ނޫސް ބަޔާން

އެކި ސަބަބުތަކާ ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަކުދިން އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ޓަކައި އެކި އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ “އަމާން ވެށި”ތަކަށް ބަދަލުކުރެވެމުންދާއިރު، އެ ކުދިންނާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކާ ގުޅޭގޮތުން ދަންނަވަމެވެ.

ކުޑަކުދިންނަކީ ބޮޑެތި މީހުންނާ ޙަވާލުކުރެވިފައިވާ އަމާނާތަކަށް ވީހިނދު، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު)އާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަޤުވާމީ މުޢާހަދާތަކުގެ ދަށުން އެންމެހައި ޙައްޤުތަކެއް ކަށަވަރުކޮށްދިނުމަށް ބާރުއަޅައެވެ.

ޢާއިލީ ވެއްޓެއްގައި ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ޙާލަތްތަކުގައި އެ ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމުވެއެވެ. އެ ގޮތުން، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ މި ފަދަ ކުދިން މި ފާއިތުވެދިޔަ މުއްދަތުތަކުގައި ދިރިއުޅެމުންދިޔައީ މާލޭ ސަރަޙައްދުގައި ޤައިމުކުރެވިފައިވާ ދެ މަރުކަޒެއްގައެވެ. އެހެން ނަމަވެސް، ދައުލަތުގެ ބެލުމުގެދަށުގައި ދިރިއުޅޭ ކުދިން ވެސް ބާކީވުމުގެ އިހުސާސްވިޔަ ނުދީ، އެހެން ކުދިންނެކޭ އެއްފަދައިން މުޖުތަމަޢުގެ ތެރޭގައި ހެދިބޮޑުވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން އަތޮޅުތެރޭގައި އެ ކަމަށް ޚާއްޞަކުރެވިގެން ޤާއިމުކުރެވޭ “އަމާން ވެށި”ތަކަށް ބަދަލުކުރުމުގެ މަސައްކަތް މި މިނިސްޓްރީން ވަނީ ފަށައިފައެވެ. އަދި މި ފަދަ މަސައްކަތެއް މިހައި ފުޅާ ދާއިރާއެއްގައި ކުރެވެމުންދާއިރު، އެ މަސައްކަތުގައި ހުރި ގޮންޖެހުންތައް ދެނެގަނެއް، އެ ކަންކަން ޙައްލުކުރުމުގައި ގުޅުންހުރި ފަރާތްތަކާއެކު މި މިނިސްޓްރީން ދަނީ މަސައްކަތްކުރަމުންނެވެ. އެހެން ނަމަވެސް، އެ ފަދަ ގޮންޖެހުންތަކަށް ރިޢާޔަތްކުރުމެއްނެތި ބައެއް ފަރާތްތަކުން ދައްކާ ޙަޤީޤަތާ ޚިލާފު ވާހަކަތަކުގެ ނޭދެވޭ އަސަރު، އެ ކުދިންނަށް ފޯރާ ޙާލަތުތައް އާދެއެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނުގެ 10ވަނަ މާއްދާ “އަޅައިލުމާއި ޙިމާޔަތް ލިބުން”ގެ (ހ) އަދި އެ ޤާނޫނުގެ 33ވަނަ މާއްދާ “ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ މަޢުލޫމާތު ޢާންމުނުކުރުން”ގެ (ހ)އާ ޚިލާފަށް، ބައެއް ފަރާތްތަކުން މަޢުލޫމާތު ފަތުރާކަމީ މި މިނިސްޓްރީން ކަންބޮޑުވާ ކަމެކެވެ. އެ ކަމުގެ ސަބަބުން، އެ ކުދިންނާ ގުޅޭ ގޮތުން ޙަޤީޤަތާ ޚިލާފު ވާހަކަ މުޖުތަމަޢުގެ ތެރޭގައި ފެތުރުމާއި، އެ ކުދިންނާމެދު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހޭ ފަދަ ޝުޢޫރު ފާޅުކުރެވިގެންދާ ޙާލަތުތައް އާދެއެވެ. އެ ފަދަ ބައެއް ހާދިސާތައް މިނިސްޓްރީގެ ސަމާލުކަމަށް ގެނެވިފައިވެއެވެ.

ހަޔާތުގައި ކުރިމަތިވެފައިވާ ބައެއް ހާދިސާތަކާއި ޙާލަތްތަކުގެ ސަބަބުން އެ ފަދަ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރެވެމުންދާއިރު، އެ ކުދިން މުޖުތަމަޢުއަށް ރުޖޫއަކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެކަން ޤަބޫލުކުރަން ޖެހެއެވެ. އަދި މި ފަދަ ގޮންޖެހުތައް ޙައްލުކުރުމުގައި، ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ދައުރުގެ އިތުރުން މުޅި މުޖުތަމަޢުގެ ޒިންމާތަކެއް ވާކަން ވެސް މި ފުރުޞަތުގައި ފާހަގަކުރަމެވެ.

11   ރަޖަބް  1442

23 ފެބުރުވަރީ 2021

Leave a Reply

Your email address will not be published. Required fields are marked *