އައި.ޖީ.އެމް.އެޗް އާއި ގުޅިގެން ކ. ގުރައިދޫ މަރުކަޒުގައި ޚާއްސަ މެޑިކަލް ކޭމްޕެއް ބާއްވައިފި

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ގުޅިގެން ކ.ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތަކަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ޚާއްސަ މެޑިކަލް ކޭމްޕެއް ބާއްވައިފިއެވެ.

މި ކޭމްޕްގައި އައި.ޖީ.އެމް. އެޗް ގެ ފަރާތުން ތިން ސްޕެޝަލިސްޓުންނާއި ސެންޓަރ ފޮރ މެންޓަލް ހެލްތް (ސީ.އެމް.އެޗް)ގެ ތިން މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އޭގެ އިތުރުން މި މެޑިކަލް ކޭމްޕްގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އެލްޑަރލީ ރައިޓްސް އެންޑް ވެލް-ބީންގް ސެކްޝަނުގެ 8 މުވައްޒަފުން ވެސް ވަނީ ބައިވެރިވެފައެވެ.

ގުރައިދޫގައި ޤާއިމްކުރެވިފައިވާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކުރިއަށް ގެންދެވުނު މި ކޭމްޕުގައި ވަނީ 68 ބަލިމީހުންނަށް ކޮންސަލްޓޭޝަން ދީ، އެފަރާތްތަކުގެ ޞިއްޙީ މައްސަލަތަކަށް ޙައްލު ހޯދައިދިނުމަށް މަސައްކަތްކުރެވިފައެވެ.

ކޮންސަލްޓޭޝަންތަކުގެ އިތުރުން، ކ. ގުރައިދޫ މަރުކަޒަށް ޒިޔާރަތްކުރި ޓީމުން ވަނީ ރީއިންޓެގްރޭޝަން، ނުވަތަ ޢާޢިލާތަކާ އަނބުރާ ހަވާލުކުރުމަށް ތައްޔާރުވަމުން އަންނަ ފަރާތްތަކަށް ޓްރީޓްމަންޓް ޕްލޭންތައް ހެދުމަށް ވެސް އެހީތެރިވެފައެވެ.

މި މެޑިކަލް ކޭމްޕަކީ، ޞިއްޙީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އެހީތެރިކަން ފޯރުކޮށްދިނުމާއި، ފުރިހަމަ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެވުޒާރާއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.