ރަމަޟާން މަހަށް ޚާއްޞަ ޕްރޮގްރާމްތަކެއް ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ހިންގައިފި

ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން ރަމަޟާން މަހަށް ޙާއްޞަ ޕްރޮގްރާމްތަކެއް ހިންގައިފިއެވެ.

ހުޅުމާލޭގައި ހިންގާ ކުޑަކުދިން ބަލަހައްޓާ މަރުކަޒު ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން ހިންގައިފައިވަނީ ޤުރުއާން މުބާރާތަކާއި މަދަހަ މުބާރާތެކެވެ. މި މަހުގެ 10އިން 14އަށް އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި މުބާރާތްތަކުގައި ގްރޭޑް 1ން ފެށިގެން 5އާ ދެމެދުގެ ގްރޭޑްތަކުގައި ކިޔަވާ ކުދިން ބައިވެރިވެފައިވެއެވެ. އެ ގޮތުން، މަދަހަ މުބާރާތުގައި 36 ކުދިން ބައިވެރިވެފައިވާއިރު، ޤުރުއާން މުބާރާތުގައި 58 ކުދިން ބައިވެރިވެފައިވެއެވެ.

މިނިސްޓްރީގެ ދަށުން ވިލިނގިލީގައި ހިންގާ ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެހީތެރިކަމާއެކު އިންތިޒާމުކޮށްފައިވަނީ ޤުރުއާން މުބާރާތެކެވެ. މި މުބާރާތުގައި 11 އަހަރާއި 18 އަހަރާ ދެމެދުގެ 39 ކުދިން ބައިވެރިވެފައިވެއެވެ. މިއީ އެމް.އެން.ޑީ.އެފް.ގެ އެހީތެރިކަމާއެކު ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންނަށް އަމާޒުކޮށްގެން މި މުބާރާތް އިންތިޒާމުކުރާ ދެވަނަ އަހަރެވެ.

ދަޢުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންގެ ދުޅަހެޔޮކަމާއި ޤާބިލުކަން އިތުރުކުރުމަކީ މިނިސްޓްރީން ޚާއްޞަ އިސްކަމެއްދޭ ކަމެކެވެ. މި ގޮތުން، ކުދިންގެ ޝައުޤުވެރިކަން ހުންނަ އެކި ދާއިރާތަކުން ކުދިންގެ ހުނަރު ތަރައްޤީކުރުމުގެ މަޤްޞަދުގައި، މިނިސްޓްރީން އަންނަނީ ތަފާތު މުނާސަބަތުތަކާ ގުޅުވައިގެން މި ފަދަ ޕްރޮގްރާމްތައް ހިންގަމުންނެވެ.

30 ރަމަޟާން 1439

14  ޖޫން   2018

 

Leave a Reply

Your email address will not be published. Required fields are marked *