ޕީ.އެސް.އެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ދެއްކެވި ވާހަކަފުޅުގެ ތެރެއިން

ޕީ.އެސް.އެމްގެ ރާއްޖެމިއަދުގެ ރޭގެ ޕްރޮގްރާމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ބައިވެރިވެވަޑައިގެން މިވުޒާރާގެ މަސައްކަތްތަކާއި ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ވަނީ ހިއްސާކުރައްވާފައެވެ.

ވަޒީރުގެ ފާހަގަކުރެއްވި ގޮތުގައި މިވުޒާރާއިން މިހާރު ކުރިއަށް ގެންދާ ހާލު ކިހިނެއް ޕްރޮގްރާމުގެ ދަށުން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި، ރައްޔިތުންނަށް ޚިދުމަތްދޭ މުއައްސަސާތަކާއި، ކަމާގުޅުންހުރި އިދާރާތަކާއި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު މި ވުޒާރާއިން ދަނީ މަސައްކަތްކުރަމުންނެވެ. އަދި މިހާތަނަށް ގޭގެއަށް ޒިޔާރަތްކޮށް ދެނެގަނެވިފައިވާ ގިނަ އަދަދެއްގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އެކި މަސައްކަތްތައް ވަނީ ކުރެވިފައެވެ. މިގޮތުން އާންމު ގޮތެއްގައި ގޭގެއިން ފާހަގަކުރެވޭ ކަންބޮޑުވުން ތަކުގެ ތެރޭގައި ހިމެނެނީ ގެދޮރުވެރިކަމުގެ މައްސަލައާއި، ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުން ބޭނުންވާ އެހީތެރިކަން ލިބިގަތުމުގައި ކުރިމަތިވާ އުނދަގޫތަކާއި، ވަޒީފާ ހޯދުމުގެ ދަތިކަމެވެ. މިފަދަ ޕްރޮގްރާމެއް ހިންގުމުގެ މައިގަނޑު މަޤްޞަދަކީ، ރައްޔިތުންނާއި ގާތުން ޚިދުމަތް ފޯރުކޮށްދީ، ރައްޔިތުންނާއި މެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމުވެ. އަދި މި މަސައްކަތަކީ ހުއްޓުމެއްނެތި ކުރިއަށް އޮތް އަހަރުތަކުގައި ކުރެވޭނެ މަސައްކަތަކަށްވުމާއެކު، މި ޕްރޮގްރާމުގައި މި ވުޒާރާއާއި ބައިވެރިވެ، ރައްޔިތުން ގާތަށް ގޮސް، ރައްޔިތުންގެ ހާލު ބެލުމަށް މިކުރެވޭ މަސައްކަތުގައި އެހެން މުޢައްސަސާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާޢަތްތައް އަދި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށްވެސް ވަޒީރު ވަނީ ދަޢުވަތު ދެއްވާފައެވެ.

މީގެ އިތުރުން، މުޖުތަމަޢުގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން މަސައްކަތްކުރަމުންދާ އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ގެ މަސައްކަތްތަކަށްވެސް ވަޒީރު ވަނީ އަލިއަޅުއްވާލާފައެވެ. އަދި މުސްތަޤްބަލުގައި މި ޕްރޮގްރާމު ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދެވި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދެވޭނެ ވާހަކަ ވަޒީރު ފާހަގަކުރެއްވިއެވެ.

އިބަމަ ގްރޫޕްތަކުން އެކަލަވާލާ އިންޓަވެންޝަން ޕްލޭންތައް ތަންފީޒުކުރެވޭ މިންވަރު ގާތުން ބަލައި، މޮނީޓަރުކޮށް އެ މަސައްކަތުގައި އިބަމަ މެންބަރުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ވުޒާރާއިން އެހީތެރިކަން ފޯރުކޮށްދެމުން ދާނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިހާރު ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ އެންމެ ޅަ އުމުރުގައި ކުދިންގެ ހުންނަ ނުކުޅެދުންތެރިކަން ދެނެގަތުމަށް ކުރެވޭ މަސައްކަތްތައް ކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަރލީ އައިޑެންޓިފިކޭޝަން އެންޑް އިންޓަވެންޝަންގެ މުހިންމުކަމާއި، އެއީ އެކުދިންގެ ހުންނަ ނުކުޅެދުންތެރިކަން އެނގި، އެކަމަށް ފަރުވާ ހޯދުމަށް ކޮށޭ މަގެއްކަންވެސް ވަޒީރު ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ހޯދާ ތެރަޕީގެ ޚިދުމަތްތަކާއި ގުޅޭ ތަފުސީލީ މިންގަނޑެއް އެކުލަވާލައި، އެކަމާ ގުޅުންހުރި މަސައްކަތްތައް ވެސް ދަނީ ކުރެވެމުންނެވެ. ކުރިއަށް ދެން އޮތީ މި މިންގަނޑުތަކަށް ކަމާބެހޭ ތަޖުރިބާކާރުންގެ ޚިޔާލު ހޯދުމާއިއެކު ވެލިޑޭޓް ކުރުމުގެ މަރުހަލާއެވެ. އެއަށްފަހު ރާއްޖޭގައި ތެރަޕީގެ ޚިދުމަތްދޭ ފަރާތްތައް މި މިންގަނޑުތަކަށް އަހުލުވެރި ކުރުމުގެ ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެއެވެ. މި ކުރެވޭ މަސައްކަތުން ޙާސިލް ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ ޚިދުމަތް ހޯދާ ފަރާތްތަކުގެ ދުޅަހެޔޮކަން އިސްކޮށް، ރައްކާތެރި، ނަތީޖާ ނެރުވަނިވި ގޮތަކަށް ތެރަޕީ ޚިދުމަތުގެ އެންމެހާ ކަންކަން ބައްޓަންކުރުމެވެ.

ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ ދާދި ފަހުން ބަންގްލަދޭޝްގެ ޑާކާގައި ބޭއްވި އިންޓަރނޭޝަނަލް ކޮންފެރެންސް އޮން ޕޮޕިއުލޭޝަންސް އެންޑް ޑިވެލޮޕްމަންޓް (އަ.އި.ސީ.ޕީ.ޑީ) ގެ 30 ވަނަ ގްލޯބަލް ޑައިލޮގް އޮން ޑިމޮގްރަފިކް ޑައިވަރސިޓީ އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓްގައި ބައިވެރިވެވަޑައިގަންނަވާފައެވެ. މިގޮތުން ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ޤައުމުތައް، އުމުރުން ދުވަސްވީ އާބާދީއަކާ ދިމާލަށް މިސްރާބުޖަހާފައިވާއިރު، މިއީ މިފަދަ ބަދަލުތައް ކުރިން އައިސްފައިވާ ޤައުމުތަކުން ދިވެހިރާއްޖެ މިސާލު ލިބިގަނެ، ރަނގަޅު ސިޔާސަތުތައް ދަސްކުރުމަށް ލިބުނު މުހިންމު ފުރުޞަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މިވުޒާރާގެ ފަރާތުން ރާއްޖޭގެ އިސްރަށްވެހިންގެ އާބާދީއަށް އަމާޒުކޮށް، އެފަރާތްތަކުގެ ނަފްސާނީ އަދި އިޖުތިމާޢީ ގުޅުންތައް ހަރުދަނާކުރުމަށް އެކި މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްރަށްވެހިންނަށް މަރުކަޒުތަކެއް ޤާއިމްކުރެވި، އެމަރުކަޒުތަކުގައި އިސްރަށްވެހިންނަށް ޚާއްސަ ހަރަކާތްތަކެއް މިހާރު ކުރިއަށްގެންދެވެއެވެ. މިފަދަ ކޮންމެ ހަރަކާތެއްގެ މަޤުޞަދަކީ، އިސްރަށްވެހިންނަކީ މުޖުތަމަޢުގެ އެންމެހައި ކަންކަމުގައި އެފަރާތްތަކުގެ ބައިވެރިވުން އޮތް، އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު ލިބިގެންވާ ބަޔަކަށް ހެދުމެވެ.

10 ޖޫން 2024

04 ޛުލްޙިއްޖާ 1445