ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ނެރޭ ނޫސްބަޔާން

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހައި އަންހެނުންނަށް އަރިސްކުރަމެވެ. މި އަހަރުގެ ޝިޢާރަކީ Women in Leadership: Achieving an equal future in a COVID-19 world ” “އިސް ސަފުގައި އަންހެނުން: ކޮވިޑް-19ގެ ދުނިޔޭގައި ހަމަހަމަ މުސްތަޤުބަލެއް ހޯދުން” މިއެވެ.  

މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ދަތި ދުވަސްތަކުގައި، މި ބަލިމަޑުކަމުން އަރައިގަތުމުގައި އެކިއެކި ދާއިރާތަކުގެ ކުރީ ސަފުގައި އަދި ބަސްބުނުމުގައި އަންހެނުން ޝާމިލުވެ، ކުރަމުންދާ އަގުހުރި މަސައްކަތްތަކުގެ އަގު ވަޒަންކޮށް ޝުކުރުދަންނަވަމެވެ. އަދި މި ދަނޑިވަޅުގައި ކަނޑައެޅިގެންދާ ސިޔާސަތުތަކާއި އެޅެމުންދާ ފިޔަވަޅުތަކަކީ ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ހަމަހަމަ ޙިއްޞާ ބޭނުންވާކަން ދައްކުވައިދޭ ލާމަސީލު މިސާލެކެވެ.

ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމުގައި އަންހެނުންނާއި ފިރިހެނުން އެއްހަމައެއްގައި ބައިވެރިވުން މުހިންމެވެ. އަދި ސިޔާސީ، އިޤްތިޞާދީ އަދި އިޖުތިމާޢީ ދާއިރާތަކުގައި މުޅި މުޖުތަމަޢުގެ މަޞްލަޙަތު ހިމާޔަތްކުރެވޭ ގޮތަށް ކަންކަން ނިންމޭނީ ބަސްބުނުމުގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދީ މިންތީގެ ހަމަހަމަކަން ޤާއިމުކޮށްގެންނެވެ.

އަންހެނުން އިސް ސަފުގައި ހަރަކާތްތެރިވުމުގައި ކުރިމަތިވާ ގޮންޖެހުންތައް ނައްތާލެވޭނީ ޒަމާނުއްސުރެ އަޅުގަޑުމެންގެ މި މުޖުތަމަޢުގައި ހުރި މިންތީގެ ތަފާތުތައް ނައްތާލެވިގެންނެވެ. މުޖުތަމަޢު ތެރޭގައި އަންހެނާގެ ޝަޚުސު އަދި އަންހެނާގެ ކުރިއެރުމާއި މެދު އުފެދިފައިވާ ޚިޔާލުތަކާއި ފިކުރުތަކަކީ ހަމައެކަނި އަންހެނުން މަސައްކަތްކޮށްގެން ބަދަލުކުރެވޭނެ ކަމެއް ނޫނެވެ. މިފަދަ ޤަބޫލުކުރުންތަކާއި ވިސްނުން ބަދަލުކުރުމަކީ އާއިލާ ތެރެއިން، ތައުލީމާއި ތަރުބިއްޔަތު ދިނުމުގައި އަދި މުޖުތަމަޢު ތެރޭގައާއި ވަޒީފާގެ މާޙައުލުގައިވެސް ވިސްނަންޖެހޭކަންކަން ކަމުގައި ފާހަގަކުރަމެވެ.

“ވަޒީފާގެ މާހައުލުގައި އަންހެނުން މަސައްކަތްކުރުމަށް ރައްކާތެރި ފަހި މާހައުލެއް ގާއިމުކުރުމަށް ސަމާލުކަންދީ ވަޒިފާއަށް ނިކުތުމަށް ހުރި ހުރަސްތައް ނައްތާލުމަށް މުޅި މުޖުތުމައު އެކުގައި މަސައްކަތްކުރަމާ!”

 – ޢާއިޝަތު މުޙައްމަދު ދީދީ، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް

 

އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ އަންހެނުންނާ އަންހެން ކުދިންނަށް، އަމާން، ފުރުޞަތުތައް ފަހި، ހުރިހާ ދާއިރާއަކުން ވެސް ކުރިއަށްދެވޭނެ ފަދަ ހަމަހަމަ މުޖުތަމަޢަކަށް ހަދަމާތޯއެވެ.

 

24 ރަޖަބް 1442

08 މާރިޗު 2021

Leave a Reply

Your email address will not be published. Required fields are marked *