މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް މުވައްޒަފުން އަހުލުވެރިކުރުމަށް ޚާއްސަ ސެޝަނެއް

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މުވައްޒަފުން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް އަހުލުވެރިކުރުމަށް ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމު ކުރިއަށް ގެންގޮސްދެއްވާފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެފަރާތުންނެވެ.

މި ތަމްރީނުގައި މަޢުލޫމާތަކީ ކޮބައިކަމާއި، މަޢުލޫމާތު ދެވޭ ގޮތްތަކާއި، މައުލޫމާތަށް އެދުމުންކަންތައް ކުރާނެ ގޮތާއި، އިސްތިސްނާ ހާލަތްތަކަށްވަނީ އަލި އަޅުވާލެވިފައެވެ. އޭގެ އިތުރުން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ހިއްސާކުރުމުގައި ބަލަން ޖެހޭ ކަންތައްތަކާއި، މައުލޫމާތު ހިއްސާކުރެވޭނެ މިންވަރާއި ގުޅޭގޮތުން ވެސް މި ސެޝަންގައި ވަނީ އަލިއަޅުވާލައްވާފައެވެ.

މަޢުލޫމާތު ހޯދާ ލިބިގަތުމަކީ ރައްޔިތުންގެ ހައްޤެކެވެ. އެހެންކަމުން، މި ތަމްރީނަކީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރަމުން ގެންދާ މަސައްކަތްތަކާއި، ބަލަހައްޓަމުންގެންދާ މަޢުލޫމާތުތަކުގެ ތެރެއިން ފަރުދުން ހޯދަން އެދޭ މަޢުލޫމާތު ހާމަކަންބޮޑުގޮތެއްގައިރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބާރުއެޅުމާއި، މުވައްޒަފުން މި ކަންކަމަށް އަހުލުވެރިކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ސަރުކާރުން ގެންގުޅޭ ހާމަކަންބޮޑު ދެފުށްފެންނާނެހެން މައުލޫމާތު ހިއްސާކުރުމުގެ ސިޔާސަތުގެ ދަށުން، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ރައްޔިތުން ހޯދަން އެދޭ މައުލޫމާތުތައް ދެވެން އޮންނަ އެންމެ ފުޅާމިނެއްގައި ފޯރުކޮށްދެމުން ގެންދާނެއެވެ.

އޭގެ އިތުރުން ޚަބަރު ފަތުރާ ވަސީލަތްތަކާއި ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް ވުޒާރާއިން ކުރާ މަސައްކަތްތަކާއި، ހިންގާ ޕްރޮގްރާމުތަކާއި، ރައްޔިތުންނަށް ދޭން ބޭނުންވާ މުހިންމު މެސެޖުތައް ފޯރުކޮށްދެމުން ގެންދާނެއެވެ.