ކ. ގުރައިދޫ ޚާއްސަ އެޙީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތައް ރީހެބިލިޓޭޓްކުރުމުގެ ގޮތުން މަރުކަޒުގައި ހިންގަމުންދާ އަދި ކުރިއަށް ބޭއްވުމަށް ރޭވިފައިވާ ހުނަރު ޕްރޮގްރާމްތަކާއި ގުޅޭ.

1976 ވަނަ އަހަރު ޤާއިމްކުރެވުނު ކ. ގުރައިދޫ ޚާއްސަ އެޙިއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިހާރު ތިބީ ޖުމްލަ 220 ފަރާތެވެ. މީގެތެރޭގައި ހިމެނެނީ 133 ފިރިހެނުންނާއި، 87 އަންހެނުންނާއި، އެނދުމަތިވެފައިވާ 15 ފަރާތާއި، ނަފްސާނީގޮތުން ބަލި 183 މީހުންނެވެ.  އަދި މި ޖުމްލަ އަދަދުގެ ތެރެއިން 65 އަހަރުން މަތީގެ 31 ފަރާތެއްވެއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދަނީ ދެމެހެއްޓެނިވި ގޮތެއްގައި ކ.ގުރައިދޫ މަރުކަޒުގެ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިހާރު މިމަރުކަޒުގައި ބޭނުންކުރަމުން އަންނަ މޮޑެލްގެ ދަށުން ފަރުވާއާއި، ރީހެބިލިޓޭޝަންގެ އިތުރުން، މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތައް މުޖުތަމަޢަށް އަނބުރާ ހަވާލުކުރުމަށް ބޮޑު އިސްކަމެއްދެއެވެ. މިގޮތުން މިދިޔަ 6 މަސް ދުވަހުގެ ތެރޭގައި 15 ފަރާތެއްވަނީ ޢާއިލާތާކާއި އަނބުރާ ހަވާލުކުރެވިފައެވެ.

ކ. ގުރައިދޫ މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ގިނަ ފަރާތްތައް މުޖުތަމަޢަށް އަނބުރާ ހަވާލުކުރުމަށް ބަލާއިރު، އެ ފަރާތްތަކަށް ހެލިފެލިވެ އުޅުމުގައާއި ވަކި ރޫޓީނަކަށް ނުވަތަ ތާވަލަކަށް ދުވަހުގެ ކަންކަން ބަހާލައި ކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެއެވެ. އެހެންކަމުން އެފަރާތްތައް ރީހެބިލިޓޭޓްކޮށް، އައު ހުނަރުތައް ދަސްކޮށްދިނުމުގެ އެކި ޕްރޮގްރާމުތައް މިހާރު މަރުކަރުކަޒުގައި ދަނީ ކުރިއަށްގެންދަމުންނެވެ. މިގޮތުން މިދިޔަ ހަފްތާގެ ތެރޭގައި މި މަރުކަޒުގައި ތިބޭ އަންހެން ކްލައިންޓުންނަށް ޚާއްސަކޮށް، ޕޮލިޓެކްނިކް އާއި ގުޅިގެން ކޭކް އެޅުމުގެ ކޯހެއް ވަނީ ބާއްވާފައެވެ. އަދި  މި ކޯސް 10 ފަރާތަކުން މިހާރުވަނީ ފުރިހަމަކޮށްފައެވެ. މީގެއިތުރުން، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމުގެ ގޮތުން ކަސްރަތު ޕްރޮގްރާމްތަކާއި އިޖުތިމާޢީ އެއްވުންތައް މަރުކަޒުގައި ތިބޭ ފަރާތްތަކަށް ދަނީ ކުރިއަށްގެންދަމުންނެވެ. އިސްވެ ދެންނެވުނު ހުނަރު ޕްރޮގްރާމްތަކުގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އަމިއްލަ ފަރާތްތަކާއި މުއައްސަސާތަކާއި ގުޅިގެން އެހެނިހެން ގިނަ ޕްރޮގްރާމްތަކެއް ކ. ގުރައިދޫ މަރުކަޒުގައި ބޭއްވުމަށް ވަނީ ރޭވިފައެވެ. މިގޮތުން ގަސް އިންދަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކާއި، ފަހަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކާއި ކުރެހުމާއި އަތު މަސައްކަތުގެ ހުނަރުތައް ދަސްކޮށްދޭ ޕްރޮގްރާމްތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މިފަދަ ހުނަރު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ އެންމެ މުހިންމު މަޤުޞަދަކީ މި ވުޒާރާގެ ބެލެނިވަރިކަމުގެ ދަށުގައި ފަރުވާ ހޯދަމުން  އަންނަ ކޮންމެ ފަރާތަކީ އަބުރުވެރި، އުފާވެރި، އަދި އަމިއްލަ  މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ލިބިގެންވާ ފަރާތަކަށް ހެދުމެވެ. ދައުލަތުގެ ބެލުމުގެދަށުގައި ތިބި ކޮންމެ މީހަކީވެސް އުފާވެރި ދިރިއުޅުމެއް އާއިލާއާއި އެކު އުޅުމުގެ ޙައްޤު ލިބިގެންވާ ފަރާތެކެވެ. އެހެންކަމުން އެ ފަރާތްތަކަށް ބޭނުންވާ އޯގާތެރިކަމާއި އަދި އެހީތެރިކަން އުފަލާ ލޯތްބާއިއެކު ދިނުމަށް، މުޖުތަމަޢުގެ އެންމެހާ ފަރުދުންނަށް މިވުޒާރާއިން އިލްތިމާސްކުރަމެވެ.

21   މެއި 2024

13 ޛުލްގައިދާ 1445