“ކޮންވަރސް ވިތް މިނިސްޓަރ” މި ޙަރަކާތަކީ އަންހެން ކުދިންގެ އަޑުއަހައި، އެ ކުދިން ބާރުވެރިކުރުވައި، ބައިވެރިވުން އިތުރުކުރުވުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއް – މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ

“ކޮންވަރސް ވިތް މިނިސްޓަރ” މި ހަރަކާތަކީ އަންހެން ކުދިންގެ އަޑުއަހައި، އެ ކުދިން ބާރުވެރިކުރުވައި، ބައިވެރިވުން އިތުރުކުރުވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ “ކޮންވަރސް ވިތު މިނިސްޓަރ” މި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

“ކޮންވަރސް ވިތު މިނިސްޓަރ” އަކީ މި އަހަރުގެ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންހެން ކުދިންގެ އަޑުއަހައި، އެ ކުދިން ބާރުވެރިކުރުވައި، ބައިވެރިވުން އިތުރު ކުރުމަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައި މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ އާ އެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުން އުމުރުން 10 އަހަރާއި 17 އަހަރާ ދެމެދުގެ އަންހެން ކުދިން ބައިވެރި ކޮށްގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.  

ވީޑިއޯ ކޮންފަރެންސެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ބައިވެރިވި ކުދިން މިނިސްޓަރއާ ކުރި ސުވާލުތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ކަންކަން ނިންމާ މަރުޙަލާގައި އަންހެން ކުދިންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ހަމަހަމަ ކަމާއެކު ފުރުޞަތުތައް ހޯދައިދިނުމަށް ކުރާ މަސައްކަތްތަކާއި، އަންހެން ކުދިންނާއި އަންހެނުންނަށް ރައްކާތެރި މުޖުތަމަޢެއް ޤާއިމުކުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުންނެވެ.

މި ހަރަކާތުގައި ބައިވެރިވި ކުދިންނާ މުޚާޠިބުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުވުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް މައިގަނޑު ގޮތެއްގައި އަމާޒު ކޮށްފައިވަނީ އަންހެން ކުދިން އެ ކުދިންގެ އަމިއްލަ ނަފުސާ މެދު ދެކޭގޮތް ހަރުދަނާކުރުމަށާއި، ކޮންމެ ކުއްޖަކީ ވެސް ޤާބިލުކަން ހުރި ކުއްޖެއްކަމާއި، މާދާމާގެ އިސް މަޤާމުތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަށް ކަމަށެވެ. އަދި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކަކީ މި ސަރުކާރުން އިސްކަންދީގެން ކުރަމުންދާނެ މަސައްކަތްތަކެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ އަންހެން ކުދިންގެ ދުވަހަކީ، އަންހެން ކުދިންގެ ޙައްޤުތައް ކުރިއެރުވުމަށާއި އަންހެންކުއްޖަކަށް ވީތީ މުޖުތަމަޢުގައި ދިމާވާ ގޮންޖެހުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އ.ދ.ގެ ޢާންމު މަޖިލީހުން ފާސްކުރައްވައި، 2011ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މި އަހަރުގެ އަންހެންކުދިންގެ ދުވަހުގެ ޝިޔާރަކީ “އަހަރެންގެ އަޑު:އަހަރެންގެ ހަމަހަމަ މުސްތަޤުބަލު”އެވެ.

24 ޞަފަރު 1442

11 އޮކްޓޫބަރު 2020

Leave a Reply

Your email address will not be published. Required fields are marked *