އަނަންތަރާ ވެލި، އަނަންތަރާ ދިގު އަދި ނަލަދޫ ޕްރައިވެޓް އައިލެންޑުން ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 5 ސްމާޓް ޓީވީ ހަދިޔާކުރައްވައިފި

އަނަންތަރާ ވެލި، އަނަންތަރާ ދިގު އަދި ނަލަދޫ ޕްރައިވެޓް އައިލެންޑުން ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 5 ސްމާޓް ޓީވީ ހަދިޔާކުރައްވައިފިއެވެ. ޓީވީ ހަވާލުކުރައްވާފައިވަނީ ނަލަދޫ ޕްރައިވެޓް އައިލެންޑް ރިސޯޓް މެނޭޖަރ ފާތިމަތު ޝާޒްލީންއެވެ. އަދި މި ތަކެއްޗާއި ގުރައިދޫ މަރުކަޒުން ހަވާލުވެވަޑައިގެންނެވީ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަޙްމަދު ޖައިޝަމްއެވެ.

ޓީވީ ހަދިޔާ ދިނުމުގެ ރަސްމިއްޔާތު ބޭއްވުނު ދުވަހު، ރިސޯޓުގެ ފަރާތުން ބައިވެރިވި ޓީމަށް ކ. ގުރައިދޫ މަރުކަޒު ދައްކާލާފައެވެ. އަދި މަރުކަޒުގައި ފަރުވާ ދެމުންދާ ފަރާތްތަކާއި ބައްދަލުކޮށް، ވާހަކަދައްކާ، ހާލު ބަލާލުމުގެ ފުރުޞަތުވެސް އެ ޓީމަށް ފަހިކޮށްދެވުނެވެ. މީގެ އިތުރުން، ފަރުވާ ހޯދަމުންދާ ފަރާތްތަކާއެކު ކޭކް ފެޅުމުގެ ޚާއްސަ ހަރަކާތެއްވެސް ވަނީ ބާއްވާފައެވެ.

ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަދިޔާކުރެވުނު 5 ސްމާޓް ޓީވީ ބޭނުންކުރެވޭނީ ރީއިންޓެގްރޭޝަން ވޯޑުގައްޔާއި ކުޑަކުދިންގެ ވޯޑުގައެވެ. އަދި މިތަކެތި ވެގެންދާނީ، ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ބޭނުންތެރި ތަޢުލީމީ އަދި މުނިފޫހިފިލުވުމުގެ މުހިންމު ވަސީލަތަކަށެވެ. ފަރުވާގެ މުއްދަތުގައި ކޮންމެ ފަރާތަކީވެސް އުފާވެރި، ހިތްފަސޭހަ ވަގުތުކޮޅެއް މަރުކަޒުގައި ހޭދަކުރާ ފަރާތަކަށް ހެދުމަކީ މި ވުޒާރާގެ އެންމެ ބޮޑު އެއް އަމާޒެވެ.

11 ޖޫން 2024

05 ޛުލްޙިއްޖާ 1445