިއަލް ލެވެލްގައި ބޭއްވޭ ފުރަތަމަ ބައްދަލުވުންކަން ވަނީ ފާހަގަކުރައްވައިފައެވެ.

04 ޛުލްޙިއްޖާ  1439 

15  އޮގަސްޓު  2018

 

Leave a Reply

Your email address will not be published. Required fields are marked *