ސައިން ލޭންގުއޭޖް ދަސްކޮށްދިނުމުގެ ކޯސްތަކެއް ވަރަށް އަވަހަށް ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ދިވެހިންނަށް ސައިން ލޭންގުއޭޖް ދަސްކޮށްދިނުމުގެ ކޯސްތަކެއް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، ސައިން ލޭންގުއޭޖް ދަސްވެފައިވާ މީހުން ރާއްޖޭގައި ވަރަށް މަދު ކަމަށާއި، އެހެންކަމުން އެފަދަ އޮންލައިން ކޯސްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. ވަޒީރު ވިދާޅުވީ، އެ ކޯސްތަކުގައި ކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ ކަމަށާއި، މިފަދަ ކޯސްތަކުގެ ސަބަބުން އޮފީހާއި ގެއާއި ސްކޫލްތަކުގައި އުޅޭ ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ މުޢަމަލާތުކުރަން ދަސްކުރަން ފަސޭހަވެގެންދާނެ ކަމަށެވެ.

އަދި ރާއްޖޭގައި ނަފްސާނީ އެހީތެރިކަންދެވޭ މީހުން ތަމްރީނު ކުރުުމުގެ ޕްރޮގްރާމްތަކެއްވެސް ކުރިއަށްގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ފާހަގަކުރެއްވީ، ސަރުކާރުގެ ކޮންމެ ވުޒާރާއަކާއި މުއައްސަސާއެއްގައިވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ތަމްރީނުދެވޭ ފެންވަރުގެ މީހުން ތިބެންޖެހޭކަމަށް ގާނޫނުގައި ބުނާ ކަމަށާއި، އެފަދަ މީހުން ތަމްރީނުކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ.