ށ. އަތޮޅުގައި އިބަމަ ތަމްރީނު ޕްރޮގްރާމް ބާއްވަނީ!

އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ. މި ތަމްރީން ޕްރޮގްރާމްގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެފަރާތްތަކުގެ ޙާލަތު ވަޒަންކުރާނެ ގޮތާއި، ޙާލަތު ރަނގަޅު ކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ޕްލޭން އެކުލަވާލައި ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތު ވެސް ބައިވެރިންނަށް ފޯރުކޮށްދޭނެއެވެ.

މިގޮތުން މިފަރަހުގެ މި ތަމްރީނު ޕްރޮގްރާމް ކުރިއަށްދާނީ މި މަހުގެ 16 އިން 18 އަށް ށ. ފުނަދޫގައެވެ. އަދި މި ޕްރޮގްރާމުގައި ށ. އަތޮޅުގެ ހުރިހާ ރަށަކުން އިބަމަ މެންބަރުން ބައިވެރިކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ އިބަމަ ގްރޫޕަކުން ބައިވެރިވާނީ 04 މެންބަރުންނެވެ. މިއީ ށ. އަތޮޅު ކައުންސިލް އިދާރާގެ އިސްނެގުމާއެކު މި ވުޒާރާއާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މަޤްސަދަކީ ށ. އަތޮޅުގެ ރަށްރަށުގައި ޤާއިމުކޮށްފައިވާ އިބަމަ ގްރޫޕްތަކުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި އިބަމަ މެންބަރުންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއެކު ހުނަރު ތަރައްޤީކުރުމެވެ.

މި ޕްރޮގްރާމުގައި އިބަމައިގެ މުހިންމު މަފްހޫމްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ އިތުރުން، އިބަމައިގެ މަސައްކަތްތައް ކުރިއަށްގެންދަން އިބަމައިގެ މެންބަރުންނަށް ބޭނުންވާނެ މުހިންމު މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ. މިގޮތުން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތައް ދެނެގަނެ، އެފަރާތްތަކުގެ ހާލަތު ވަޒަންކޮށް އެ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ކުރެވޭނެ ކަންކަން ފާހަގަކޮށް އެކަމާ ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ޕްލޭން އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ އެ މަސައްކަތްތަކަށް މެންބަރުން އަހުލުވެރިކުރުމުގެ ހަރަކާތްތައް މި ތަމްރީނު ޕްރޮގްރާމުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އިބަމައިގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މިހާރު ކުރެވެމުން އަންނަ އެންމެހައި މަސައްކަތްތަކަކީ މި ސަރުކާރުގެ އޯގާތެރި މުޖުތަމަޢުއެއް ބިނާކުރުމުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ޖަމާޢަތުގެ އިޖްތިމާޢީ ދުޅަހެޔޮކަމާއި މަސަލަސްކަން ކަށަވަރު ކުރުމަށް ރަށުފެންވަރުގައި ހަރަކާތްތެރިވާ ހުރިހާ މުއައްސަސާތަކެއްގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެން، ހައްލު ހޯދޭނެ އިންތިޒާމް ގާއިމުކުރުމަށާއި މުޖުތަމަޢުގެ ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ އިޖުތިމާޢީ ރައްކާތެރިކަން ވިލަރެސް ކުރެވިފައިވާ ނިޒާމަކުން ކަށަވަރުކޮށް އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ލިބޭނެ މަގު ތަނަސަވަސްކޮށްދިނުމަށް ކުރަމުން އަންނަ މުހިންމު މަސައްކަތްތަކެކެވެ.

11 ޖުލައި 2024

05 މުޙައްރަމް 1446