ދައުލަތުގެ ޚާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އިޖުތިމާޢީ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި.

ދައުލަތުގެ ޚާއްސަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އިޖުތިމާއީ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމާއި ގުޅޭގޮތުން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ކަމާ ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކޮށްފިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލަކަމަށް ވާއިރު، އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން ރައްކާތެރިނޫން މާހައުލަތުގައި އުޅެން ޖެހުމާއި، ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅެމުންދާ ކުދިންނާއި މީހުން ތިބިކަން ފާހަގަކޮށްލެވެ އެވެ.

އެ ފަރާތްތަކަށް އަނބުރާ އާއިލީ ދިރިއުޅުމަށް ރުޖޫއަވުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ދިރިއުޅޭނެ އަމިއްލަ ބޯހިޔާވަހިކަމެއް ނެތުންކަން ދެނެގަނެވިފައި ވުމާއެކު، ދެމެހެއްޓެނިވި ގޮތެއްގައި މިފަދަ މައްސަލަތަކަށް އަވަސް ޙައްލެއް ހޯދިދާނެ ގޮތްގަތާއި ގުޅޭގޮތުން އިޖުތިމާއީ އަދި ޢާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވަނީ މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި އެކު މަޝްވަރާކޮށްފައެވެ.

ހައުސިން މިނިސްޓްރީގައި ކުރިއަށް ގެންދެވުނު ބައްދަލުވުމުގައި ހައުސިން މިނިސްޓަރުޑރ ޢަލީ ހައިދަރު އަހުމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މިހާރު އެ ވުޒާރާއިން ކުރަމުން ގެންދާ ބައެއް މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައެވެ.

ހަމައެއާއެކު ސަރުކާރުން އަލަށް ތައާރަފްކުރާ ބޯހިޔާވަހިކަމުގެ ސްކީމުތަކުގެ ދަށުން، ފްލެޓްތައް ދޫކުރާއިރު، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، ދައުލަތުގެ ޚާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަން ލިބިގެންދާނެކަން ކަށަވަރުކުރުމާއި ގުޅޭ ސިޔާސަތު އެކުލަވާލުމަށް ވަޒީރުންގެ މަޖިލީހަށް ކަރުދާހެއް ހުށައެޅުމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާތައް ކުރެވިގެން ގޮސްފައެވެ.

ސިލްސިލާކޮށް ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދުވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް އެމީހުންގެ ހާލު ދެނެގަނެ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ފަށާފައިވާ “ޙާލު ކިހިނެއް” ޕްރޮގްރާމުގެ ފުރަތަމަ ފިހަވަހި މާލެ ސަރަހައްދުގައި ކުރިއަށް ގެންދަނީ ހުޅުމާލެ ދެވަނަ ފިޔަވަހި ހިޔާ ސަރަހައްދުގައި ކަމަށް ވެފައި، ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެޗްޑީސީއާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ.

 އަދި މި ޕްރޮގްރާމުގައި ބައިވެރިވެ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އުސޫލުތަކާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވިގެން ގޮސްފައިވެއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށް އަދި ސަރުކާރުން ގެންގުޅޭ ސިޔާސަތު ކާމިޔާބު ސިޔާސަތަކަށް ހެދުމަށް ކަމާގުޅުންހުރި ވުޒާރާތަކުން ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މި ބައްދަލުވުންތަކުގައި މަޝްވަރާކުރެވިފައިވާއިރު، ކަމާގުޅުންހުރި އިދާރާތަކުން އެއް އަމާޒަކަށް ވާސިލްވުމަށް މަސައްކަތްކުރަމުންދާކަން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާގެ އިތުރުން މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ފާހަގަކުރެއެވެ.

އެހެންކަމުން، މިގޮތަށް މި މަސައްކަތްތައް ތަރުތީބުވެގެން ދާ ހިނދު، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ ފަދައިން އެއްވެސް ފަރުދަކު ބާކީނުވާނެހެން ބޯހިޔާވަހިކަމަށް އެދި އެކަމަށް ޝަތުރުހަމަވާ ކޮންމެ ރައްޔިތަކަށް ވެސް ގޯއްޗެއް ނުވަތަ އެޕާޓްމަންޓެއް ލިބިގެންދާނެކަން ކަށަވަރުކުރެވިގެންދާނެ އެވެ. އަދި ދައުލަތުގެ ޚާއްސަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ދޭންޖެހޭ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ވެސް ތަންފީޒުކުރެވިގެންދާނެ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.