ކޮންމެ ކުއްޖަކަށް ޢާއިލާއެއް

“ކޮންމެ ކުއްޖަކަށް ޢާއިލާއެއް” ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ. މި ޕްރޮގްރާމަކީ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަޞައްވަރު ފުރިހަމަ ކުރުމުގެ ގޮތުން، ކޮންމެ ކުއްޖަކީ ވެސް ޢާއިލީ ވެއްޓެއްގެ ހިމާޔަތާއި، ލޯތްބާއެކު ބޮޑުވުމުގެ ފުރުޞަތު ލިބިފައިވާ ކުއްޖެއްކަން ޔަގީންކުރުމަށް ކުރިއަށްގެންދެވޭ މުހިންމު ޕްރޮގްރާމެކެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން، ވަގުތީ ގޮތުން ފޮސްޓަރކުރުމަށް ބޭނުންވާ ފަރާތްތަކަށް، އެ ފުރުޞަތު މިވުޒާރާއިންވަނީ ހުޅުވާލައިފައެވެ. މި ކުދިން އަނބުރާ ޢާއިލާތަކާއި ހަވާލުކޮށް، ޢާއިލީ ދިރިއުޅުމެއް އެކުދިންނަށް ހޯދައިދިނުމަށް މި ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ވަގުތީ ގޮތުން ފޮސްޓަރކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ވެސް އެ ބޭނުމަށްޓަކައެވެ.

ވަގުތީ ގޮތުން ފޮސްޓަރކުރުމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކު ވަގުތީ ގޮތުން ބަލަހައްޓާނެ ފަރާތަކާއި ހަވާލުކުރުމެވެ. މިގޮތަށް ހަވާލުކުރެވޭ އެންމެ ކުރު މުއްދަތަކީ 2 އަހަރެވެ. ވަގުތީގޮތުން ކުއްޖާ ބަލަހައްޓާނެ ފަރާތަކާއި ހަވާލުކުރުމުގެ ބޭނުމަކީ ކުއްޖާގެ އުފަން ޢާއިލާގެ ހާލަތު ރަނގަޅުކުރުމަށް ބާރުއަޅައި، ކުއްޖާ އަނބުރާ ޢާއިލާއާއި ހަވާލުކުރެވެން ދެން ވެސް، ލޯތްބާއި އަޅާލުން ލިބި، ޢާއިލީ ވެއްޓެއްގައި ދިރިއުޅުމުގެ މަގުފަހިކޮށްދިނުމެވެ.

ވަގުތީ ގޮތުން ފޮސްޓަރކުރާ މުއްދަތު ހަމަވާއިރު، ޢާއިލާގެ ހާލަތު ރަނގަޅުވެ ކުއްޖާ އަނބުރާ ޢާއިލާއަށް ނުގެންދެވޭ ހާލަތުގައި، ފޮސްޓަރކުރާ މުއްދަތު އިތުރުކޮށް، އެ ކުއްޖާ ބަލަހައްޓަމުން ދާ ފޮސްޓަރ ބެލެނިވެރިން ގާތުގައި ބެހެއްޓޭނެ މަގު ވަގުތީ ފޮސްޓަރިން ނިޒާމުގެ ތެރެއިން ހަމަޖެއްސުމުގެ ފުރުޞަތުވެސް މިހާރު ލިބިގެންދާނެއެވެ. ހަމައެއާއެކު، ވަގުތީ ފޮސްޓަރިންގެ ތެރެއިން ގެންދާ ކުދިންގެ ދާއިމީ ޤާނޫނީ ބެލެނިވެރިކަމަށް އެދުމުގެ އިޚްތިޔާރު ވެސް ފޮސްޓަރ ޢާއިލާއަށް ލިބިގެންވެއެވެ.

25 ޖޫން 2024

19 ޛުލްޙިއްޖާ 1445