ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އަވަސް އެހީ ފޯރުކޮށްދޭނެ ގޮތުގެ މަޝްވަރާކޮށްފި

ދައުލަތުގެ ޚާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ގުޅިގެން ވިހާ ވެސް އަވަހަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ގުޅޭގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ އެ ވުޒާރާއިން މިހާރު ކުރިއަށް ގެންދާ “ޙާލު ކިހިނެއް؟” ޕްރޮގްރާމުގެ ތެރެއިން ގެތަކަށް ޒިޔާރަތްކޮށް އެއްކުރެވޭ މަޢުލޫމާތުތަކުގެ މައްޗަށް ބަލައި، ފާހަގަކުރެވޭ ނިކަމެތި ޢާއިލާތަކާއި، އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އިސްލާމިކް މިނިސްޓްރީން ހިންގާ ތަފާތު ޕްރޮގްރާމުތަކުގެ ތެރެއިން އެހީ ހަމަޖެއްސޭނެ ގޮތްތަކާއި ގުޅޭ މަޝްވަރާތައް ކޮށްފައެވެ.

އޭގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި އެ ފަރާތްތަކަށް ދައުލަތުގެ އެހީތެރިކަން ފޯރުކޮށްދިނުމާއެކު، އެ ޢާއިލާތަކުގެ ހާލަތު ރަނގަޅުކުރުމަށް ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭ މަޝްވަރާތައް ވެސް ވަނީ ކޮށްފައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ “ޙާލު ކިހިނެއް؟” ޕްރޮގްރާމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާއި އެއްގޮތަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، ރައްޔިތުންނާއި ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށް އެހީތެރިވެ ބާރުއެޅުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ދަށުން 2024 ޖުލައި 1 އެއްގެ ނިޔަލަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކުރެވިފައިވާ ހިޔާ ފްލެޓްތަކުގެ ތެރެއިން 1015 ގެއަށް ވަނީ ޒިޔާރަތްކޮށް، އެ ތަންތަނުގައި ދިރިއުޅޭ މީހުންގެ ހާލު ވަނީ ބެލިފައިކަން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.