ޕާލަމެންޓް އިންޑަކްޝަން ޕްރޮގްރާމްގައި އިންސާނީ ހައްޤުތަކާއި ޤާނޫނު ހެދުމާއި ގުޅޭ މަޢުލޫމާތުތައް ހިއްސާކޮށްފި

ވެސްޓްމިންސްޓަރ ފައުންޑޭޝަން ފޮރ ޑިމޮކްރަސީ (ޑަބްލިއު.އެފް.ޑީ) އިން ރައްޔިތުންގެ މަޖިލީހާއި ގުޅިގެން 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކުރިއަށްގެންދެވުނު ޕާލަމެންޓް އިންޑަކްޝަން ޕްރޮގްރާމްގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބައިވެރިވެ އިންސާނީ ހައްޤުތަކާއި ގާނޫނު ހެދުމުގައި ރިއާޔަތްކުރަންވީ ކަންކަމާއި ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފިއެވެ.

މި ޕްރޮގްރާމުގެ ތެރެއިން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދިޔަ ސެޝަން ނަންގަވައި ދެއްވީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސޯޝަލް ސަރވިސަސް ކޯޑިނޭޓަރ މަރިޔަމް ރަޔާ އަޙްމަދާއި ޗައިލްޑް ޕްރޮޓެކްޝަން ކޯޑިނޭޓަރ ފާތިމަތު ބައްރަ އިބްރާހިމްއެވެ.

މިގޮތުން އިންސާނީ ޙައްޤުތަކާއި ޤާނޫނު ހެދުމާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް އެ ސެޝަނުގައި ވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ހިއްސާކޮށްފައެވެ.

ވަކިން ޚާއްސަކޮށް، ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކުރުމާއި، މިންތީގެ މައްސަލަތަކާއި، ގާނޫނު ހެދުމުގެ މަރުޙަލާގައި މިންތީގެ ތަފާތުތަކަށް ރިޢާޔަތްކުރުމުގެ މުހިންމުކަމަށް ވަނީ އަލިއަޅުވާލާފައެވެ.