އިސްރަށްވެހިންގެ ނާދީގެ މަދަހަ އަދި ޤުރުއާން އަތުލިޔުން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

އިސްރަށްވެހިންނަށް ޚާއްސަކޮށްގެން މާލޭގައި ޤާއިމްކުރެވިފައިވާ އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދިޔަ މަދަހަ މުބާރާތާއި ޤުރުއާން އަތުލިޔުން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި އެވެ. މި ދެ ބުމާރާތަކީ ވެސް ޖީ-ކެއާ އާއި ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ދެ މުބާރާތެވެ.

މި ދެމުބާރާތުގެ ނަތީޖާ ފާޅުކުރުން ބުރާސްފަތި ދުވަހުގެ ރޭ އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންގޮސްފައިވާއިރު މުބާރާތުގެ ވަނަ ވަނައަށް އައި ފަރާތްތަކަށް މެޑަލްއާއި ތަށި ވަނީ ހަވާލުކުރެވިފައެވެ. އޭގެ އިތުރުން މުބާރާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީލިޔުން ވަނީ ހަވާލުކުރެވިފަ އެވެ.

އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދިޔަ ޤުރުއާން އަތުލިޔުން މުބާރާތުން އެއްވަނަ ހާސިލްކުރައްވާފައި ވަނީ މަރިޔަމް ހަފްސާ އެވެ. އަދި މަދަހަ މުބާރާތުން އެއްވަނަ ހާސިލްކުރައްވާފައި ވަނީ ޒުހުދާ މުހައްމަދެވެ.

އިނާމު ދިނުމުގެ ޖަލްސާގައި މަދަހަ މުބާރާތުން އެއްވަނަ ހާސިލްކުރެއްވި ފަރާތުގެ މަދަހަ ހުށައެޅުމުގެ އިތުރުން، ނާދީއަށް ޒިޔާރަތްކުރައްވާ އިސްރަށްވެހިންގެ ފަރާތްޕުޅުން ވަނީ މަދަހައެއް ހުށައަޅުއްވާ ދެއްވާފަ އެވެ.

މާލޭގައި ޤާއިމްކުރެވިފައިވާ އިސްރަށްވެހިންގެ ނާދީއަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތަކުގެ ދަށުން، ރާއްޖޭގައި ތިބި އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީގޮތުން ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން، ޚާއްސަ ހަރަކާތްތްތަކެއް ހިންގޭނެ މަރުކަޒުތަކެއް ޤާއިމްކުރުމަށް އެމަނިކުފާނު ވެލެއްވި ވައިދިފުޅުގެ މަތިން އެންމެ ފުރަތަމަ ޤާއިމްކުރެވުނު މަރުކަޒެވެ.

އިސްރަށްވެހިންނަށް ޚާއްސަކޮށް ތަފާތު ހަރަކާތްތައް ނާދީގައި ކުރިއަށް ގެންދާއިރު، ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދެވުނު ހަރަކާތްތަކުގައި 572 މީހުން ވަނީ ބައިވެރިވެފަ އެވެ.