ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމަށް މި ވުޒާރާއިން ކުރަމުން އަންނަ މަސައްކަތްތަކާއި ގުޅޭ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހުންނެކޭ އެއްފަދައިން އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގައްޔާއި، މަސައްކަތް ކުރުމުގައްޔާއި ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުޞަތު ހޯދައިދިނުމުގެ މަޤުޞަދުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއި ވަޒީފާ ދިނުމުގައި ޢަމަލު ކުރާ ގޮތުގެ ގަވާއިދު ވަނީ މި އަހަރުގެ ތެރޭގައި ގެޒެޓްކުރެވިފައެވެ. މި ގަވާއިދުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތަކުގެ އިތުރުން އިންޓަރންޝިޕްގެ ފުރުޞަތުތައް ފަހިކުރެވި، ވަޒީފާގެ މާހައުލުގައި ފުރިހަމަވާންޖެހޭ މިންގަނޑުތައް ބަޔާންކުރެވިފައިވާނެއެވެ. އަދި ވަޒީފާ ދޭ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތަކާއި މުޖުތަމަޢުގައި ނުކުޅެދުންތެރިކަމާއި ގުޅޭގޮތުން އަހުލުވެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ފަރުމާކުރެވިގެންދާނެއެވެ.

މި އަހަރުގެ މާރިޗު މަހުގެ ތެރޭގައި މިވުޒާރާއާއި ހިލްޓަންގެ ދިވެހިރާއްޖޭގައި ހިންގާ 3 ރިސޯޓު ކަމުގައިވާ ވަލްޑަރފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް އަދި ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓްސް އެންޑް ސްޕާ އާއިއެކު ވަނީ ފަހުމުނާމާއެއްގައި ސޮއި ކުރެވިފައެވެ. މި އެއްބަސްވުމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމްތައް މެދުވެރިކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް މިވަގުތު ބޭނުންވާ ތަފާތު ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ފަހިވެ، މަސައްކަތުގެ މައިދާނުގައި ބޭނުންވާ ތަޖުރިބާ ލިބިގެންދާނެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުރުޞަތުތައް އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާއަތަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލްކުރެވިގެންދާ ސިނާއަތަށް ވެގެންދިއުމަށް މަގުފަހިވެގެން ދާނެއެވެ. މިގޮތުން ދެ ފަރާތެއް މިހާރު މި އިންޓަރންޝިޕްގެ ދަށުން މި މަހުގެ ތެރޭގައި ވަޒީފާއަށް އައްޔަންކުރެވިގެން ދާނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓާންޝިޕްގެ ފުރުޞަތު ދިނުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ މި ވުޒާރާއާ ދެމެދުވެސް ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. މި ފަހުމުނާމާގެ މައިގަނޑު މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ ޢަމަލީ ތަޖުރިބާ ލިބިގަނެ، މަސައްކަތުގެ މައިދާނަށް ތައްޔާރުވުމަށް ބޭނުންވާނެ އެކި ހުނަރުތައް ތަރައްޤީކުރުމުގެ ފުރުޞަތުތައް ފަހިކުރުމެވެ. މިފަދަ އިންޓާންޝިޕްތަކުގެ ބައިވެރިންނަށް އެފަރާތްތަކުގެ ޝައުގުވެރިކަން ހުރި ދާއިރާތައް ފާހަގަކުރުމަށް ފަސޭހަވެގެންދިއުމުގެ އިތުރުން، ވަޒީފާ ދޭ ފަރާތްތަކަށްވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު މަސައްކަތްކުރުމަށް އަހުލުވެރިވެގެންދާނެއެވެ. މިއާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ދާއިމީ ވަޒީފާތަކުގެ ފުރުޞަތުތައް ފަހިވެ، މަސައްކަތުގެ މާޙައުލަށް މުޅިން ތަފާތު ހުނަރުތަކެއް ހުރި ފަރާތްތަކެއް އިތުރުވާނެއެވެ.

މީގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދިނުމަށް މި ވުޒާރާއާއި ކެއަރ ސޮސައިޓީއާއި ދެމެދުގައި ވަނީ އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ކެއަރ ސޮސައިޓީގެ ފަރާތުން، މި ވުޒާރާގެ ދަފްތަރުގައި ވަޒީފާގެ ފުރުޞަތު ހޯދުމަށް އެދިވަޑައިގަނެފައިވާ ފަރާތްތަކުގެ ތެރެއިން ހޮވިފައިވާ ފަރާތްތައް ތަމްރީނުކުރާ ގޮތަށެވެ. ދެމަސް ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަޒީފާގެ މާޙައުލަށް އަހުލުވެރިކޮށް، މަސައްކަތަށް ބޭނުންވާ އެކި ހުނަރުތައް ދަސްކޮށްދެވޭނެއެވެ.

ހަމަމިއާއެކު، މިވުޒާރާއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓަރންޝިޕްގެ ފުރުޞަތުތައް ހޯދައިދިނުމަށް އަމިއްލަ ކުންފުނިތަކާއި ފިހާރަތަކާއެކުވެސް ދަނީ ގިނަ މަޝްވަރާތަކެއް ކުރަމުންނެވެ.

ކުރިއަށް އޮތް ތަނުގައިވެސް މިވުޒާރާއިން އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، އެފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާނެއެވެ.

23 ޖޫން 2024

17 ޛުލްޙިއްޖާ 1445