އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމުގައްޔާއި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ހުރަސްއަޅާ އެކި ނުފޫޒުތަކާ ދެކޮޅަށް ތެދުވާން ޖެހޭ – މިނިސްޓަރ ޝިދާތާ

އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމުގައްޔާއި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ހުރަސްއަޅާ އެކި ނުފޫޒުތަކާ ދެކޮޅަށް ތެދުވާން ޖެހޭ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

“ކޮންވެންޝަން އޮން ދި އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އަގައިންސްޓް ވިމެން (ސީޑޯ)” ގެ ދަށުން ދައުލަތުން އދއަށް ހުށަހަޅަން ޖެހޭ 6ވަނަ ޕީރިއަޑިކް ރިޕޯޓު ވެލިޑޭޓްކުރުމަށްޓަކައި ކަމާ ގުޅުންހުރި ދާއިރާތަކާއެކު ބާއްވާ ވެލިޑޭޝަން ބައްދަލުވުން އިފުތިތާހުކުރުމުގެ ގޮތުން ޗަންޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ކަމަނާ ވިދާޅުވީ މިންތީގެ ދައުރާއި މަސްއޫލިއްޔަތުތަކާ މެދު ތަފާތުކުރުމުގެ ވިސްނުމެއް މުޖުތަމަޢުގައި އަދިވެސް ގެންގުޅެމުންދާކަމަށާއި، މި ފަދަ ކަންކަން ޙައްލުކުރުމަކީ ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ.

އެ ކަމަނާގެ ވާހަކަފުޅުގައި ޕީރިއަޑިކް ރިޕޯޓު ހުށަހެޅުމަށް ލިބިގެންދާ މުއްދަތަކީ މި ދާއިރާގައި ފާހަގަކުރެވޭ ހުސް ކަންކަން ދެނެގަނެ، މިހާރު ގާއިމުކުރެވިފައިވާ ނިޒާމާއި ޚިދުމަތްތައް ހަރުދަނާ ކުރުމަށްޓަކައި ދައުލަތުގެ އިދާރާތަކަށް ލިބިގެންދާ ފުރުޞަތެއް ކަމަށް ވިދާޅުވިއެވެ. އަދި މިއަދު މި ބޭއްވޭ ވެލިޑޭޝަން ބައްދަލުވުމުގެ ސަބަބުން މިހާރު އެކުލަވައިލައިފައިވާ ރިޕޯޓަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވެސް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

މި ވެލިޑޭޝަން ބައްދަލުވުމުގައި ދައުލަތުގެ އެކި އިދާރާތަކާއި، ސީޑޯގެ ސެކްޓޯރަލް ކޮމިޓީގައި މިނިސްޓްރީތައް ތަމްސީލުކުރައްވާ ބޭފުޅުންނާއި، މިނިސްޓްރީތަކުގެ ޖެންޑަރ ފޯކަލް ޕޮއިންޓަކުގެ އިތުރުން އދގެ އެކިއެކި އޭޖެންސީތަކާއި، ޖަމުޢިއްޔާތައް ހިމެނޭގޮތަށް ޖުމުލަ 72 ފަރާތަކުން ބައިވެރިވެއެވެ.

މި ވެލިޑޭޝަން ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މިހާރު އެކުލަވައިލައިފައިވާ ރިޕޯޓުގައި ހުރި މަޢުލޫމާތުތައް ވެލިޑޭޓްކުރުމާއި ރިޕޯޓުގައި އިތުރަށް ހިމަނަން ޖެހޭ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.

ޑްރާފްޓް ރިޕޯޓު އެކުލަވައިލުމުގައި ކ.ކާށިދޫ، ކ.ގާފަރު، ދ.ކުޑަހުވަދޫ އަދި ދ.ހުޅުދެލީގައި ގާއިމުކުރެވިފައިވާ ގުޅުންހުރި އިދާރާތަކުގެ ވެސް މަޝްވަރާ ހޯދައިފައިވެއެވެ.

12 ރަބީޢުލްއާޚިރު 1440

19 ޑިސެންބަރު 2018

Leave a Reply

Your email address will not be published. Required fields are marked *