ބައިނަލްއަޤްވާމީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަސް އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމަށް ހިންގޭ 16 ދުވަހުގެ ހަރަކާތް

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 25ން ފެށިގެން ޑިސެންބަރު މަހުގެ 10 ވަނަ ދުވަހާއި ހަމައަށް، އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް، ބައިނައަޤްވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކާއި، ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހަރަކާތްތައް ހަރުދަނާކޮށް އަދި މިފަދަ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކާއި އިތުރަށް ކުރެވެން އޮތް ކަންތައްތައް ދެނެގަތުމުގެ މަޤްސަދުގައި ހިންގާ ކެމްޕޭނެކެވެ.

ބައިނަލްއަޤްވާމީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހު ފެށޭ މި ކެމްޕެއިން ނިމެނީ ޑިސެންބަރު 10 ކަމަށްވާ ބައިނަލްއަޤްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުންނެވެ. ބައިނަލްއަޤްވާމީ ގޮތުން މި ކެމްޕެއިން ފާހަގަކުރާތާ މިއީ  30 ވަނަ އަހަރެވެ.  އެގޮތުން މި އަހަރުގެ ކެމްޕެއިނަށް އދ ގެ އަންހެނުންނާ ގުޅޭ ޖަމިއްޔާ ‘ޔޫއެންވިމަން’ އިން ކަނޑައަޅާފައިވާ ޝިއާރަކީ “އޮރެންޖް ދަ ވޯރލްޑް: އެންޑް ވަޔަލެންސް އެގެންސްޓް ވިމަން ނައު!”

16 ދުވަހުގެ މި ކެމްޕެއިންގެ ރަސްމީ ކުލައަކީ އޮރެންޖް ކުލައެވެ. މިކުލަ ރަމްޒުކޮށްދެނީ އެއްބައިވަންތަކަމާއެކު އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާއިން ރައްކާތެރި މުޖްތަމައަކާއި ފާގަތި މުސްތަގްބަލެއް ހޯދައިދިނުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކެވެ. އެހެންކަމުން މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަދި ދިވެހިރާއްޖޭގައިވެސް މި ކުލަ ބޭނުންކޮށްގެން ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދެވެއެވެ. އޭގެ ތެރޭގައި:

  • ނޮވެމްބަރު 25 ވަނަ ދުވަހުގެ ރޭ ބޮޑެތި ޢިމާރާތްތަށް އޮރެންޖް ކުލައިން ދިއްލާފައި ބެހެއްޓުން.
  • މި ޙަރަކާތުގައި ބައިވެރިވާކަން ރަމްޒުކޮށްދިނުމަށްޓަކައި 25 ނޮވެންބަރު ވަނަ ދުވަހު އޮރެންޖް ކުލައިން ހެދުން އެޅުން.
  • އޮރެންޖް ރިބަން ބޭނުންކުރުން.

މި ކެމްޕެއިންގައި ސަރުކާރާއި، އެކި އެކި މުއައްސަސާތަކުންނާއި ކުންފުނިތަކުންނާއި އަމިއްލަ ޖަމްޢިއްޔާތަކާއި، އަދި އދ ގެ ޖަމިއްޔާތަކުންނާއި އަމިއްލަ ފަރުދުންގެ ހައިސިއްޔަތުން ބައިވެރިވެއެވެ. މިގޮތުން:

  • މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގެ މުހިއްމުކަމާބެހޭގޮތުން ތަމްރީން ޕްރޮގްރާމް ހިންގުން
  • ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި އެކަމާބެހޭގޮތުން އެކުލަވާލެވިފައިވާ ގާނޫނޫތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުން
  • އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ފޯރުކޮށްދެވޭ ހިދުމަތްތައް ހަރުދަނާކުރުމަށް ކަމާގުޅުންހުރި ތަމްރީން ޕްރޮގްރާމް ހިންގުން

އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ އަކީ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އެންމެ ބޮޑު އެއް މައްސަލައެވެ. މި ކެމްޕޭންގެ އެންމެ މައިގަނޑު މަޤްސަދަކީ، މިފަދަ އަނިޔާއަކީ ހުއްޓުވޭނެ ކަމެއްކަން ދައްކުވައިދީ،  އެކި ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ ތެރެއިން ކާބިޔާބު ކަންކަން ދެނެގަނެ، އެކަންކަމުގެ މަޢުލޫމާތު ހިއްސާކޮށް، މިހާރު ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، މިފަދަ މަސައްކަތްތައް ކުރަމުންދާ ފަރާތްތަކަށް ހިތްވަރު ދިނުމެވެ.

މި ކެމްޕެއިންގެ ތެރެއިން އަންހެނުން އިސްނަގައިގެން ހިންގާ ހަރަކާތްތައް، ޚާއްސަކޮށް އަންހެނުންނާއި އަންހެނުން ކުދިންނަށް ކުރާ އަނިޔާއަށް ދެކޮޅަށް ކުރާ މަސައްކަތްތައް ފާހަގަކޮށް ހިތްވަރުދީ، އަންހެނުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރާ މަސައްކަތުގައި އަންހެނުންނާއި އަންހެން ކުދިންގެ އިންސާނީ ހައްގުތައް މަހުރޫމު ނުކޮށް، އެ ފަރާތްތަކަށް މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބޭނެފަދަ، އަމާން މުޖުތަމައުއެއް ބިނާކުރުމަކީ މުޖުތަމަޢުގެ އެންމެންގެ ޒިންމާއެކެވެ. އަދި މިފަދަ މަސައްކަތްތަކުގައި، އެއްވެސް މީހަކު ބާކީ ނުވާނެހެން، މުޖުތަމައުގައި ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކާއި، މުޖުތަމައުގައި އެކަހެރިވެފައިވާ ފަރާތްތައް ހިމަނަންވާނެއެވެ.

ކޮވިޑް 19ގެ ސަބަބުން ދިވެހިރާއްޖޭގައި ދިމާވަމުންދާ އިޖްތިމާޢި މައްސަލަތަކާއި އިތުރުވަމުންދާ އަނިޔާގެ މައްސަލަތައް ހުއްޓުވުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ‘ގެވެށި ގުޅުން’ ގެ ނަމުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕެއިނެއްވެސް ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި ހަމަ އެއާއެކު ގެވެށި އަނިޔާގެ މައްސަލަތަކާއި އިޖްތިމާޢީ މައްސަލަތައް ރިޕޯޓުކުރުމަށްޓަކައި ޚާއްސަ ހޮޓްލައިނެއް، 1421،  ޤާއިމުކޮށް ބޭނުންކުރެވެމުންދެއެވެ.

އަންހެނުންނާއި ފިރިހެނުންނާއި އަދި އަންހެންކުދިންނާއި ފިރިހެންކުދިންގެ ދެމެދުގައި މިންތީގެ ހަމަހަމަކަން ގާއިމުކޮށް އާއިލާގެ ތެރޭގައި ހަމަހަމަ ކަމާއި އަދުލުވެރިކަމާއި އިހްތިރާމުކުރުމަށް ހިތްވަރުދޭ ވެއްޓެއް ބިނާކުރުމަކީ މުހިންމު ކަމެކެވެ. އަނިޔާ ހުއްޓުވުމަކީ ހަމައެކަނި އަންހެނުންގެ ޒިންމާއެއް ކަމަށް ނުހަދާ އެއީ އެންމެންގެ ޒިންމާއެއް ކަމުގައި ދެކި، މިކަން ހުއްޓުވުމަށް އެންމެން އެކީގައި މަސައްކަތް ކުރުން މުހިއްމެވެ.

20 ރަބީޢުލްއާޚިރު 1443

25 ނޮވެންބަރު 2021

Leave a Reply

Your email address will not be published. Required fields are marked *