ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ޚާއްސަ ޙަފްލާގެ ޕެނަލް ޑިސްކަޝަންގައި ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސެއިން ޝަރީފް ބައިވެރިވަޑައިގަންނަވައިފި

ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ޔޫ.އެން.އެފް.ޕީ.އޭ މޯލްޑިވްސްއާއި މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓާއި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބޭއްވި ޚާއްސަ ޙަފްލާގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސެއިން ޝަރީފް ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޖުތިމާޢީ މައްސަލަތަކާއި ގޮންޖެހުންތަކުގެ އިތުރުން، މިކަންކަން ހައްލުކުރުމަށް އަޅަމުންދާ، އަދި ކުރިއަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން މި ހަފްލާގެ ތެރެއިން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސެން ޝަރީފް ވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މިގޮތުން އިޖުތިމާޢީ ހަމަހަމަކަން ކަށަވަރުކުރުމަށްޓަކައި މިވަގުތު ޤާއިމުކުރެވިފައިވާ ސިޔާސަތުތަކަށް އެކަމަނާގެ ވާހަކައިގައި އަލިއަޅުވާލެއްވިއެވެ.

އެކި ފަރުދުންގެ ބޭނުންތައް ތަފާތުވާނެކަން ދެނެގަތުމާއެކު، ސިޔާސަތު ކަނޑައެޅުމާއި ޕްރޮގްރާމްތައް ފަރުމާކުރާއިރު، އެއްވެސް ފަރުދަކު ބާކީ ނުވާނެގޮތަކަށް، ވަކިން ޚާއްސަކޮށް އާބާދީގައި އެންމެ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އަހައްމިއްޔަތުކަން ދިނުމުގެ މުހިންމުކަމާ ގުޅޭގޮތުން ސްޓޭޓް މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ހަމައެއާއެކު، މިފަދަ ސިޔާސަތުތައް ފަރުމާކުރާއިރު ތަފާސް ހިސާބުގެ އަލީގައި އެކަންކަން ތަރުތީބުކުރުގެ މުހިންމުކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ އައިމިނަތު ހުސެން ޝަރީފް ވަނީ، މުޖުތަމައުގައި ތިބި ދައުލަތުގެ ޚާއްސަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަތުމާއި، އެ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ކުރަމުން ގެންދާ މަސައްކަތްތަކަށް ވެސް އަލިއަޅުވާލައްވާފައެވެ.

އިޖުތިމާޢީ މައްސަލަތައް ކަންބޮޑުވާ ހިސާބަށް ދިއުމުގެ ކުރިން އެފަދަ މައްސަލަތައް ދެނެގަނެ، އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ)ގެ ނަމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ޕްރޮގްރާމެއް ކުރިއަށްގެންދެއެވެ. މީގެ އިތުރުން މިންތީގެ ހަމަހަމަކަން ކަށަވަރުކޮށް، އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކެއް ފަހިކޮށްދިނުމުގެ ގޮތުން ޖެންޑަރ އިކުއިޓީ އެކްޝަން ޕްލޭނެއް ވަނީ ހަދާފައެވެ.

އަދި އެވުޒާރާއާއި އެސް.ޑީ.އެފް.ސީއާއި ގުޅިގެން ވަކިވަކި ފަރުދުންނަށް ކޮލޭޓަރަލަކާއި ނުލާ ލޯނު ދޫކުރުމުގެ ނިޒާމެއް ގާއިމްކޮށް މިހާތަނަށް 216 ފަރާތެއްވަނީ “ފަށާ މަދަދު” ލޯނަށް އެދި ހުށަހަޅާފައެވެ. ހަމައެއާއެކު، އެސް.ޑީ.އެފް.ސީގެ މި 100 މިލިއަން ރުފިޔާގެ ލޯނުގެތެރެއިން 25%ކަނޑައަޅާފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ގިނަ ޕްރޮގްރާމްތަކެއް ޤާއިމުކޮށް، މި ސަރުކާރުގައި ނުކުޅެދުންތެރިކަން ހުންނަ 11 ފަރާތެއްވަނީ ވަޒީފާތަކަށް އައްޔަނު ކުރެވިފައެވެ.

ސްޓޭޓް މިނިސްޓަރ އައިމިނަތު ޝަރީފް ފާހަގަކުރެއްވި ގޮތުގައި އެ ވުޒާރާގެ މައިގަނޑު އަމާޒަކީ މައްސަލަތައް އަވަހަށް ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން އަވަސްކުރުމެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގެ އާބާދީ ދޮށީ އުމުރުގެ އާބާދީއަކާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު، ސިޔާސަތު ކަނޑައެޅުމުގައި އިސްރަށްވެހިންނަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމުކަން ވެސް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، އެ ވުޒާރާއިން ޔުނިސެފްއާ ގުޅިގެން ކުޑަކުދިންނަށް ކުރާ އަނިޔާއާ ހުއްޓުވުމާ ގުޅޭ މަލްޓިސެކްޓޯރިއަލް އެކްޝަން ޕްލޭނެއް ދަނީ އެކުލަވާލަމުންދާކަން ވެސް ފާހަގަކުރެއްވިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މުޅި މަސައްކަތްތައް ބައްޓަން ކުރެވިފައި ވަނީ އެއްވެސް ފަރުދަކު ބާކީ ނުވާނެހެން، އަންހެނުންނާއި، ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންނަށް ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި މުޅި މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ހެޔޮ ކުރުމާއި، އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް އެވުޒާރާއިން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަން ސްޓޭޓް މިނިސްޓަރުގެ ވާހަކައިގައި ވަނީ އަލިއަޅުވާލައްވާފައެވެ.

11 ޖުލައި 2024

05 މުޙައްރަމް 1446