އަންހެނުންނަށް ކުރިމަތިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ގޭތެރޭގައި ކުރާ މަސައްކަތްތައް މަސައްކަތެއްގެ ގޮތުގައި ބަލައިނުގަތުން ހިމެނޭ – މިނިސްޓަރ ޝިދާތާ

މި ސަރަޙައްދުގެ އަންހެނުންނަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުންތަކުގެ ތެރޭގައި އުޖޫރަ ނުލިބޭ ގޮތަށް ގޭތެރޭގައި ކުރާ މަސައްކަތްތައް މަސައްކަތެއްގެ ގޮތުގައި ބަލައިނުގަތުން ހިމެނޭ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ނިއު ދިއްލީގައި އޮގަސްޓު މަހުގެ 31ން ސެޕްޓެންބަރުގެ 3ގެ ނިޔަލަށް ކުރިއަށް ދާ ސައުތު އޭޝިއާ ވިމެންސް ނެޓްވޯކް (ސްވޯން)ގެ 10ވަނަ ކޮންފަރެންސްގެ އިފުތިތާހީ ޖަލްސާގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ ކުދިން ބެލުން، ކެއްކުން، ފޮޅާ ސާފުކުރުން، ދޮވެ އިސްތިރިކުރުން، ބާޒާރުކުރުން އަދި އަންހެނުން ގޭތެރޭގައި ކުރާ އެކި ބާވަތުގެ މަސައްކަތްތަކަކީ އުޖޫރައެއް ލިބުމެއް ނެތި ކުރާ މަސައްކަތްތައް ކަމަށާއި، ހަމަ އެހެންމެ އެއީ މަސައްކަތެއްގެ ގޮތުގައި ބެލެވިފައިނުވާ ކަންކަން ކަމަށެވެ. އެހެން ނަމަވެސް ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކީ މި މަސައްކަތްތައް ނުހިނގާ ނަމަ، މުޖުތަމަޢުގެ ހިނގުން ހުއްޓި، އިޤުތިޞާދުގެ ފުނޑުފުނޑުވެގެން ދިޔުން ކަމުގައި މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި، މި ފަހުން ރާއްޖޭގައި ކުރެވުނު ސަރވޭއެއްގައި އުޖޫރަ ލިބިގެންނާއި އުޖޫރަ ނުލިބި ކުރާ މަސައްކަތްތައް އެއްކޮށްލުމުން، ފިރިހެނުންނަށް ވުރެ ގިނަ ވަގުތު އަންހެނުން މަސައްކަތުގައި މަސްއޫލުވެގެން އުޅޭ މިންވަރު އިތުރުކަން ފާހަގަކުރެއްވިއެވެ. އަދި ޕެޓަރނިޓީ ލީވްއަކީ ގޭތެރޭގެ މަސައްކަތްތައް ކުރުމުގައި އޮތް މިންތީގެ ތަފާތު ކުޑަކުރުމަށާއި ވަޒީފާއާއި ޢާއިލާއަށް ވަގުތު ހޯދުމުގައި ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމަށް ތަޢާރަފުކުރެވުނު އެ ފަދަ ސިޔާސަތުތަކުގެ ތެރެއިން އެއް ސިޔާސަތުކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މި ޖަލްސާގައި މިންތީގެ ހަމަހަމަ ކަން ގާއިމުކުރުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށް، އަދި އަންހެނުންގެ ބައިވެރިވުން އިޤުތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން އިތުރުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދަމަހައްޓާނެ ކަމުގެ ޔަޤީންކަން އެ ކަމަނާ ދެއްވިއެވެ.

އޮގަސްޓު މަހުގެ 30ން ސެޕްޓެންބަރު މަހުގެ 8ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަރ ޝިދާތާ އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ނިއު ދިއްލީގައި ކުރިއަށް ދާ ސްވޯންގެ 10ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން މަދްޔަ ޕްރަދޭޝްގެ ސިޓީއެއް ކަމުގައިވާ ޖަބަލްޕޫރްގައި މަދްޔަ ޕްރަދޭޝް އެސޯސިއޭޝަން އޮފް ވިމެން އޮންޓަރޕްރިނިއާސް (އެމް.އޭ.ވީ.އީ)އިން ސެޕްޓެމްބަރު މަހުގެ 6ން 7ށް ކުރިއަށް ގެންދާ ސަސްޓެއިނަބަލް ގްރޮތު އޮފް ވިމެން އޮންޓަރޕްރިނިއަރސް އެންޑް އެކްސްޕޯޓް ޕްރޮމޯޝަން (ސްވީޕް) 2019 އިވެންޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. މި އިވެންޓުގައި ދިވެހިރާއްޖޭގެ 21 މެންބަރުގެ މައްޗަށް އެކުލެވިގެންވާ އަންހެނުންގެ ވަފުދެއް ތަމްސީލުކުރައްވާ އިރު، މި ވަފުދުގެ އެންމެ އިސް ފަރާތަކަށް ވެސް ހުންނަވާނީ އެ ކަމަނާއެވެ.

02  މުޙައްރަމް  1441

01 ސެޕްޓެންބަރު 2019

Leave a Reply

Your email address will not be published. Required fields are marked *