ިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އެމެރިކާގެ ނިއު ޔޯކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރޭ ފުރާވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅަކީ އ.ދގެ ހެޑް ކުއަރޓަރސްގައި ކުރިއަށް ދާ “ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން”ގެ 63ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން އެމެރިކާއަށް ކުރައްވާ ދަތުރުފުޅެކެވެ.
މި މަހުގެ 9ން 20ށް ކުރައްވާ މި ދަތުރުފުޅުގައި “ދަ ކޮމިޝަން އޮން ދަ ސްޓެޓަސް އޮފް ވިމެން”ގެ 63ވަނަ ސެޝަންގައި މިނިސްޓަރ ޝިދާތާ ތަޤުރީރުކުރެއްވުމުގެ އިތުރުން ބައްދަލުވުމުގެ ހަވާސާގައި ކުރިއަށް ދާ ސައިޑް-އިވެންޓްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
ފުރާވަޑައިގަތުމުގެ ކުރިން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ މި ސެންޝަންގައި ދިވެހިރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށްޓަކައި ކުރަމުން ދާ މަސައްކަތްތަކާއި، އަންހެނުންނާއި އަންހެންކުދިންގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ކުރަމުން ދާ މަސައްކަތްތައް ޙިއްޞާކުރެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުރުން، ދިވެހިރާއްޖޭން ބެއިޖިންގ ޑެކްލަރޭޝަން އެންޑް ޕްލެޓްފޯމް ފޮރ އެކްޝަނާއި، ކޮންވެންޝަން އޮން ދަ އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އެގެންސްޓް ވިމެން (ސީޑޯ) ތަންފީޛުކުރަމުން ދާ މިންވަރާ ގުޅޭ ގޮތުން މަޢުލޫމާތު ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ.
މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި ޖެންޑަރ އިކުއަލިޓީގެ ޤާނޫނު އެންމެ ފުރިހަމައަށް ތަންފީޛުކުރުމަށްޓަކައި ދިވެހިރާއްޖޭން ކުރަމުން ދާ މަސައްކަތްތަކާއި، ބޭރުގެ ޤައުމުތަކާއެކު ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަން ފާހަގަކުރެއްވިއެވެ. އަދި މި ޤާނޫނުގައި ކަނޑައަޅައިފައިވާ ކަންކަން ތަންފީޛުކުރުމަށް ބާރުއެޅުމަށްޓަކައި ކުރަމުން ދާ މަސައްކަތްތައް ވެސް ޙިއްޞާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
03 ރަޖަބު 1440
10 މާރިޗު 2019