ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ދެއްވާ މެސެޖް

މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރެވޭ އާއިލާތަކުގެ ދުވަސް. އާއިލާތަކުގެ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިއްމު އެއް ބޭނުމަކީ އާއިލާތަކަށް އަސަރުކޮށްފާނެ އިޖްތިމާއީ، އިގްތިސާދީ އަދި އާބާދީ އާ ގުޅުންހުރި ކަންކަމާ މެދު މުޖްތަމައުގެ މެދުގައި އޮތް ހޭލުންތެރިކަން އިތުރުކޮށް ދުޅަހެޔޮ އަދި ބަދަހި އާއިލާތަކެއް ބިނާކުރުމަށް ބޭނުންވާ މުހިއްމުކަންކަމާ މެދު ކަމާ ގުޅޭ އިދާރާތައް ހިމެނޭ ގޮތުން މުޅި މުޖުތަމައު ހޭލުންތެރިކުރުވުން.

އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ އާއިލާތަކުގެ ދުވަސް އަޅުގަނޑުމެންނާ ބައްދަލުކޮށްފައި މިވަނީ ވަރަށް ގިނަ އާއިލާތަކަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގަ. ކޯވިޑް 19 ގެ ސަބަބުން ގިނަ އާއިލާތަކަކަށް އެކި ކަހަލަ ދަތިތައް ތަހައްމަލުކުރަންޖެހިފައި އޮތް މި ދަނޑިވަޅުގައި އާއިލާތަކުން ދައްކަވަމުން އަންނަ ކެތްތެރިކަމަކީ މިފުރުސަތަގައި ފާހަގަކޮންނުލައި ދޫކޮށްލަން އަޅުގަނޑަށް ފަސޭހަކަމެއް ނޫން. ހާލަތުގެ ނާޒުކު ކަމާއެކު އާއިލާގެ މެންބަރުން އެކީގައި ގޭގައި މަޑުކުރަން ޖެހިފައި އޮތް ނަމަވެސް އެ ފުރުސަތު ފަހިވެފައި ނެތް ގިނަ އާއިލާތަކެއްވެސް އެބަތބި. ކޯވިޑް 19 އާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގައި ފްރަންޓްލައިންގައި މަސައްކަތްކުރައްވާ ބައެއް ފަރާތްތަކަށް އާއިލާ އާ ބައްދަލުނުކުރެވޭތާ އެތައް ދުވަހެއް ވެއްޖެ. ކޮންމެ ދުވަހަކު އާއިލާ އާއި ބައްދަލުވި ނަމަވެސް ތިމާ އާއި އާއިލާގެ ރައްކާތެރިކަމަށް ނުރައްކާ އޮތް ހިނދުވެސް ގައުމީ ހިދުމަތަށް ނުކުމެ މަސައްކަތްކުރައްވާ ފަރާތްތައް އެބަތިބި. މީގެ އިތުރުން ބައްޔަށް ޕޮޒިޓިވް ވުމުގެ ސަބަބުންނާއި، ކޮންޓެކްޓް ޓްރޭސިންގް ގެ ތެރެއިން ފާހަގަކުރެވިގެން އައިސޮލޭޓްކޮށް ނުވަތަ ކޮރަންޓީން ކުރުމުގެ ސަބަބުން އާއިލާ އާ ދުރުގައި ވަގުތުތައް ހޭދަކުރަންޖެހިފައިވާ ފަރާތްތައް ވެސް އެބަތިބި. މި ހުރިހާ ފަރާތްތަކަށް އެފަރާތްތައް ނިސްބަތްވާ އާއިލާގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަކީ އެފަރާތްތަކަށް ސާބިތުކަމާއެކު މަސައްކަތުގައި ދެމިތިބުމަށް ލިބޭ އެންމެ ބޮޑު ހިތްވަރުކަމުގައި އަޅުގަނޑު ގަބޫލުކުރަން. ގައުމުގެ މުޅި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގައި އެ އާއިލާތަކުން ވަމުން އަންނަ މަތިވެރި ގުރުބާނީގެ އާޚިރު ނަތީޖާއަކަށް އިރާދަކުރެއްވިއްޔާ ވާނީ ދިވެހި އެންމެހާ އާއިލާތަކަށް މި އުނދަގޫ ހާލަތުން އަރައިގަނެވި އެހުރިހާ އާއިލާތަކަށް އަލުން އުފާވެރިކަމާއެކު އުޅެވޭނެ ދުވަސްތަކެއް ފެނުން. އެހެންކަމުން މި ހާލަތާއި ގުޅިގެން އާއިލާ އާއި ދުރުގައި ތިބި ފަރާތްތަކަށް އެފަރާތްތަކުގެ އާއިލާ އިން ލިބެމުން އަންނަ އެއްބާރުލުމަށް އެ އާއިލާތަކަށް ސެލިއުޓްކުރާ ހާލު އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން.

ކޯވިޑް 19 އިން އަޅުގަނޑުމެންނަށް ދަސްކޮށްދިން އެއް ފިލާވަޅަކީ އާއިލީ ގުޅުމުގެ މުހިއްމުކަން. އާއިލާގެ ރައްކާތެރިކަމާއި، ދުޅަހެޔޮކަން ކަށަވަރުކުރުމުގައި އާއިލާގެ ކޮންމެ މެންބަރެއްގެވެސް މުހިއްމު ދައުރެއް އޮތްކަން. އަދި، އާއިލާގެ މެންބަރުންގެ އެކި ބޭނުންތަކަށް ފަރުވާ އެއް ހޯދުމުގައި މުޅި އާއިލާ ޝާމިލްވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން.  މި މުހިއްމު ފިލާވަޅާއެކު މިއަދު އަޅުގަނޑުމެންގެ އަޒުމަކަށް ހަދަންވީ މި ކުރިމަތިވި ހާލަތާއެކު ބަދަހިކުރެވުނު އާއިލީ ގުޅުން އަބަދުވެސް އެގޮތުގައި ދެމެހެއްޓުން. މުޅި އާއިލާގެ ރައްކާތެރިކަމަށްޓަކައި ފަރުދީ ގޮތުން ރައްކާތެރިވުމަށް ކުރި މަސައްކަތް، ނިމުމެއް ނެތް މަސައްކަތެއް ކަމުގައި ހެދުން. އަދި އާއިލާގެ އެއް މެންބަރަކު އަނެއް މެންބަރަކަށް ދިން ވަގުތާއި، އެކަކު އަނެކަކަށްޓަކައި ވީ ގުރުބާނީ އަކީ އެއްވެސް އިރެއްގައި މެދުކަނޑައި ނުލެވޭނެ ކަންކަންކަމުގައި ގަބޫލުކުރުން.

އާއިލާތަކުގެ ދުވަހު އަޅުގަނޑުމެންގެ ވިސްނުމުގައި އިތުރަށް ބަހައްޓަންވީ މުހިއްމު އަނެއް ކަމަކީ އާއިލާ އާއި މުޖްތަމައަކީ ގުޅި ލާމެހިފައިވާ ދެ ބަހާ ކަން މުޅި މުޖްތަމައުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި އާއިލާތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުން މުހިއްމުވާ ފަދައިން މުޖްތަމައުގައި ހިނގާ ކޮންމެ ކަމެއްގެ އަސަރު ވަކިވަކި އާއިލާތަކަށް ނުކޮށް ދިއުމަކީ ދުރުކަމެއް ކަން.

ކަން މިހެން އޮތުމާއެކު އަޅުގަނޑުމެން ކޮންމެ ރައްޔިތަކުވެސް ގަބޫލުކުރަންވީ އެއް ހަގީގަތަކީ އަޅުގަނޑުމެންގެ ގައުމުގެ ކުރިމަގަށްޓަކައި އާއިލާއެއްގެ ތެރޭގައި އޮންނަ ގުޅުން ވަރަގަދަވާންޖެހޭ ކަން. މުޅި މުޖްތަމައުގެ ހެވަށްޓަކައި އާއިލީ ގުޅުންތައް ހީނަރުވެދާނެ އެއްވެސް ކަމަކަށް ޖާގަ ނުދިނުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާ އެއްކަން. އަދި، ހަމަ އެއާއެކު އާއިލާ އާއި ދުރުގައި ހުރެ ގެއިން ބޭރުގައި ކުރާ ކޮންމެ އަމަލަކީވެސް ތިމާގެ އާއިލާ އެކޭ އެއްފަދައިން އެހެން އާއިލާތަކަށްވެސް އޭގެ ރަގަޅު ނުވަތަ ނުރަގަޅު އަސަރު ކޮށްފާނެ އަމަލެއް ކަން. މި ސަބަބުތަކަށްޓަކައި އާއިލާ އާއި މުޅި މުޖްތަމައުގެ މަންފާ އަށްޓަކައި އެކަކު އަނެކަކަށް އިހުތިރާމާއި، އޯގާތެރިކަމާއެކު އަޅާލާ، ޒިންމާދާރު ރައްޔިތަކަށްވުމަށް ތިޔަ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސްކުރަން.

އަޅުގަނޑުގެ ދުޢާ އަކީ އަޅުގަނޑުމެންނަށް ކުރިމަތިވެފައި މިއޮތް އުނދަގޫ ހާލަތަކުން ސަލާމަތްވެ، އާއިލާތަކަށް އުފާވެރިކަމާއެކު އާއްމު ހާލަތައް އަވަސް ފުރުސަތެއްގައި ރުޖޫއަ ވެވޭނެ މަގު މާތް ﷲ ގެ މިންވަރު ފުޅާއެކު ފަހިވެގެންދިއުން. އަދި އެކަލާނގެ އިރާދަފުޅާއެކު އަޅުގަނޑުމެންގެ ކޮންމެ އާއިލާ އަކީ ދުޅަހެޔޮ އަދި ބަދަހި އާއިލާއެއް ކަމުގައި ލެއްވުން. އާމީން.

Leave a Reply

Your email address will not be published. Required fields are marked *