ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓާންޝިޕްގެ ފުރުޞަތު ދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓާންޝިޕްގެ ފުރުޞަތު ފަހިކޮށްދިނުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ރޯޑް ޑިވެލޮޕްމަންޓްކޯޕަރޭޝަންއާއި ދެމެދު މިއަދުވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި ފަހުމުނާމާގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް އަޙްމަދް އާތިފް އެވެ. އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން މެނޭޖިންގް ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދާނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބަލަހައްޓަމުންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރުގައި ހިމެނޭ ވަޒީފާގެ ފުރުޞަތު ހޯދުމަށް އެދިވަޑައިގަނެފައިވާ ފަރާތްތަކުގެ ތެރެއިން ހޮވިފައިވާފަރާތްތައް ތަމްރީނުކުރާ ގޮތަށެވެ. 1 އަހަރު ދުވަހަށް ކުރިއަށްދާ މި ޕްރޮގްރާމުގެ މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާހޯދުމާއި، މަސައްކަތުގެ މައިދާނަށް ތައްޔާރުވުމަށް ބޭނުންވާނެ އެކި ހުނަރުތައްތަރައްޤީކުރުމުގެ ފުރުޞަތުތައް ފަހިކުރުމެވެ.

އެއްވެސް މީހަކު ބާކީ ނުވާނެހެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ވަޒީފާގެ ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވަނީ ޚާއްސަ ޑިޕާޓްމަންޓެއް ޤާއިމްކޮށް ކަމާގުޅުން ހުރި އިދާރާތަކާއެކު މަސައްކަތް ފަށާފައެވެ. އަދި މި މަސައްކަތްތަކުގެ ތެރެއިން އެފަދަ ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމުގައި ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކޮށްލެވެ އެވެ.

ކުރިއަށް އޮތް ތަނުގައިވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށްވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، އެފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް،އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. ​​​​

 30 ޖޫން 2024

24 ޛުލްޙިއްޖާ 1445