އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިޝަން 2050 މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެއްޖެ

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް، އެންޑް އާބަން ޑިވެލޮޕްމަންޓް އާއި ޔޫ.އެން.އެފް.ޕީ.އޭ މޯލްޑިވްސް ގުޅިގެން އިންތިޒާމްކޮށްގެން ޖުލައި މަހުގެ 1 ވަނަ ދުވަހުން 3 ވަނަ ދުވަހަށް ކުރިއަށް ގެންދިޔަ “ވިޝަން 2050” މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެއްޖެއެވެ. މި ބައްދަލުވުމުގައި އެ ވުޒާރާގެ ފަރާތުން ބައިވެރިވެވަޑައިގެންފައިވަނީ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަޙްމަދު އިޔާދާއި، ޕޮލިޓިކަލް ޑިރެކްޓަރ އިޢުފާ ޝަރީފެވެ.

ޒުވާނުންނާއި މަސައްކަތުގެ ތަޖުރިބާކާރުން ބައިވެރިވެގެން ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައިވަނީ މުސްތަޤުބަލުގައި ރާއްޖެ އޮންނާއި ގޮތާއި، ސިޔާސަތުތައް ބައްޓަންކުރަންވީ ގޮތާއި، އެ ސިޔާސަތުތައް ތަންފީޒުކުރާނެ ގޮތްތަކާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެން ގޮސްފައެވެ.

އެއާއެކު މިގޮތަށް ސިޔާސަތުތައް އެކުލަވާލުމުގެ މުހިންމުކަމާއި، ސިޔާސަތުތައް އެކުލަވާލާއިރު އެކި މަރުހަލާގައި ކުރިއަށް ގެންދާނެ ހަރަކާތްތަކާއި ގުޅޭ މުހިންމު މަސައްކަތްތަކަށް ވެސް ވަނީ މި ބައްދަލުވުމުގައި އަލިއަޅުވާލާފައެވެ. އަދި ކުރިމަގުގައި ދިވެހިރާއްޖެ އޮންނާނެ ގޮތާއި، ސިޔާސަތުތައް ރާވާ، ތަންފީޒުކުރުމާއި ގުޅޭގޮތުން ވަކިން ޚާއްސަކޮށް ޒުވާނުންނަށް އަދާކުރެވޭނެ ދައުރުތައް މި މަސައްކަތު ބައްދަލުވުމުގައި ވަނީ ހިއްސާކޮށްފައެވެ.

ވިޝަން 2050 މަސައްކަތު ބައްދަލުވުމުގެ އެންމެ ފަހު ދުވަސް ޚާއްސަކޮށްފައިވަނީ 2050 ވަނަ އަހަރުގެ ދިވެހިރާއްޖެ އޮންނާނެ ޙާލަތު ތަޞައްވުރު ކޮށް، ބައިވެރިން ގްރޫޕް ހަރަކާތްތަކުގައި ބައިވެރިވެ، ދިރާސާތަކުގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް އެކުލަވާލައި، ޕްލޭންތައް އެކުލަވާލުމަށެވެ. އެއަށްފަހު މި ކަމާއި ގުޅޭގޮތުން އެކި ގްރޫޕުތަކުން ޚިޔާލުތައް ހުށައަޅާ އެންމެންގެ ފީޑްބެކް ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.

ވިޝަން 2050 މަސައްކަތުބައްދަލުވުމުން ނިންމުމަށްފަހު ބައިވެރިންނަށްވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ. ބައިވެރިންނަށް ސެޓިފިކެޓު ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހައުސިންގް، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަލީ ޚައިދަރު އަޙްމަދުއެވެ.

04 ޖުލައި 2024

28 ޛުލްޙިއްޖާ 1445