ފިޔަވަތީގައި ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ ލެގޯ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކުދިން ބަލަހައްޓަމުންދާ ފިޔަވަތިން އިންތިޒާމުކޮށްގެން 4 ދުވަހަށް ކުރިއަށް ގެންދިޔަ ލެގޯ މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.

ކުދިންގެ އުފެއްދުންތެރިކަމާއި ހުނަރު ދައްކާލުމަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ ނަތީޖާ ފާޅުކުރުން ކުރިއަށް ގެންގޮސްފައިވަނީ 2024 ޖުލައި 19 ވަނަ ދުވަހުގެ ހަވީރުގައެވެ.

މި މުބާރާތް ވެގެންދިޔައީ ކުދިންގެ ތަފާތު ހުނަރުތައް ދައްކާލުމަށް ލިބިގެންދިޔަ އަގުހުރި ފުރުޞަތަކަކަށް ކަމަށް ފިޔަވަހީގެ މެނޭޖުމަންޓުން ވަނީ ބުނެފައެވެ. މިގޮތުން ކާރާއި، ގެއާއި، ޓްރަކްފަދަ އެކި ކަހަލަ ތަކެތި ރާވާ، މި މުބާރާތުގެ ތެރެއިން ވަނީ ދައްކާލާފައެވެ. ގުޅިގެން އެކަކު އަނެކަކާއެކު މަސައްކަތްކުރުމަށް މި މުބާރާތުގެ ތެރެއިން މަގުފަހިވެގެންދިޔައެވެ.

ފިޔަވަތިން ކިޔައިދިން ގޮތުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގްސަދަކީ ކުދިންގެ ހުނަރުތައް ދައްކާލާ، ކުދިންގެ އުފެއްދުންތެރިކަން ތަރައްގީކުރުމަށް ބާރު އެޅުމުގެ އިތުރުން، ކުޅިވަރުގެ ތެރެއިން ޓީމެއްގެ ގޮތުގައި މަސައްކަތްކުރަން ދަސްކޮށްދިނުމާއި، ވަގުތައް ކަންކަން ނިންމުމަށް ބާރު އެޅުމުގެ އިތުރުން އެއްކުޖަކު އަނެއްކުއްޖަކާއި އެއްޗެހި ހިއްސާކޮށް، ގުޅިގެން މަސައްކަތްކުރުމުގެ ރީތި އާދަތައް ދަސްކޮށްދިނުމެވެ.

މި މުބާރާތުގައި 10 އަހަރުން މަތީގެ 40 ކުދިން ބައިވެއިވެފައިވާއިރު، އެ ހުރިހާ ކުދިންނަށް ވަނީ އިނާމު ހަވާލު ކުރެވިފައެވެ.

އަދި މި މުބާރާތުގެ ސަބަބުން ކުދިންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބި، އެކުދިން ޝައުގުވެރިވާ ހަރަކާތެއްގައި ބައިވެރިވެ، މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވުމުގެ ހިތްހަމަޖެހުން ކުދިންނަށް ލިބިގެން ގޮސްފައިވާކަން ފިޔަވަތިން ވަނީ ފާހަގަކޮށްފައެވެ.