ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ދެއްވާ މެސެޖު.

ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާގެ ހުރިހާ ޢާއިލާތަކަށް ލޯތްބާއެކު އަރިސްކުރަމެވެ.

އޯގާތެރި މުޖުތަމަޢެއްގެ އެންމެ މުހިންމު އެއް ސިފައަކީ ބަދަހި ޢާއިލާއެވެ. އަޅުގަނޑުމެންގެ ޢާއިލާތަކަކީ އަޚުވަންތަކަމާއި އެއްބަނޑު އެއްބަފާވަންތަކަން ދަމަހައްޓާ، އެކަކު އަނެކަކަށް އަޅާލާ އޯގާތެރި، އެހީތެރި، ކުލުނުވެރި، އެންމެން އެކުގައި ގުޅިގެން އުޅޭ ޢާއިލާތަކަކަށް ވާންޖެހެއެވެ.

ޢާއިލާގެ ހަމަޖެހުމާއި އުފާވެރިކަމަކީ މުޖުތަމަޢުގެ ކުރިއެރުމެވެ. ޤައުމުގެ ތަރައްޤީގެ އަސްލެވެ.

އަޅުގަނޑުގެ އެދުމަކީ މިއަދަކީ، އަދި ހަމަ ކޮންމެ ދުވަހަކީވެސް، ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ޢާއިލާއަށް އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ދުވަހަކަށްވުމެވެ. ‘ފުރަތަމަ ޢާއިލާ’ މިއީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އިސްކުރާ ސިޔާސަތަށްވުމެވެ. އަޅުގަނޑުމެން ކޮންމެ މީހަކީވެސް މައިންބަފައިންނަށް އަޅާލާ ބަޔަކަށްވުމެވެ. ބޮޑުބޭބެއިންނާއި ބޮޑުދައިތައިން، އެއްބަނޑު އެއްބަފާ ބޭބެއިންނާއި ދައްތައިން އަދި ކޮއްކޮއިންގެ ހާލުބަލާލާ ބަޔަކަށްވުމެވެ. ދަރިންނާއި އަނބިން އަދި ފިރިންނަށް ވަގުތުދޭ، އެމީހުންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށް އިސްކަންދޭ ބަޔަަކަށްވުމެވެ.

އަޅުގަނޑުގެ އެދުމަކީ އެކި ސަބަބުތަކާހުރެ ޢާއިލާ ރޫޅި، ދެމަފިރިން ވަކިވާން ޖެހޭ ޙާލަތު ދިމާވެފައިވާ ޢާއިލާތަކުންވެސް، އެޢާއިލާތަކުގެ ކުދިންނާ އެކުދިންގެ މައިންބަފައިންނާމެދު އޮންނަ ގުޅުން ބަދަހިކުރުމެވެ. އަދި ކޮންމެ ޢާއިލާއަކީވެސް އެކުގައި އުޅުނަސް، ނުވަތަ ދުރުގައި އުޅެންޖެހިފައި ވީނަމަވެސް ޢާއިލީ ގުޅުން ދަމަހައްޓާ، އިޙްތިރާމާއި ލޯތްބާއެކު އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކު ކަމުގައިވުމެވެ.

މާތްﷲ އަޅުގަނޑުމެންގެ އާއިލާތަކަކީ ދުޅަހެޔޮ، އެކުވެރި، އުފާވެރި އާއިލާތަކެއްކަމުގައި ލައްވާށިއެވެ. އާމީން.

10 މެއި 2024

02 ޛުލްގައިދާ 1445