ކުޑަކުއްޖަކަށް އަނިޔާ ލިބެމުންދާކަން ދެނެގަންނާނީ ކިހިނެއް؟

ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކޮށް، ކުޑަކުދިންނަށް އަނިޔާއެއް ލިބެމުންދާކަމުގެ އަލާމާތްތައް ދެނެގަންނާނެ ގޮތް ބެލެނިވެރިންނާއި މުޖުތަމަޢުއަށް ފޯރުކޮށްދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިގޮތުން ކުއްޖާގެ އުޅުމާއި ސުލޫކަށް އަންނަ ކުއްލި އަދި ބޮޑެތި ބަދަލުތަކަކީ ގިނަ ފަހަރަށް އަނިޔާގެ ނިޝާންތަކަކަށް ވެދާނެ ކަމަށާއި، އެކަންކަމަށް ވަގުތުން ފިޔަވަޅު އަޅާ، ކުދިންނަށް ބޭނުންވާ އެހީތެރިކަން، ވީ އެންމެ އަވަހަށް ފޯރުކޮށްދިނުމަކީ ނުހަނު މުހިންމު ކަމެއްކަން އެވުޒާރާއިން ފާހަގަކުރެއެވެ.

އާންމުކޮށް ކުޑަކުދިންގެ ސުލޫކަށް އަންނަ ބަދަލުތަކާއި ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ކުދިން އެކުވެރިންނާއި އާއިލާގެ މެމްބަރުންނާ އެކަހެރިވުމާއި، ކުދިކުދި ކަންކަމާ ރުޅި އިސްކުރުމާއި، ނިދަން އުނދަގޫވުން ނުވަތަ ގިނައިން ބިރުވެރި ހުވަފެން ފެނުމާއި، ސްކޫލަށް ދާން ފަސްޖެހުން ނުވަތަ ދެކޮޅު ހެދުން ހިމެނެއެވެ.

މީގެ އިތުރުން އަބަދު މާޔޫސްވެފައި ހުރުމާއި އުމުރާއި ނުގުޅޭ ވާހަކަތައް ދެއްކުމާއި، އަމަލުތައް ފެނުމާއި، ގިނައިން ބަނޑުގައި ރިއްސުން ނުވަތަ ޞިއްޙީ މައްސަލައެއްނެތި ނެތި ބޮލުގައި ރިހުމުގެ ޝަކުވާކުރުމާއި، ތަންމައްޗަށް ކުޑަކަމުދިއުން ފަދަ ކަންކަމަކީ ކުއްޖާ އަނިޔާގެ ޝިކާރައަކަށްވެ، އަނިޔާ ތަހަންމަލް ކުރަމުންދާ ކަމުގެ އަލާމާތްތަކެވެ.

އެހެންކަމުން، ކުދިންގެ ހަރަކާތްތައް އަބަދުވެސް ގާތުން ބެލުމާއެކު، މިފަދަ ކަންކަން ފާހަގަވާނަމަ، ލަސްނުކޮށް އެކަމަށް ފިޔަވަޅު އެޅުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ލަފާދެއެވެ.

މިފަދަ ކަންކަމަށް އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި ކުދިންގެ އިހުސާސްތައް ފާޅުކުރުމަށް ރައްކާތެރި މާޙައުލެއް އުފެއްދުމަކީ މިފަދަ މައްސަލަތައް ދެނެގަތުމަށް އެހީތެރިވެދޭނެ ކަމެއްކަން އެ ވުޒާރާއިން ފާހަގަކުރެއެވެ. އަދި ބޮޑެތި ނުވަތަ ދިގުދެމިގެންދާ މައްސަލަތަކުގައި ކުޑަކުދިންގެ ކައުންސެލަރުންގެ ޕްރޮފެޝަނަލް އެހީތެރިކަން ހޯދުން މުހިންމުކަން ވެސް ފާހަގަކުރެއެވެ.

ކުދިންގެ ސުލޫކަށް ކުއްލި ބަދަލުތަކެއް އަންނަމުން ދާކަން ފާހަގަކުރެވޭނަމަ އެއީ އަޅައި ނުލައި ދޫކޮށްލައިގެން ވާނެ ކަމެއް ނޫނެވެ. އެންމެ މުހިންމީ، ކުއްޖާއަށް އަންނަމުންދާ ބަދަލުތައް އަވަހަށް ދެނެގަނެ، އެކަން ދިމާވާ ސަބަބުތައް އޮޅުންފިލުވުމަށް މަސައްކަތް ކުރުމެވެ. ކުއްޖާގެ އިތުބާރު ހިފަހައްޓާ، ލޯތްބާއި އަޅާލުމާއެކު އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި އެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުން އެހާމެ މުހިންމެވެ.

ކުޑަކުއްޖަކަށް އަނިޔާއެއް ލިބެމުންދާކަން އެނގިލައްވާނަމަ، ނުވަތަ ޝައްކުކުރެވޭނަމަ ލަސްނުކޮށް 1412 އަށް ގުޅުއްވައިގެން ރިޕޯޓުކުރައްވަންވާނެއެވެ. ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އެންމެންގެ ފަރުދީ ޒިންމާއަކަށް ހެދުމަކީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަރަށް ބޮޑު އިލްތިމާސެކެވެ.

10 ޖުލައި 2024

04 މުޙައްރަމް 1446