ނޫސް ބަޔާން

ބާޒާރުމަތީ ސަރަޙައްދުގައި ބައެއް ފަރާތްތަކުން ޒަރޫރީ އެކިއެކި ބޭނުންތައް ފުއްދުމަށް ކަމަށް ބުނެ އެކި ފަރާތްތަކުގެ އެހީތެރިކަމަށް އެދި ސަލާންޖަހާ ކަން ފާހަގަކުރެވިފައިވާތީ، 2019 ފެބުރުވަރީ މަހުގެ 1ވަނަ ދުވަހު މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ވަނީ މި ސަރަޙައްދަށް ޒިޔާރަތްކޮށް، އެ ފަރާތްތަކުގެ ޙާލަތު އޮޅުންފިލުއްވައިފައެވެ.

އެ ޒިޔާރަތުގައި އެ ފަރާތްތަކުން ޙިއްޞާކުރި ކަންބޮޑުވުންތަކުގެ ތެރޭގައި:

(ހ) ވަޒީފާއެއް ނެތުން ނުވަތަ ނުލިބުން.

(ށ) ނުކުޅެދުންތެރިކަމެއް ހުރުން ނުވަތަ ބޭސްފަރުވާ ކުރުމަށް މާލީގޮތުން ނުކުޅެދިފައިވުން.

(ނ) ބޯހިޔާވަހިކަން ހޯދުމުގައި ދަތިތަކެއް ހުރުން.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި، ކުޑަކުދިންނަށާއި، އުމުރުން ދުވަސްވީ މީހުންނަށާއި، ދައުލަތުގެ ހިމާޔަތާއި ރައްކައުތެރިކަން ބޭނުންވާ މީހުންނަށާއި ޢާއިލާތަކަށް އިޖުތިމާޢީ ރައްކައުތެރިކަން ކަށަވަރުކުރުމަކީ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަމެއް ކަމުގައިވާ އިރު، މި ބާވަތުގެ މައްސަލަތައް ޙައްލުކުރުމުގެ މަޤްޞަދުގައި 2019 ފެބުރުވަރީ މަހުގެ 11ވަނަ ދުވަހު މިނިސްޓަރ ޝިދާތާ ވަނީ “އިންޓަރވެންޝަން”ގެ ނަމުގައި 4 މެންބަރުންގެ ކޮމިޓީއެއް އެކުލަވައިލައިފައެވެ.

މި ކޮމިޓީގެ މަސައްކަތްތަކުގެ ތެރޭގައި ދައުލަތުގެ ހިމާޔަތާއި ރައްކައުތެރިކަން ބޭނުންވާ ފަރާތްތަކަކީ ކޮބައިކަން ދެނެގަނެ، އެ ފަރާތްތަކުގެ ޙާލަތު ބަލައި، އެ ފަރާތްތަކަށް ވެވިދާނެ އެހީތެރިކަމަކީ ކޮބައިކަން އޮޅުންފިލުވައި، އެ އެހީތެރިކަމެއް ލިބޭނެ ނުވަތަ ފޯރުކޮށްދެވޭނެ ވުޒާރާ، މުއައްސަސާ އަދި މަރުކަޒަކާ އެ ފަރާތެއް ގުޅުވައިދިނުން ހިމެނެއެވެ.

އިންޓަރވެންޝަން ކޮމިޓީގެ ފަރާތުން މިހައިތަނަށް މި ފަދަ 20 ފަރާތެއްގެ ޙާލަތު ދެނެގަނެ، އަންނިވި ކުރިއެރުންތައް ވަނީ ހޯދައިފައެވެ.

(1) ސޯޝަލް ޕްރޮޓެކްޝަން ސިސްޓަމްގެ ތެރެއިން ތަފާތު އެކި އެލަވަންސްތައް ލިބުމަށް ޝަރުޠު ހަމަވާ، އެހެން ނަމަވެސް މިހައިތަނަށް އެ ފަދަ އެލަވަންސެއް ލިބެމުން ނުދާ ފަރާތްތަކަށް މި އެލަވަންސްތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދެވި، އެލަވަންސް ލިބޭނެ މަގުފަހިކޮށްދިނުން. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ފަދަ މުހިންމު ލިޔެކިޔުންތައް ނެތް ފަރާތްތަކަށް އެ ތަކެތި ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

(2) ބޭސްފަރުވާ ކުރުމަށް މާލީގޮތުން ނުކުޅެދިފައިވާ ފަރާތްތައް ޑޮކްޓަރަށް ދެއްކުމަށް އެހީތެރިވެދީ، ބޭސްފަރުވާއާއި ޞިއްޙީ އެހީތެރިކަން ފޯރުކޮށްދޭ ދައުލަތުގެ މުއައްސަސާތަކާއި މަރުކަޒުތަކާ އެ ފަރާތްތައް ގުޅުވައިދިނުން.

(3) ވަޒީފާއެއް ހޯދައިދިނުމަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން 3 ފަރާތެއް ވަޒީފާ ދޭ ފަރާތްތަކާ ގުޅުވައިދިނުން، އަދި އިތުރު 1 ފަރާތަކަށް ވަޒީފާ ހަމަޖައްސައިދިނުން. އިތުރު ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއެކު މިހާރު ވެސް ދަނީ މަޝްވަރާކުރެވެމުން.

(4) ޢާއިލީ އެކި މައްސަލަތަކުގެ ސަބަބުން މަގުމަތިވެފައިވާ ފަރާތްތަކުގެ ޢާއިލާތަކާ ވާހަކަދައްކައިގެން، އެ ފަދަ މައްސަލަތައް ޙައްލުކޮށް، އެ ފަރާތްތަކަށް އިތުރު ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތްކުރުން. މީގެ ތެރެއިން 2 ފަރާތެއްގެ މައްސަލައަކީ ކަންބޮޑުވާން ޖެހޭ އަދި އިތުރަށް ބަލަން ޖެހޭ ފަދަ 2 މައްސަލަ ކަމުގައި ފާހަގަކުރެވިފައިވާތީ، މިނިސްޓްރީން ދަނީ ކަމާ ގުޅުން ހުރި މުއައްސަސާތަކާއެކު އެ 2 މައްސަލަ ބަލަމުން. މީގެ އިތުރުން، ޢާއިލާއާ ޙަވާލުވުމަށް އަނބުރާ ރަށަށް ދިޔުމުގައި ދަތިތައް ހުރި ފަރާތްތަކަށް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދިނުން.

 

06 ޝައްވާލް 1440

 09   ޖޫން  2019

Leave a Reply

Your email address will not be published. Required fields are marked *