ކުޑަކުދިންނަށް ޚާއްޞަ އިންޓަވިއު ރޫމްތަކެއް ގއ.ވިލިނގިއްޔާއި ގދ.ތިނަދޫގައި ގާއިމުކޮށްފި

ކުޑަކުދިންނަށް ޚާއްޞަ އިންޓަވިއު ރޫމް (ޗައިލްޑް-ފްރެންޑްލީ އިންޓަރވިއު ރޫމް)ތަކެއް ގއ.ވިލިނގިއްޔާއި ގދ.ތިނަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރު (އެފް.ސީ.އެސް.ސީ)ތަކުގައި ގާއިމުކޮށްފިއެވެ.

ޔުނިސެފް މޯލްޑިވްސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ގާއިމުކުރި މި ދެ އިންޓަވިއު ރޫމްތަކުގެ ތެރެއިން ގއ.ވިލިނގިލީގައި ގާއިމުކުރެވުނު އިންޓަވިއު ރޫމް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީއެވެ. އަދި ގދ.ތިނަދޫގައި ގާއިމުކުރެވުނު އިންޓަވިއު ރޫމް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ އެންޑް ފެމިލީ ޑރ. މަރިޔަމް ޖަބީނެވެ.

ގއ.ވިލިނގިލީގައި ގާއިމުކުރެވުނު އިންޓަވިއު ރޫމް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޒެނީޝާ ވިދާޅުވީ މިނިސްޓްރީއަށް އެންމެ ގިނައިން ރިޕޯޓުކުރަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތައް ކަމަށާއި، މިހެން ކަމުން ތަޙުޤީޤުގެ މަރުޙަލާގައި ކުޑަކުދިންނަށް ކުރިމަތިވާ ނުތަނަވަސްކަން ކުޑަކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މި ފަދަ ވަސީލަތްތައް ގާއިމުކުރެވިފައި ހުރުން ވަރަށް މުހިންމު ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހައި އަތޮޅެއްގައި ޗައިލްޑް-ފްރެންޑްލީ އިންޓަރވިއު ރޫމް ގާއިމުކުރުން ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

ކުޑަކުދިންނަށް ޚާއްޞަ އިންޓަވިއު ރޫމް ގާއިމުކުރުމުގެ މަޤްޞަދަކީ ހާނީއްކައާއި އިހުމާލު އަދި އަނިޔާގެ ޝިކާރައަށް ވެފައިވާ ކުދިންނާ މުޢާމަލާތުކުރުމަށް އެކަށީގެންވާ މާޙައުލެއް ގާއިމުކޮށްދީ، ކުޑަކުދިންނާ ގުޅުންހުރި ތަޙުޤީޤުތައް ހަރުދަނާކުރުމެވެ. މި ގޮތުން ފ.ނިލަންދޫ އަދި ދ.ކުޑަހުވަދޫގައި ވަނީ މި ފަދަ އިންޓަވިއު ރޫމްތަކެއް މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި ގާއިމުކުރެވިފައެވެ.

19 ޝަޢުބާން 1439

05   މޭ   2018

Leave a Reply

Your email address will not be published. Required fields are marked *