بســم اللّـه الرّحمـن الرّحيــم
ޙަމްދާއި ޝުކުރުކުރަނީ ޢާލަމްތަކުގެ ވެރި ﷲ ސުބަހާނަހޫ ވަތަޢާލާއަށް. ޞަލަވާތާ ސަލާމް ލެއްވުން އެދި ދުޢާކުރަނީ މި އުންމަތަށް ކައުކުރެއްވި، ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމްއަށް. އަދި މި ޞަލަވާތާ ސަލާމުގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލްކުރަން.
ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސް ރައީސް މުޙައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން،
ٱلسَّلَامُلَيْكُمْ وَرَحْمَةُ ٱللَّٰهِ وَبَرَكَاتُهُ
ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ރާއްޖޭގެ ހީވާގި، ހިންގުންތެރި އަންހެނުންނާއި އަންހެންކުދިންނަށް، އަދި އަންހެނުން ބާރުވެރިކުރުވައި އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރައްވާ އަމިއްލަ ފަރުދުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކަށް އަދި ދިވެހި ހުރިހާ ރައްޔިތުންނަށް މި ދުވަހުގެ ތަހުނިޔާ ދަންނަވަން.
އިއްޒަތްތެރި ރައީސް، އިއްޒަތްތެރި މެންބަރުން،
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުހިންމުކަން ފާހަގަކޮށް މިދުވަހާއި ގުޅޭ ގޮތުން ދިވެހި ރާއްޖޭގެ އަންހެނުންގެ ޚާލަތް ބަޔާންކޮށް މިމަޖިލީހުގައި އެއްޗެއް ދަންނަވާލުމަށް އަޅުގަނޑަށް ދެއްވި މިފުރުޞަތު އުފާލާއެކު ފާހަގަކުރަން. އަދި ޚާއްޞަކޮށް 5 މާރިޗު 2020ގައި “ދިވެހިރާއްޖޭގެ އަންހެނުންނާއި މެދު ކުރާ ތަފާތު ކުރުންތަކަށް ހުއްޓުމެއް ގެނައުމަށްޓަކައި ކަމާއި ގުޅޭ ސިޔާސަތުތަކާއި ނިޒާމާއި ޤާނޫނުތަކާއި ގަވައިދުތަކުގައި ހުރި ހުރަސްތަކާއި ތަފާތު ކުރުންތައް” ދެނެގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ އިއްޒަތްތެރި މެންބަރު އީވާ ޢަބްދުﷲ ޤަރާރެއް ނެރުއްވައި، އެކަމާއި ގުޅޭގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރަން.
އާދެ! މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރެވެމުންދާއިރު މިއަހަރުގެ ޝިއާރާއި މެދު ވިސްނާލުން މުހިންމު. މިއަހަރުގެ ޝިއާރަކީ
Women in leadership: Achieving an equal future in a COVID-19 world
“އިސް ސަފުގައި އަންހެނުން: ކޮވިޑް 19ގެ ދުނިޔޭގައި ހަމަހަމަ މުސްތަޤްބަލެއް ހޯދުން”
މިޝިއާރު ދިވެހިރާއްޖެއަށް މުހިންމުވާ ސަބަބަކީ ދިވެހި ރާއްޖޭގައިވެސް އަންހެނުން ލީޑަރޝިޕްއަށް އައުމަށް ނުވަތަ ކަންކަން ނިންމާ ފެންވަރުގައި ބަސްބުނުމަށް ހުރި ގޮންޖެހުންތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ހުރި ގޮންޖެހުންތަކެއް. އެ ގޮންޖެހުންތައް ބިނާވެފައިވަނީ އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އަންހެނުންނާއި ފިރިހެނުންގެ ދައުރާ މެދު ޒަމާނުއްސުރެ މުޖުތަމަޢުގެ ހުރި ވިސްނުންތަކާއި މުޖުތަމަޢުގެ ތެރޭގައި ދެކޭގޮތުގެ ސަބަބުންކަން. އެހެންކަމުން ޤައުމެއް ބިނާ ކުރުމުގައި އަންހެނުންގެ ޙިއްޞާ އިތުރުވެ، އަދި ދެޖިންސުގެ ބައިވެރިވުން އެއް ހަމައެއްގައި ލިބުމުން ދިމިޤްރާތީ ނިޒާމުގައި ހެޔޮވެރިކަމެއްގެ (ގުޑް ގަވަނަންސް) ސިފަ ޖެހި، މުޖުތަމަޢުގެ އިޖުތިމާޢީ ހަމަޖެހުން ޤާއިމުވެގެންދާނެ.
2020 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެނިގެން ދިޔަ ފަދައިން ދިވެހި ރާއްޖޭގައިވެސް ކޮވިޑް 19އާއި ގުޅިގެން ދޭންޖެހުނު ތަފާތު ޚިދުމަތްތައް ދިނުމުގައި އަދި ފްރަންޓްލައިންގައި ސާބިތު ކަމާއެކު އެންމެ ބޮޑަށް ޙިއްޞާކުރަމުން ގެންދަނީ އަންހެނުން ކަން މިއަދު އަޅުގަނޑު ފަހުރުވެރިކަމާއެކު ފާހަގަކުރަން ބޭނުން. އެގޮތުން ކޮވިޑް 19އާއި ގުޅިގެން ފުރަތަމަ 6 މަސްދުވަހުގެ މުއްދަތުގައި 24 ގަޑި އިރު ވަރުބަލި ކަމެއް ނެތި ކޮވިޑް 19 ކޮންޓްރޯލް ކުރުމަށް ދިވެހިރާއްޖޭގެ ދިފާއީ ވުޒާރާގެ ވަޒީރު މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވަނީ އެންމެ އިސް ސަފުގައި ސާބިތު ކަމާއެކު މަސައްކަތް ކުރައްވާފަ. އަދި މީގެ އިތުރުން، ފަސްޖެހިވަޑައިގަތުމެއް ނެތި މިއަދާހަމައަށްވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރުގެ އިރުޝާދުގެ ދަށުން މިއާލަމީ ވަބާއިން މިޤައުމު ރައްކާތެރިކުރުމަށް އަޅަމުންގެންދާ ފިޔަވަޅުތައް ފާހަގަކޮށްލަން. މިފަދަ އެތައް އަންހެން ބޭފުޅުން: ނަރުހެނުންނާއި، ޑޮކްޓަރުންނާއި އަދި ރެޕިޑް ރެސްޕޮންސް ޓީމުގައި ދަނީ އަވަދިނެތި މަސައްކަތް ކުރަމުން. މީގެ އިތުރުން، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ މިހާލަތުގައި އިޖުތިމާއީ އަސާސީ ޚިދުމަތް ފޯރުކޮށްދެއްވުމުގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުގެ ހީވާގި އަންހެނުން ރެޔާއި ދުވާލު ވަރުބަލިކަމެއްނެތި ދެއްވަމުން ގެންދަވާ ޚިދުމަތް އަޅުގަނޑުމެން ފާހަގަ ކުރަންޖެހޭ. އާއިލީ ޒިންމާތައް އަދާކުރައްވަމުން ރޭގަނޑުގެ އަރާމު ނިދިނަގާލައި މަގުތަކާއި ގޭބިސީތައް ކުނިން ރައްކާތެރި ކުރުމަށް އެ އަންހެން ބޭފުޅުން ކޮށްދެއްވަމުންދާ ހީވާގި މަސައްކަތްތަކަކީ މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިޢާރު ވަރަށް ރަނގަޅަށް ރަމްޒުކޮށްދޭ، ޝުކުރު ހައްޤު މަސައްކަތްތަކެއް .އަދި މި ޤައުމީ ޚިދުމަތުގެ އިސް ސަފުގައި ހުށިޔާރު ކަމާ އެކު އަންހެނުން ކުރަމުންދާ މަސައްކަތުގެ ސަބަބުން އަމަލީ ގޮތުން އެދެވޭ ނަތިޖާތައް ދަނީ ނެރެމުން.
މި މަޖިލީހުގެ އިއްޒަތްތެރި މެންބަރުނަށްވެސް އެނގި ވަޑައިގަންނަވާނޭ ފަދައިން ކޮވިޑް 19 އާއެކު ފުރަބަންދުގައި އެޅި ފިޔަވަޅުތަކާއި ގުޅިގެން ގޭތެރޭގެ މަސައްކަތްތަކުގެ އިތުރުން އިޤްތިސާދީގޮތުން އަންހެނުން ކުރަމުން ދިޔަ މަސައްކަތްތައް އިތުރުވެގެން ދިޔަ. މިގޮތުން ކުދިންނަށް ކިޔަވައިދިނުމަށް އައި ބަދަލާއި ގުޅިގެން އޮންލައިންކޮށް ކުދިންގެ ކިޔެވުން ބެލެހެއްޓުމާއި މި އާ ނިޒާމުގެ ތެރެއިން ކުދިންނަށް ދޭންޖެހޭ އެހީތެރިކަން ކުދިންނަށް ފޯރުކޮށްދިނުމުގައި އަންހެނުން އިސްދައުރެއް އަދާކުރަމުންދޭ. ހަމައެއާއެކު ދަރިން ބެލުމާއި ތަރުބިއްޔަތު ކުރުމާއި އަދި ގޭތެރޭގެ ކަންކަން ހަމަޖެއްސުމުގައި ފިރިހެނުންގެ ޒިންމާއާއި ދައުރު އިތުރުވެގެން ދިޔަކަން ފެނިގެން ދިޔަ. ޚާއްސަކޮށް ޒުވާނުންގެ ތެރެއިން މިކަން ފެނިގެން ދިޔަކަން ފާހަގަކޮށްލަން.
އިއްޒަތްތެރި ރައީސް، އިއްޒަތްތެރި މެންބަރުން،
ކޮވިޑް 19އާއި ގުޅިގެން ދިވެހިރާއްޖެއަށް އައި އިޤްތިޞާދީ ލޮޅުމުގައި ނޭދެވޭ އަސަރެއް ކުރި އެއްބަޔަކީ “އިންފޯމަލް ސެކްޓަރ”ގައި މަސައްކަތް ކުރަމުން ދިޔަ ފަރާތްތައް. އިންފޯމަލް ސެކްޓަރގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ގިނައީ އަންހެނުން ކަމަށްވާތީ، ބޮޑު އަސަރެއް ކޮށްފައިވަނީ އަންހެނުންނަށްކަން ފާހަގަކޮށްލަން. ނަމަވެސް، ކޮވިޑް 19 ގެ ފުރަބަންދުގެ ސަބަބުން އަޅުގަނޑުމެންގެ އަންހެނުން އިނޮވޭޓިވް ގޮތްތައް ހޯދައިގެން ފުރަބަންދުގެ ހާލަތުގައި ލިބެން ހުރި ވަޞީލަތްތަކުގެ ބޭނުން ހިފައިގެން ކުދި ވިޔަފާރިތައް ހުއްޓުނުނަ ނުދީ މަސައްކަތް ކުރިކަން މިއަދު ފާހަގަކޮށްލަންޖެހޭ.
އިޤްތިޞާދީ ގޮތުން ނާޒުކު ހާލަތަކަށް އަންހެނުން ވެއްޓުނަ ނުދިނުމަށްޓަކައި ސަރުކާރުން ވަނީ މަސައްކަތްތަކެއް ކުރެވިފައި. އެކަނިވެރި މައިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވެ ލޮކްޑައުންގެ ހާލަތުގައި ކެއިން ބުއިމުގެ ކަންތައްތައް ހަމަޖެއްސޭނެ ގޮތެއްނެތް 600 އާއިލާއަށް ކާބޯތަކެތީގެ އެހީތެރިކަން ޔުނިސެފްއާއި ގުޅިގެން ފޯރުކޮށް ދެވުނު. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތައް ދެނެގަނެ 5000އަށް ވުރެ ގިނަ ފަރާތަކަށް ގުޅައި ހާލުބަލައި އޭގެ ތެރެއިން ޚާއްޞަ ބޭހެއް ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދެވުނު. މާލެ ފުރަބަންދު ކުރުމާއި ގުޅިގެން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުފަތުރު ކުރުމުގައާއި ރާއްޖެއިން ބޭރަށް ތަފާތު ކަންކަމުގައި ގޮސްފައިވާ 52 ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެމީހުންގެ އާއިލާ އެނބުރި ރާއްޖެ އައުމަށް އެހީތެރިކަން ފޯރުކޮށްދެވުނު. މީގެ ނަތީޖާއަކީ އެފަރާތްތަކަށް އެންމެ އެހީތެރިކަން ބޭނުންވި ވަގުތު ބާކީކޮށްނުލައި ވަކިން ޚާއްޞަ ސަލާމުކަމެއް ދެވުނުކަން. އަދި ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑްގެ ހާލަތަށް ދިޔުމާއި ގުޅިގެން މި ހާލަތުގައި ހުރި ހުރިހާ ރަށެއްގައި ދާންމަތި ވެފައި ތިބި އަދި ދޮށީ އުމުރުގެ 4026 ފަރާތަކަށް ގުޅައި ހާލުބަލައި އެހީތެރިކަން ފޯރުކޮށްދެވުނު. އެހެންކަމުން، މިހާލަތުގައި މިފަރާތްތައް ހަވާސާނުކޮށް އިތުރަށް ނާޒުކު ހާލަތަށް ގެނބިގެންދިޔަ ނުދިނުމަށްޓަކައި ހަރުދަނާ ނިޒާމެއް އަޅުގަނޑުމެނަށް ޤާއިމުކުރެވުނު. އަޅުގަނޑު މިއަދު މިވާހަކަ ދައްކާ ސަބަބަކީ މިދެންވި ހާލަތްތަކުގައި އެންމެ ބޮޑަށް އަސަރެއްކޮށް މިދަނޑިވަޅުގައި ބޮޑު ޒިންމާއެއް ނަގަމުންދިޔަ ބަޔަކީ އަންހެނުންނަށްވެފައި އެ އަންހެނުން މިކަމުގެ ތެރޭގައި ފިކުރު ބޮޑުވެގެން ދިޔަވަގުތު ސަރުކާރުން އެމީހުންގެ އިހުސާސްތަކާއި ބޭނުންތައް ދެނެގަނެ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދެވުމުންދާކަން ފާހަގަކޮށްލުމުގެ ބޭނުމުގައި ކަން ދަންނަވާލަން.
އިއްޒަތްތެރި ރައީސް، އިއްޒަތްތެރި މެންބަރުން،
ކޮވިޑް 19 ގެ އެންމެ ބޮޑު އަސަރެއް ކުރި އެއްބަޔަކީ، ކުލި ދީގެން މާލޭގައި ވަޒަންވެރިވެގެން އުޅުނު އާއިލާތައް. އަދި މިއާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކަމާ ބެހޭ ދާއިރާތަކުގެ ލަފައާއި އެކު ޚާއްޞަ ފިޔަވަޅުތަކެއް އެޅުނު. އެގޮތުން، މިއަދު މިޢިއްޒަތްތެރި މަޖިލީހުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ “އަހުލު”ގެ ނަމުގައި ޕްރޮގްރާމެއް ފެށި، އެޕްރޮގްރާމްގެ ދަށުން އެނބުރި ރަށަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ އާއިލާތަކަށް އެފުރުޞަތު ހުޅުވާލެވިފައިވާކަން. އަދި މިކަމަށް ބަޖެޓް ލިބި އަމަލީ ގޮތުން މިމަސައްކަތް ވަނީ ފެށިފަ. މިޕްރޮގްރާމްގެ ދަށުން އަނބުރާ ރަށަށް ބަދަލުވާ އާއިލާތަކުގައި ތިބި އާމްދަނީއެއް ހޯދުމަށް މަސައްކަތެއް ކުރަން ބޭނުންވާ އަންހެނުންނަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، އަދި ވޯލްޑް ބޭންކް މެދުވެރިކޮށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ރޭވިފައިވާކަން މިފުރުޞަތުގައި ދަންނަވާލަން. އަދި މިފަދަ ޚާއްޞަ ޕްރޮގްރާމްތަކުގެ ސަބަބުން މިންތީގެ ފަރަގު ކުޑަވެގެން ދާނެ.
އިއްޒަތްތެރި ރައީސް، އިއްޒަތްތެރި މެންބަރުން،
ކޮވިޑް 19އާއި ގުޅިގެން ވަޒީފާ ގެއްލުނު ނުވަތަ އާމްދަނީ ލިބޭނެ މަގު ހުއްޓުނު ފަރާތްތަކަށް އަމާޒުކޮށްގެން “އިންކަމް ސަޕޯޓް” ފޯރުކޮށް ދިނުމަށްޓަކައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ހިންގާ ޚާއްޞަ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 20768 މީހުންނަށް މާލީ އެހީ ފޯރުކޮށްދީފައިވާ އިރު އޭގެތެރެއިން 7467 އަކީ އަންހެނުން ކަމުގައި ދަންނަވަން. މި ތަފާސް ހިސާބަށް ވިސްނާލައިފިނަ އަޅުގަނޑުމެންނަށް އެނގިގެންދާ އެއްކަމަކީ އަންހެނުންގެ އަދަދު މަދުކަން. އަދި މިކަމުގައި ޖެންޑަރ ޑިސްޕެރަޓީއެއް އޮތްކަން. ވަކިން ޚާއްސަކޮށް ވަޒީފާގެ ބާޒާރަށް ނިކުންނަ އަންހެނުން މަދުކަން. މިގޮތުން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން 2019 ވަނަ އަހަރުގެ ހައުސިންގް އިންކަމް އެކްސްޕެނޑިޗަރ ސާވޭ އިން ދައްކާގޮތުން ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ލޭބަރ ފޯސް ޕާޓިސިޕޭޝަން ރޭޓް އަކީ 46% މީ ރާއްޖޭގެ އެވްރެޖް 60% އަށް ވުރެ ދަށް އަދަދެއްކަން ފާހަގަކުރަން. އެހެންކަމުން އަންހެނުންނަށް އަމާޒުކޮށްގެން ތަމްރީންތައް ރާވާ، އަދި ވަޒީފާގެ ފުރުސަތުތައް އިތުރު ކުރުމަށް ޕްރޮގްރާމްތަކެއް ވާލްޑް ބޭންކްއާއެކު ފަރުމާކުރެވެމުންދާކަން އަޅުގަނޑު ފާހަގަކޮށްލަން.
މީގެ އިތުރުން،އާމްދަނީ ހޯދުމަށް ގޭގައި ނުވަތަ ހޯމްބޭސްޑްކޮށް ކުރާ މަސައްކަތުގައި އަންހެނުންގެ ދައުރު ބޮޑުކަން ފާހަގަކުރަން. މިގޮތަށް ކުރާ މަސައްކަތްތަކުގައި ލިޔެކިޔުން ގެންގުޅުން މަދުވެފާ، އިންކަމް ސަޕޯޓަށް އެދުމުގައި އެދެވޭ މިންވަރަށް ސަޕޯޓިން ޑޮކިއުމަންޓް ލުމަށް އަނހެނުންނަށް ދަތިތަކެއް ދިމާވެފައިވޭ. މިފަދަ ފަރާތްތަކަށް ރިޢާޔަތްކޮށް، އިންކަމް ސަޕޯޓް ދިނުމުގައި ގެންގުޅޭ އުސޫލުގެ މިންގަނޑުތައް ލުއިކޮށް، އިތުރު ފަރާތްތައް ޕްރޮގްރާމްގައި ބައިވެރި ކުރެވިފައިވާކަން ޖޮބް ސެންޓަރުތަކުން މައުލޫމާތު ދެއްވާ.
ޢިއްޒަތްތެރި ރައީސް، އިއްޒަތްތެރި މެމްބަރުން،
ފުރަބަންދުގެ ހާލަތުގައި އަޅުގަނޑުމެން އިތުރު ސަމާލުކަމެއް ދޭންޖެހޭ ކަންތައްތަކެއް ފާހަގަކުރެވުނުކަން މިފުރުޞަތުގައި ދަންނަވާލަން ބޭނުން. އޭގެ ތެރެއިން އެއްކަމަކީ، ގެވެށި އަނިޔާ އަދި އަންހެނުނަށާއި ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް އިތުރުވެގެން ދިއުން. އަދި މައްސަލަަތައް އިތުރުވުމާއި ގުޅިގެން އަމިއްލަ ޖަމްޢިއްޔާތަކުންނާއި އަދި އާންމު ފަރުދުންވެސް މިކަން ވަނީ ތަފާތު ފޯރަމްތަކުގައި ޙިއްޞާކޮށްފައި. އެހެންކަމުން، އަމިއްލަ ޖަމިއްޔާތަކާއި ކަމާ ގުޅޭ މުއައްސަސާތަކާއެކު މަޝްވަރާތަކެއް ބޭއްވުނު. އަދި މިމަޝްވަރާތަކުގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށްދޭ ޖަމްއިއްޔާތަކާއި ޚިދުމަތްދޭ ތަންތަން މަދުކަމާއި އަދި ޚިދުމަތް ދިނުމުގައި ތަފާތު ގޮންޖެހުންތައް ހުރިކަން ފާހަގަވެގެން ދިޔަ. އެކަންކަމަށް ހައްލު ހޯދާއި އާންމުން ހޭލުންތެރިކޮށް ޚިދުމަތް ހޯދުމަށް ބާރުވެރިކުރުވައި އަދި ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ހުރި ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި 15 ޖުލައި 2020ގައި ގެވެށި އަނިޔާ ހުއްޓުވުމަށް “ގެވެށި ގުޅުން” މިނަމުގައި ޤައުމީ ފެންވަރުގައި ކެމްޕެއިނެއް ވަނީ ފަށާފައި. އަދި މީގެ އިތުރުން ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ޚިދުމަތް ދެމުންގެންދާ 2 ޖަމިއްޔާއަކަށް އެފަރާތުންދޭ ޚިދުމަތުގެ ފެންވަރު ރަގަޅުކޮށް ވީހާވެސް ގިނަ ފަރާތްތަކަށް ޚިދުމަތް ފޯރުކޮށް ދިނުމުގެ މަޤްޞަދުގައި ޔުނިސެފާއި ގުޅިގެން މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކޮށްލަން. އަދި މީގެ އިތުރުން، މި ކެމްޕެއިންގެ ދަށުން މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ ސަބަބުން، ކެމްޕެއިން ކުރިއަށް ގެންދިއުމަށްޓަކައި ފަންނީ އެހީތެރިކަމާއި މާލީ އެހީތެރިކަން ޔޫ.އެން.އެފް.ޕީ.އޭ އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށް ލިބިފައިވާކަން ފާހަގަކޮށްލަން.
މީގެ އިތުރުން، ލާމަރުކަޒީ އުޞޫލުން އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގެވެށި އަނިޔާ ގެ ޝިކާރަކަށްވާ ފަރާތްތަކަށް އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރތަކުން ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެތަންތަން މަރާމާތުކޮށް ޚިދުމަތްދެވޭނޭ ފެންވަރަށް ގެނައުމުގެ މަސައްކަތްކުރެވުނު. އެ ގޮތުން 4 އަތޮޅުއްގައި މިސެންޓަރތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމާއިއެކު އެތަންތަނަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މިދަނީ ކުރަމުންކަން ދަންނަވާލަން.
ޢިއްޒަތްތެރި ރައީސް، ޢިއްޒަތްތެރި މެންބަރުން،
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ޙައްޤުތަކާއި މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާކަމާއި މިޙައްޤުތައް ލިބުމުގައި ވަކި ނަސްލަކަށް، ނުވަތަ އުފަންވީ ޤައުމަކަށް ނުވަތަ ޖިންސަކަށް، ނުވަތަ އުމަރަށް ނުވަތަ ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަން ފަދަ ކަންކަމަށް ބަލައިގެން ތަފާތުކޮށްގެންނުވާނެކަން ބަޔާންކޮށްފައިވޭ. އަދި އެމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، ނާޒުކު ޙާލަތުގައި ތިބޭ ފަރާތްތަކަށް އެހާލަތުން އަރައިގަތުމަށް ވަކި ޚާއްޞަ ފިޔަވަޅުތަކެއް (ޓެމްޕަރަރީ ސްޕެޝަލް މެޝާޒް) އެޅުން ހިމެނޭ. އެގޮތުން ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލުތަކަށް އިންތިޙާބުކުރާ މެންބަރުންގެ %33 ގޮނޑި ވަނީ ތިޔަ ޢިއްޒަތްތެރި މެމްބަރުންގެ މަސައްކަތްޕުޅުން އަންހެނުންނަށް ޚާއްޞަކުރެވިފައި. އެހެންކަމުން، ވަރަށް އިޚްލާސްތެރިކަމާއެކު، ތިޔަ ޢިތްޒަތްތެރި މެމްބަރުންނަށް ޝުކުރުދަންނަވަން. މިއީ ދިވެހި ތާރީޚުގައި އަންހެނުންގެ ދައުރު ކަންކަން ނިންމާ ފެންވަރުގައި އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް. ކަންކަން ނިންމާ ފެންވަރުގައި އަންހެނުންނާއި ފިރިހެނުންގެ ވިސްނުމާއި، ދިރިއުޅުމުގެ ތަޖުރިބާ އެއްހަމައެއްގައި ބައިވެރިކުރުމުން ތަރައްޤީއަށް ކުރެވޭ ކަންކަމުގެ މަންފާ ދެޖިންސަށްވެސް އެއްވަރަކަށް ލިބިގެންދާނެކަން އަޅުގަނޑު ފާހަގަކޮށްލަން. އަދި އަންހެނުންގެ މައުނަވީ ބައިވެރިވުން އިތުރުވުމުން އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާއީ ގޮތުން އަދި ސިޔާސީ ގޮތުން ގައުމަށް އިތުރު ހެޔޮ ބަދަލުތަކެއް އަންނާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން. އަޅުގަނޑުގެ އުއްމީދަކީ ކަންކަން ނިންމާ ފެންވަރުގައި އަންހެނުން އިތުރުވެގެން ދިއުން. އަދި ޤާނޫނު ހަދާ މަޖިލީހުގައިވެސް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސިޔާސީ ޕާޓިތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުން. އަދި މި ޢިތްޒަތްތެރި މަޖިލީހުން ފާސްކުރައްވާ ޤާނޫނު ތަކަކީ މިންތީގެ ތަފާތުކުރުންތައް ނައްތާލުމަށް ބާރުއަޅާ ޤާނޫނު ތަކަކަށް ވެގެން ދިއުން. އަދި އަންހެނުންގެ ނިސްބަތް މަދު ދާއިރާތަކުގައި އަންހެނުންގެ ޙިއްޞާ އިތުރުކޮށް ވަގުތީ ޚާއްޞަ ފިޔަވަޅުތަކެއް އެޅޭނެ ގޮތްތަކެއްވުން.
2016ވަނަ އަހަރު ވުޖޫދަށް އައި “ޖެންޑަރ އީކުއަލިޓީ” ޤާނޫނުގެ ދަށުން ކުރުމަށް ކަނޑައަޅާފައިވާ ގިނަ ކަންކަން، ތަފާތު ގޮންޖެހުންތަކާ ހެދި، މިއަދާހަމައަށް ކުރެވިފައި ނުވާކަން ފާހަގަކުރަން. ފާއިތުވެދިޔަ އަހަރު ޔޫއެންޑީޕީގެ އެހީތެރިކަމާއި އެކު މިޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ “ރިޕޯޓުކުރަންޖެހޭ ކަންކަމާއި ރިޕޯޓުކުރުމާއި ބެހޭ އުޞޫލުތައް ބަޔާންކުރުމުގެ ގަވާއިދާއި” “ޖެންޑަރ އީކުއަލިޓީ ޤާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ލޯކަލް ކައުންސިލުތަކާއި ހަވާލު ކުރުމުގެ ގަވާއިދު” އެކުލަވާލުމުގެ މަސައްކަތް ވަނީ ފެށިފަ. އަދި ﷲގެ އިރާދަފުޅުން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް މިގަވައިދުތައް ގެޒެޓްކުރެވި އަމަލު ކުރަން ފެށިގެންދާނެ ކަން ދަންނަވަން. މީގެ އިތުރުން، މިޤާނޫނު ތަންފީޒުކުރުމަށްޓަކައި އެކުލަވާލާފައިވާ “ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން” އަދި “މޮނިޓަރިންގ އެންޑް އިވަލުއޭޝަން ފްރޭމްވޯރކް” އަލުން މުރާޖާ ކުރުމަށްފަހު މިއަހަރުގެ ތެރޭގައި ތަންފީޒު ކުރެވިގެންދާނެ. މި އެކްޝަން ޕްލޭން އަކީ ކަމާ ގުޅޭ ދާއިރާތަކާއި އެކު ތަންފީޒުކުރެވިގެން ދާނެ އެކްޝަން ޕްލޭނެއް. އަދި މިޕްލޭން ތަންފީޒުކުރެވުމުން އެކި ދާއިރާތަކުން މަސައްކަތް ރޭވުމުގައި މިންތީގެ ނަޒަރިއްޔާތުން ބެލެވިގެން ރޭވި ދެޖިންސަށްވެސް ހަމަހަމަ ނަތީޖާ ކަށަވަރުވެގެންދާނެ ކަމަށް އުއްމީދުކުރަން.
އަންހެނުންގެ ޙައްޤުތައް ރައްކާތެރިކޮށްދީ ޙިމާޔަތްކޮށްދިނުމަށްޓަކައި ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ އަންހެނުންގެ ޙައްޤުތަކާގުޅޭ ޤާނޫނުތައް މުރާޖަޢާކޮށް އިޞްލާޙުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތްތަކެއް މިހާރު ވަނީ ފަށާފަ. އެގޮތުން، އިޖުތިމާޢީ ގޮތުންނާއި ޢާއިލީ މާޙައުލުގެ ތެރޭގައި އަންހެނުން ބާރުވެރިކުރުވުމަށް ހުރި ހުރަސްތައް ނައްތާލައި، އަންހެނުންނަށް ދިމާވާ ނިކަމެތިކަމާއި ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމުގެ ގޮތުން، ވޭތުވެދިޔަ އަހަރު ސަރުކާރުން ވަނީ، މިހާރު ޢަމަލުކުރެވެމުންދާ ޢާއިލާއާބެހޭ ޤާނޫނީ އޮނިގަނޑުގެ ތަފްޞީލީ މުރާޖަޢާއެއް ފަށާފަ. ވޭތުވެދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެޓަރނީ ޖެނެރަލްގެ އޮފީހުން ފަށާފައިވާ މި މުރާޖަޢާގެ މަސައްކަތް ކުރިއަށްގެންގޮސްދެއްވާފައިވަނީ، ޔޫ.އެން.ޑީޕީގެ އެހީތެރިކަމާއެކު ޢައްޔަންކުރި ބައިނަލްއަޤްވާމީ ކޮންސަލްޓަންޓެއް އެހީތެރިކަމާއެކު. އޭނާ ކުރިއަށްގެންދެވި މުރާޖަޢާގެ މަސައްކަތް ނިންމަވައި، ކަމާގުޅޭ ރިޕޯޓެއް މިހާރު ވަނީ ސަރުކާރަށް ހުށަހަޅުއްވާފައި. އަދި އެ ރިޕޯޓުގައިވާ ކަންކަމުގެ އަލީގައި، ޢާއިލާއާބެހޭ ޤާނޫނީ އޮނިގަނޑު އިޞްލާޙުކުރުމަށް ބޭނުންވާ ބިލުތައް، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު އެކުލަވާލައި، މިއަހަރުގެ ތެރޭގައި މި ޢިއްޒަތްތެރި މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ޤަޞްދުކޮށްފައިވޭ. މި މަސައްކަތުގެ ތެރޭގައި، ޢާއިލާއާބެހޭ ޤާނޫނާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ އިތުރުން ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނު މުރާޖަޢާކުރެވި، އިޞްލާޙުކުރެވިގެންދާނެ. މީގެ އިތުރުން، ޖިންސީ ކުށުގެ ޤާނޫނާއި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު މުރާޖަޢާކުރުމުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ފެށުމަށް ވަނީ ރާވާފައި.
މީގެ އިތުރުން، މިޕްލޭންގެ ދަށުން އެކި ދާއިރާތަކުން މަސައްކަތްކުރުމަށް ކަނޑައަޅާ މަޝްރޫއުތަކުގައި ޖެންޑަރ ރެސްޕޮންސިވް ބަޖެޓިންގ ހިމެނިގެން ދިއުމުން އަންހެނުންނަށް އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ހަމަހަމަ ފުރުޞަތު ހޯދައި ދިނުމަށް އިތުރަށް ބާރެއް ލިބިގެންދާނެކަންވެސް ދަންނަވާލަން. ޖެންޑަރ ރެސްޕޮންސިވް ބަޖެޓުގެ މަސައްކަތަކީ 2011 ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން މަސައްކަތްކުރަން ފެށިފައިއޮތް ކަމެއް ކަމުގައި ވިޔަސް މިހާތަނަށް އެކަމަށް އަމަލީ ސިފައެއް ގެނެވިފައިއެއްނުވޭ. އެހެންކަމުން މިސަރުކާރުން އޭޑީބީ ގެ އެހީތެރިކަމާއެކު މި މަސައްކަތް ކުރުމަށް ފަށާފައިވާކަން ފާހަގަކޮށްލަން. ޖެންޑަރ ރެސްޕޮންސިވް ބަޖެޓުގެ މަސައްކަތަކީ ފަސޭހަ މަސައްތަކެއްނޫން. އެހެންކަމުން، މިމަސައްކަތްކުރުމަށްޓަކައި ތިޔަ ޢިއްޒަތްތެރި މެމްބަރުންގެ ފުރިހަމަ އެއްބާރުލުން ދެއްވާ މިކަންކުރެވޭނޭ މަގުފަހިކޮށްދެއްވުމަށް އިޚްލާސްތެރިކަމާއެކު އެދެން.
ޢިއްޒަތްތެރި ރައީސް، ޢިތްޒަތްތެރި މެންބަރުން،
މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި އަންހެނުން އާންމުކޮށް މަސައްކަތް ނުކުރާ ދާއިރާތަކުގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއިން އެކުލަވާލާފައިވާ “ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އެންޑް މެތަރމެޓިކްސް” (ސްޓެމް) ޕްރޮގްރާމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލ ސަރވިސްއާއި ކަމާ ގުޅޭ މުއައްސަސާތައް ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރެވޭކަން ދަންނަވާލަން.
ދުނިޔޭގެ މަސްރަހަށް ބަލާއިރު ތިމާވެށީގެ ކަންކަމުގައި އަންހެނުންގެ ދައުރު އިތުރުކުމަށް ދަނީ މަސައްކަތްތަކެއް ކުރެވެމުން. މިއީ އަޅުގަނޑުމެން ފަދަ ކުދި ޖަޒީރާ ގައުމުތަކުންވެސް ޚާއްޞަ ސަމާލުކަމެއް ދިނުން މުހިންމުކަމެއް. އެހެނީ، އަންހެނުންނާއި އަންހެން ކުދިންނަށް ތިމާވެށީގެ ސަބަބުން ކުރިމަތިވާ ކަންތައްތައް ތަފާތުވެފައި އެމީހުންގެ ތަޖުރިބާ ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތްކުރާއިރު ބޭނުން ހިފުމުން ތިމާވެށި ހިމާޔަތް ކުރުމުގައާއި ތިމާވެށްޓަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރާ މަސައްކަތްތަކުގައި ހެޔޮ ބަދަލުތަކެއް ފެނިގެންދާނެކަން ދިރާސާތަކުން ދައްކާ. މިސާލަކަށް ތިމާވެށީގެ ކަންކަމުގައި މަސައްކަތްކުރާ އިރު އެންމެ މުހިންމުކަމެއް ދީގެން ކުރާ އެއް މަސައްކަތަކީ ދެމެހެއްޓެނިވިގޮތެއްގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް. އަދި ރަށުގައި އުފެދޭ ކުނި ނައްތާލުމުގައި އަންހެނުންގެ ޙިއްޞާ ބޮޑު. އެހެންނަމެވެސް ކުނި ކޮށި އެޅުން ފަދަ ނިންމުންތައް ނިންމާއިރު އަންހެނުންގެ ބަހެއް ހޯދެނީ މަދު ފަހަރެއްގައި. އަދި ހަމައެއާއެކު މިގޮތަށް ދެޖިންސުގެ ތަޖުރިބާއާއި ބަހެއް ނުހިމަނައި ބައެއް ތަރައްޤީގެ މަޝްރޫޢުތައް ތަންފީޒުކުރުމުން އޭގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ނޭދެވޭ އަސަރުކުރާނެ.
މިކަމުގެ މުހިންމުކަން އެނގި މި ސަރުކާރުން މިދަނީ ބައިނަލްއަޤްވާމީ ފެންވަރުގައި ތިމާވެށީގެ ކަންކަމުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށްޓަކައި ކުރެވޭ މަޝްވަރާތަކުގައި ބައިވެރިވެ ތަޖުރިބާތައް ޙިއްސާކޮށް އެފަދަ މަޝްވަރާތަކުގެ އަލީގައި ދިވެހިރާއްޖޭގައި ކުރެވޭނެ ކަންކަން ދިރާސާ ކުރަމުން. އެގޮތުން މި މާރޗުމަހު 16 ވަނަ ދުވަހު އޮންލަންއިންކޮށް ބާއްވާ ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެންގެ 65 ވަނަ ސެޝަންގެ ހައިލެވެލްގެ ސައިޑް އިވެންޓު ” Making Climate Finance Work for Women and Girls ” ، އިނގިރޭސި ވިލާތާއި ދިވެހިރާއްޖެ ގުޅިގެން ކޯ-ހޯސްޓްކުރާގޮތަށް ވަނީ ހަމަޖެހިފައި. މި ސައިޑް އިވެންޓުގައި ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގައި މާލީ އެހީތެރިކަން ފޯރުކޮށްދީ ޖަމިއްޔާތައް ބާރުވެރިކުރުމަށްޓަކައި ކުރެވޭ މަސައްކަތަކާއި އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރެވިގެންދާނެ.
ޢިއްޒަތްތެރި ރައީސް، ޢިތްޒަތްތެރި މެމްބަރުން،
ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމަށާއި އާންމުކޮށް އަންހެނުން މަސައްކަތް ނުކުރާ ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ދާދި ފަހުން ފެނިގެންދިޔަ އެއްކަމަކީ ސިފައިންގެ ލަފާދޭ މަޖިލީހަށް އަންހެން ދެ އޮފިސަރަކު އައްޔަން ކުރެއްވިތަން. މިއީ ސިފައިންގެ ތާރީޚުގައިވެސް ސިފައިންގެ ލަފާދޭ މަޖިލީހަށް ސީނިއަރ ރޭންކުގެ އަންހެން ދެ އޮފިސަރަކު އައްޔަން ކުރެއްވި ފުރަތަމަ ފަހަރު. އަޅުގަނޑުގެ އުއްމީދަކީ މިފަދަ ނިންމުންތަކުން އަންހެނުންނަކީ “ޗޭންޖު މެކަރސް” އަށް ވެގެން ދިއުން. އަދި އެދާއިރާއެއްގައި މިންތީގެ ނަޒަރިއްޔާތުން ކަންކަމަށް ރިއާޔަތްކޮށް މަސައްކަތްކުރުވޭނޭ މާޙައުލެއް ޤާއިމުކުރެވިގެން ދިއުން.
ޢިއްޒަތްތެރި ރައީސް، ޢިތްޒަތްތެރި މެމްބަރުން،
މިންތީގެ ހަމަހަމަކަން ޤާއިމު ކުރުމަށް އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަން އަޅުގަނޑު ފާހަގަކޮށްލަން. އަދި މިއީ ހަމައެކަނި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ކުރެވޭނެ ކަންތައްތަކެއް ނޫން. ސަރުކާރުގެ އިތުރުން ސަރުކާރު ޙިއްޞާވާ ކުންފުނިތަކާއި، އަމިއްލަ ވިޔަފާރިވެރިންނާއި އަމިއްލަޖަމިއްޔާތަކުންވެސް އިތުރު ސަމާލު ކަމެއް ދެއްވަންޖެހޭ ކަމައް.
ހަމަ، މިއާއެކު، ޤައުމީ ތަރައްޤީގެ ވާހަކަ ދައްކާއިރު އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާގެ ވާހަކަތައް ދެއްކޭލެއް މަދުކަން ފާހަގަކޮށްލަން. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންގެ ޤައުމުގައި، އިޖުތިމާއީ ރައްކާތެރިކުރުމުގެ ވާހަކަތަކުގެ ތެރޭގައި ލޮލަށް ނުފެންނަ “ސޮފްޓް” ކަންކަން ހުރިކަން ދަންނަވަން. އަދި މިކަންކަމަކީ އިމާރާތްތައް އެޅުމާއި، ބަނދަރުތައް ހެދުމާއި ބޮޑެތި މަޝްރޫޢުތައް ހިންގާއިރު ހަނދާންނައްތާލެވިއްޖެ ނަމަ ޤައުމުގެ ތަރައްޤީއަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެއް.
ޢިއްޒަތްތެރި ރައީސް، ޢިތްޒަތްތެރި މެމްބަރުން،
އެކިދާއިރާތަކުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތާލެވޭނީ ޒަމާނުއްސުރެ އަޅުގަނޑުމެންގެ މި މުޖުތަމަޢުގައި ހުރި މިންތީގެ ތަފާތުތައް ނައްތާލެވިގެން. ކުރިއާއި އަޅާ ބަލާއިރު އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރަށް އައި ބަދަލުގެ ސަބަބުން އަންހެނާގެ ޝަޚުސު އަދި އަންހެނާގެ ކުރިއެރުމާއި މެދު ގިނަ ޚިޔާލުތަކެއް މުޖުތަމަޢު ތެރޭގައި އުފެދިގެން ގޮއްސިކަން އެއީ އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް. އެހެން ނަމަވެސް އަޅުގަނޑު ދަންނަވާލަންބޭނުންވާ ވާހަކައަކީ އަންހެނަކަށް ވީތީ އޭނާގެ ހުރި ޤާބިލުކަމާއި އޭނާގެ ހުރި ހުނަރުތައް މުޖުތަމަޢުގައި އެންމެ ރަގަޅަށް ބޭނުންކުރުމުގެ ފުރުޞަތު އޮންނަން ޖެހޭނެކަން. މިއީ ކޮންމެ އާއިލާއެއްގެ ތެރޭގައިވެސް ވިސްނަންޖެހޭނެ ކަމެއް. ތައުލީމާއި ތަރުބިއްޔަތު ދިނުމުގައި ރޭވިގެން ދަސްވާން ޖެހޭ ކަމެއް. މުޖުތަމަޢުގެ ތެރޭގައާއި ވަޒީފާގެ މާޙައުލުގައިވެސް ވިސްނަންޖެހޭކަމެއް. އަންހެނުންގެ ހުނަރާއި ޤާބިލުކަން ފުރިހަމައަށް މުޖުތަމަޢުގެ ތެރޭގައި ބޭނުންނުކުރެވޭނަމަ މުޖުތަމަޢު ބިނާކުރުމުގައި އަޅުގަނޑުމެންގެ އިންސާނީ ވަސީލަތް މަދު މިޤައުމުގައި އަބަދުވެސް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ.
ޢިއްޒަތްތެރި ރައީސް، ޢިތްޒަތްތެރި މެމްބަރުން،
އަޅުގަނޑުގެ އުއްމީދަކީ އަޅުގަނޑު މި ފާހަގަ ކުރި ކަންކަމުގެ އިތުރުންވެސް މިންތީގެ ހަމަހަމަ ކަން ޤާއިމުކުރުމަށް ކުރާ މަސައްކަތުގައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން މުހިންމު ދައުރެއް އަދާކޮށް ދެއްވުން. އަދި މިންތީގެ ހަމަހަމަކަމަށް އުނިކަން އަންނަ ކަންތައްތަކާއި މެދު މި ޢިއްޒަތްތެރި މަޖިލީހުގައި މިހާރަށް ވުރެ ބޮޑަށް އަޑުއުފުއްލެވުން. އަދި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ދައުލަތުގެ އިތުރުން މިކަމަށް މަސައްކަތްކުރާ އަމިއްލަ ފަރުދުންނާއި ޖަމިއްޔާ ޖަމާއަތްތަކަށްވެސް ބޭނުންވާ ވަޞީލަތްތައް ލިބޭނެ ފަހި މަގެއް ފެނޭތޯ ބައްލަވައިދެއްވުން.
ރައްޔިތުންގެ މަޖިލީހުން މިހާތަނަށް މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ކޮށްދެއްވަމުން ގެންދަވާ މަސައްކަތް ފާހަގަކޮށް އަދިވެސް އެއްފަހަރު އަޅުގަނޑަށް މިފުރުޞަތު ދެއްވިކަމަށް ޓަކައި ޝުކުރު ދަންނަވަން. އަޅުގަނޑުގެ ދުއާއަކީ މިންތީގެ ހަމަހަމަކަން ޤާއިމުކުރަން ކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލެއްވުން.
އާމީން.
وَٱلسَّلَامُلَيْكُمْ وَرَحْمَةُ ٱللَّٰهِ وَبَرَكَاتُهُ
8 މާރޗު 2021