އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ގައުމީ ފެންވަރުގައި ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަން ބައްދަލުވުމެއް ބާއްވައިފި

އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ގައުމީ ފެންވަރުގައި ސްޓޭކް ހޯލްޑަރ ކޮންސަލްޓޭޝަން ބައްދަލުވުމެއް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި ޔުނިސެފް ގުޅިގެން މިއަދު ވަނީ ބާއްވާފައެވެ. މި ބައްދަލުވުން އިފްތިތާޙުކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީ އެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރުމާއި، އެ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގައި އެ ފަރާތްތަކުގެ އަޑު އުފުލުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ބޭއްވި މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސްޓެލްކޯގެ ޖަލްސާ ކުރާ މާލަމުގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ތަފާތު ގިނަ އަނިޔާތައް ހުއްޓުވުމަށް، ކަމާއި ގުޅުންހުރި މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަތުމަށާއި، މި ނިޒާމްގައި ހުރި ބާގަނޑުތައް ދެނެގަނެ އެންމެން ގުޅިގެން މަސައްކަތްކުރެވޭނެ ނިޒާމަކާ ދިމާއަށް ދިއުމަށް މަސައްކަތްކުރުމާއި މުޖްތަމަޢުގައި އެފަދަ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކަކީ ކޮބައިކަން ދެނެގަނެ މިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އެކުގައި މަސައްކަތްކުރަންޖެހޭ ކަމަށެވެ.

 އިތުރަށް ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ މިފަދަ މަސައްކަތްތަކަކީ އެކަނި އެއް މުއައްސަސާއަކަށް ކުރެވޭނެ މަސައްކަތެއް ނޫންކަމަށާއި މިއީ މުޖްތަމަޢުގެ އަފްރާދުންނާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ ކަމާބެހޭ އެންމެހާ އިދާރާތަށް އެކުގައި މަސައްކަތްކޮށްގެން މެނުވީ ނުހުއްޓުވޭނެ މަސައްކަތެއް ކަމަށެވެ.

މި ބައްދަލުވުމުގައި އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތް ކުރާ އެކި ފަރާތްތަކާއި ދައުލަތުގެ އެކި މުއައްސަސާތަކުން ބައިވެރިވެފައިވެއެވެ. އެގޮތުން މި ބައްދަލުވުމުގައި ޔުނިސެފް، އެޓަރނީ ޖެނެރަލްގެ އޮފީސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް ޕޮލިސް ސަރވިސަސް އަދި މަދަނީ ޖަމްއިއްޔާތަކުން ބައިވެރިވެފައިވެއެވެ. އަދި މިބައްދަލުވުމުގައި، ޕްރޮސެކިއުޓަރ ޖެނެލަލް އަލްއުސްތާޛު ޙުސައިން ޝަމީމާއި އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އެދާއިރާތަކުން ކުރާ މަސައްކަތްކުރުމާއި ގުޅޭ ގޮތުން ކުރެވޭނެ މަސައްކަތްތަކާއި އަދި ރަގަޅު ކުރަންޖެހޭ ކަންކަމާއި ގުޅޭ ޕްރެޒެންޓޭޝަނެއް ހުށައަޅުއްވާ ދެއްވާފައެވެ.

18 ޛުލްގައިދާ 1441

09  ޖުލައި  2020

Leave a Reply

Your email address will not be published. Required fields are marked *