މި ވުޒާރާއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާއި ބައްދަލުކޮށް ޢާއިލީ އަދި އިޖުތިމާޢީ އެއްބައިވަންތަކަން ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އާއި ބައްދަލުކޮށް ޢާއިލީ އަދި އިޖުތިމާޢީ އެއްބައިވަންތަކަން ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މެއި މަހުގެ 29 ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމަކީ ޢާއިލާތަކަށް އެހީތެރިވެ، އިޖުތިމާޢީ އެއްބައިވަންތަކަން ކުރިއެރުވުމަށް އެހީތެރިވުމަށްޓަކައި ކުރެވޭނެ ކަންކަން ދެނެގަނެ، މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި އިޖުތިމާޢީ މަދަދުވެރިން (ސޯޝަލް ވޯކަރުން) ތަމްރީނުކުރުމަށްވަނީ މަޝްވަރާކުރެވިފައެވެ. މިގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ޢާއިލާތަކަށް އެހީތެރިވުމުގައި އިޖުތިމާޢީ މަދަދުވެރިންގެ މުހިންމު ދައުރު ދެނެގަނެ، އެފަރާތްތަކުގެ ޤާބިލިއްޔަތު އިތުރުކުރުމަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގެ އަމާޒަކީ މިފަދަ ފުރުޞަތުތަކުގެ ޒަރީޢާއިން، އެފަރާތްތަކަށް ބޭނުންވާ ހުނަރާއި ޢިލްމު ލިބި، މުޖުތަމަޢުގައި އެހީތެރިކަމަށް ބޭނުންވެފައިވާ ޢާއިލާތަކަށް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭނެ ޚިދުމަތްތެރިން ބިނާކުރުމެވެ.

މީގެއިތުރުން، ⁠ޢާއިލީ ގިޔަމު (ފެމިލީ ވެލިއުސް) ތަކާއި، ޢާއިލާތައް ރޫޅިގެންދާ ސަބަބުތަކާއި، އެކަމުގެ ސަބަބުން ކުޑަކުދިންނާއި، ޢާއިލާތަކާއި، މުޖުތަމަޢަށް ކުރާ އަސަރު ދެނެގަތުމާ ބެހޭގޮތުން ޤައުމީ ފެންވަރުގެ މަޝްވަރާއެއް ބޭއްވުމަށްވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރެވިފައެވެ. ⁠އަދި މި މަޝްވަރާތަކުގެ ހޯދުންތައް ޤައުމީ މަހާސިންތާއެއްގައި ހުށަހަޅައި، ޢާއިލާތައް އިތުރަށް ހަރުދަނާކޮށް، ޢާއިލީ ގުޅުން ބަދަހިކުރުމަށް މިހާރު ހުރި އަދި މުސްތަޤްބަލުގައި ހަދާނެ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށްވެސް މި މަޝްވަރާގައި ޚިޔާލު ބަދަލުކުރެވުނެވެ.

ހަމަމިއާއެކު، ޢާއިލީ ގުޅުންތަކާއި އިޖުތިމާޢީ އެއްބައިވަންތަކަން ކުރިއެރުވުމާއި ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. މިގޮތުން ޢާއިލާތައް ރޫޅުމުން ކުރިމަތިވާ އިޖުތިމާޢީ މައްސަލަތައް މަދުކޮށް، އެއްބައިވަންތަ އަދި އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމުކަމާއި، އެކަން ހާސިލުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށްވަނީ އަލިއަޅުވާލެވިފައެވެ. މިފަދަ ކޮންމެ ބައްދަލުވުމެއްގެ މަޤުޞަދަކީ، ޢާއިލާތަކާއި މުޖުތަމަޢުގެ ދުޅަހެޔޮކަން އިތުރުކޮށް، އެހީތެރިކަމުގެ ނިޒާމުތައް ވަރުގަދަކޮށްގެން، އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅުމަށް ޢާއިލާތައް ބާރުކުރުވުމެވެ.

30 މެއި 2024

22 ޛުލްގައިދާ 1445