ކުޑަކުދިންގެ ހިޔާގެ ކުދިންނަށް އިންޓާރންޝިޕް ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާ ދެމެދު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް އިންޓަރންޝިޕް ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓާއި މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާ ދެމެދު މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި އިއްޔެ ސޮއިކޮށްފިއެވެ.

ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ މިސްޓަރ ސްޓެފަނޯ ރޫޒާއެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕްރޮގްރާމް މެނޭޖަރ އަލްފާޟިލާ ޖަލާ ޒުހުރީއެވެ.

މި އެމް.އޯ.ޔޫގެ ދަށުން ކުޑަކުދިންގެ ހިޔާގެ 16 އަހަރާއި 18 އަހަރާ ދެމެދުގެ އުމުރުގެ ކުދިންނަށް، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގައި 1 އަހަރު ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް ފުރުޞަތު ލިބި، ހޮސްޕިޓަލިޓީ އަދި ޓޫރިޒަމްގެ ދާއިރާއިން ކުރިއަށް ދިޔުމުގެ މަގު ހުޅުވިގެންދާނެއެވެ.  

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީއާއި ހިލްޓަން އޭޝިއާ ޕެސިފިކް، ވައިސް ޕްރެޒިޑެންޓް އޮފް އޮޕަރޭޝަންސް މިސްޓަރ ޑެނިއަލް ވެލްކްއާއި މިނިސްޓްރީ އަދި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒެނީޝާ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު 130އަށް ވުރެ ގިނަ ކުދިން ދިރިއުޅެމުން ދާ އިރު، އެ ކުދިންނަށް ބޭނުންވާ ރައްކައުތެރިކަމާއި އަޅައިލުން ދިނުމުގެ އިތުރުން އެ ކުދިންނަށް އެކި ދާއިރާތަކުން މި ފަދަ އިތުރު ފުރުޞަތުތައް ތަނަވަސްކޮށް ދީ، މުސްތަޤުބަލުގައި އެ ކުދިން ވަޒީފާގެ މާޙައުލަށް ނުކުތުމަށް ބޭނުންވާ ޢިލްމާއި ހުނަރު ތަރައްޤީކުރުމަކީ ވެސް މިނިސްޓްރީގެ އަމާޒެއްކަމަށެވެ.

މިނިސްޓްރީއާއި އަނަންތާރާ ރިސޯޓާ ދެމެދު މި ފަދަ އެމް.އޯ.ޔޫއެއްގައި މީގެ ކުރިން ވަނީ ސޮއިކޮށްފައެވެ. މި އެމް.އޯ.ޔޫގެ ދަށުން ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް މި ވަގުތު އަންނަނީ އަނަންތާރާ މޯލްޑިވްސްގައި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރަމުންނެވެ.

10 ޛުލްޤަޢިދާ 1439

23  ޖުލައި  2018

Leave a Reply

Your email address will not be published. Required fields are marked *