ނޫސް ބަޔާން

މިހާރު ރ.އަތޮޅު މަޑުއްވަރީގައި ކުރިއަށްގެންދާ “އައްސޭރީ” އޮޕަރޭޝަންގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ދައުރަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، އަންހެނުންނާއި ކުޑަކުދިން އަދި ނާޒުކު ޙާލަތްތަކުގައިވާ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރުމަށް ހެދިފައިވާ ޤާނޫނުތަކުންނާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ މުއާޙަދާތަކުން ކަށަވަރުކޮށްދީފައިވާ ޙައްޤުތަކުން މަހުރޫމުކޮށްފައިވޭތޯ ބަލައި، އެ ފަދަ ކުދިންނާއި އަންހެނުންގެ ރައްކާތެރިކަމާއި ގުޅޭ ގޮތުން ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. އެ ގޮތުން މި މަސައްކަތުގައި މިހައިތަނަށް 9 ގޭބިސީއަކަށް ޒިޔާރަތްކޮށް 18 އަހަރުން ދަށުގެ 20 ކުދިންގެ ޙާލަތުބަލައި، އަދި އެ ކުދިންގެ ޢާއިލާއާ މަޝްވަރާކޮށް، އެ ކުދިންނަށް ބޭނުންވާ އަސާސީ ޙައްޤުތައް ކަށަވަރުކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކުރަންޖެހޭ އެންމެހައި ވޭދަނައިގެ މަސައްކަތް ކުރެވުނެވެ. މި ގޮތުން ކުރެވިފައިވާ މަސައްކަތަކުން 4 ކުދިންނަށް ޅަފަތުގައި ދޭންޖެހޭ ވެކްސިން ޢާއިލާގެ އެއްބާރުލުމާއެކު ވަނީ ދެވިފައެވެ. މީގެ އިތުރުން ކުރެވުނު މަސައްކަތްކުގެ ތެރެއިން، ޒިޔާރަތްކުރެވުނު ގޭބިސީއެއްގައި ހިމެނޭ 1 ކުއްޖަކު ވާނީ ޢާއިލާ ތެރޭގައި ބަހައްޓައިގެން ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނޭ މާޙައުލެއް ނެތްކަން ފާހަގަވުމާއެކު، މި ފަދަ މައްސަލަތަކުގައި މިނސްޓްރީން ޢަމަލުކުރަމުންދާ އިޖުރާޢަތުގެ ތެރެއިން ކުއްޖާގެ ޢާއިލާގެ ޙާލަތުބަލައި، އެ ކުއްޖާގެ ޢާއިލާގެ ވެށިން މިނިސްޓްރީ މެދުވެރިކޮށް ރައްކާތެރި މާޙައުލެއް ފޯރުކޮށްދެވިފައެވެ.

މައިންބަފައިންނާއި ޢާއިލާގެ އިހުމާލުން ކުދިންގެ އަސާސީ ޙައްޤުތައް ނިގުޅައިގަނެ، ކުދިންނަށް ޞިއްޙީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ފަދަ ގޮތަކަށް ކުދިންނާ މެދު ޢަމަލުކުރުމުގެ ޖާގަ އެއްވެސް ފަރާތަކަށް ނުދޭނެކަމުގެ ޔަޤީންކަން މިނިސްޓްރީން އަރުވަމެވެ. އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، މައިބައިފައިންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް އަދާކުރަމުން ގެންދޭތޯ މި މިނިސްޓްރީން ބަލަމުން ގެންދާނެކަން ވެސް ޔަޤީންކޮށް އަރުވަމެވެ.

މި ފަދަ މައްސަލަތަކުގައި ޚަބަރުފަތުރާ ވަސީލަތްތަކުން މަޢުލޫމާތު ޙިއްޞާކުރަމުން ދާއިރު، ކުޑަކުދިންގެ ކަރާމަތަށް ގެއްލުންނުވާނެ ފަދައިން މަޢުލޫމާތު ފޯރުކޮށްދިނުމަށް ވެސް އިލްތިމާސް ކުރަމެވެ. އަދި މިނިސްޓްރީން ކުރާ މަސައްކަތްތަކުގައި މުޖުތަމަޢުގެ އެންމެހާ އަފުރާދުންނާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި، ލޯކަލް ކައުންސިލުތައް އަދި ކަމާ ގުޅޭ އެންމެހައި ދާއިރާތަކުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ.

24 ރަބިޢުލްއާޙިރު 1441

21  ޑިސެންބަރު  2019

Leave a Reply

Your email address will not be published. Required fields are marked *