ކުޑަކުދިންގެ އުފާ ފެސްޓިވަލާއި ގުޅޭ

ޤައުމީ  ކުޑަކުދިންގެ  ދުވަސް  ފާހަގަކުރުމުގެ މަޤްސަދަކީ  މުޖުތަމަޢުގެ ކުޑަކުދިންގެ  ޙައްޤުތަކާއި  އެކުދިންގެ ކަރާމާތް  ހިމާޔަތްކުރުމުގެ އިތުރުން އެކުދިންގެ އުފާވެރި އަދި ދުޅަހެޔޮކަމަކީ މުޖުތަމަޢުއެއްގައި  އެންމެހާ ފަރުދުންގެ  މަސްޢޫލިއްޔަތެއްކަން  ހަނދާންކުރުމެވެ.

ގަޢުމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މިވުޒާރާއާއިން ވަނީ މެއި މަހުގެ 10 އަދި 11ވަނަ ދުވަހު “އުފާ ފެސްޓިވަލް”ގެ ނަމުގައި ވަރަށް ޚާއްސަ ކުޑަކުދިންގެ ކާނިވަލެއް ބޭއްވުމަށް ހަމަޖެހިފައެވެ. މި ފެސްޓިވަލްގެ މެއިން ޕާޓްނަރ އަކީ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއެވެ. އަދި އިވެންޓް ޕާޓްނަރ އަކީ އޫރީދޫއެވެ. މި ފެސްޓިވަލުގައި ބައިވެރިވާ ކުޑަކުދިން ގުރުއަތުގައި ބައިވެރިވެ ވަރަށް ޚާއްސަ އިނާމުތަކެއް ލިބުމުގެ ފުރުޞަތު އޮންނާނެއެވެ.

އުފާ ފެސްޓިވަލް ކުރިއަށްދާނީ 10 އަދި 11 މެއިގައި ދެ ސެޝަނަކަށް ބަހާލެވިގެން، ހަވީރު 16:00 އިން 18:00 އަށް، އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ. މި ދެދުވަހުވެސް ތަފާތު ގިނަ ހަރަކާތްތަކެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ތަފާތު ގޭމް ސްޓޯލްތަކާއި، ކާބޯތަކެތީގެ ސްޓޯލްތަކުގެ އިތުރުން، ރޮބޮމޭންގެ ހަރަކާތްތައް ހުކުރުދުވަހުގެ ހަވީރު ފެނިގެންދާނެއެވެ. މީގެ އިތުރުން ބައުންސިންގް ކާސަލް އަދި ތަފާތު މެސްކޮޓްތަކުގެ އިތުރުން، ރީޑިންގެ ވިތް މިސް ޔޫލީ ކިޔާ ހަރަކާތެއްވެސް ހުކުރުދުވަހު ކުރިއަށް ދާނެއެވެ. އެމް.އެން.ޑީ.އެފްގެ ފަޔަރ ޓްރަކް، އެމް.ޓީ.ސީ.ސީ ބަސް އަދި އެމް.ޕީ.އެލް. ރީޗް ސްޓެކަރ އަށް އަރާލުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.

މި ފެސްޓިވަލުގެ 2 ވަނަ ދުވަހު ސްޓޯލްތަކުގެ ހަރަކާތައް ކުރިއަކަށް ނުދާނެއެވެ. އޭގެ ބަދަލުގައި އޮންނާނީ ފެންކުޅީގެ ތަފާތު ހަރަކާތްތަކެވެ. މިގޮތުން ފޯމް ބައުންސިންގް އިންފްލޭޓެބަލްއާއި، ބައުންސިންގެ ކާސަލްގެ އިތުރުން، ފެން ޖެހުމުގެ ކުޅިވަރު އޮންނާނެއެވެ. މި ހަރަކާތުގައި ބައިވެރިވާން ބޭނުން ހުރިހާ ކުދިންވެސް އަމިއްލަ ފެންބަޑިއެއް ގެންދިއުމަށް އިލްތިމާސްކުރަމެވެ. މީގެ އިތުރުން، ހޮނިހިރު ދުވަހުގެ ރޭގައި ވަރަށް ޚާއްސަ މޫވީ ނައިޓެއްވެސް 20:00އިން 22:00 އަށް ބޭއްވުމަށް ވަނީ ރޭވިފައެވެ. އަދި މޫވީ ނައިޓަށްފަހު، މި ޚާއްސަ ފެސްޓިވަލް ނިންމާލުމުގެ ގޮތުން ހަވާއެރުވުން އޮންނާނެއެވެ.

ޤައުމީ ކުޑަކުދިންގެ ދުވަސް ފާހަގަކުރަމުން އަންނަ މި ދަނޑިވަޅުގައި ފަލަސްތީނުގެ ޢައްޒާގެ މުސްލިމް އަޚުންނާއި އުޚްތުންނާއި ދެކޮޅަށް އިސްރާއީލުން ހިންގަމުން އަންނަ ޢުދުވާން ކުށްވެރިކުރާ ހާލު، އެ އުދުވާންތަކުގައި ޝަހީދުވަމުން އަންނަ ކުޑަކުދިންނާއި ޒަޚަމްވަމުން އަންނަ އެ ކުދިންގެ ޢާއިލާ އަދި ޣައްޒާގެ އެންމެހާ މުސްލިމް އަޚުންނާއި އުޚްތުންންނަށް އަނިޔާވެރި މި ދުވަސްތައް ނޫން ފާގަތި އުފާވެރި ދުވަސްތަކެއް ދެއްކެވުން އެދި ދުޢާ ކުރަމެވެ.

10 މެއި 2024

 02 ޛުލްގައިދާ 1445