އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފަށާފައިވާ “ހާލު ކިހިނެއް؟” ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް ކުރި ޒިޔާރަތްތަކުން، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ބޭސްފަރުވާގެ އެކި މައްސަލަތަކެވެ. އޭގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމުގައި ދިމާވާ ދަތިތަކާއި، ސްޕެޝަލިސްޓު ޑޮކްޓަރުންނަށް އެޕޮއިންޓްމަންޓް ހޯދުމުގައި ހުރި ދަތިތަކާއި، ބޭސް ސިޓީ އާކުރުމުގައި ދިމާވާ ދަތިތައް ފާހަގަކުރެވެއެވެ.
މިކަންކަމަށް ރިއާޔަތްކޮށް، މި މައްސަލަތަކަށް އަވަސް ޙައްލެއް ހޯދިދާނެ ގޮތްތަކާއި ގުޅޭގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް. އެޗް) އާއި މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި އައި.ޖީ.އެމް.އެޗްގެ ސީނިއާ މެނޭޖްމަންޓްގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި، ޑޮކްޓަރަށް ދެއްކުން އަވަސްކުރުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރެވިދާނެ ގޮތްތަކާއި ގުޅޭ މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިފަދަ މައްސަލަތަކަށް ދެމެހެއްޓެނިވި ޙައްލުތައް ގެނައުމަށް ޕޮލިސީ ލެވެލްގައި ކުރަން ހުރި މަސައްކަތްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވިފައި ވެއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ “ހާލު ކިހިނެއް؟” ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ މައްސަލަތަކަށް ހައްލު ހޯދާ، އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާއިރު، ބޭސްފަރުވާއާއި ގުޅުންހުރި މައްސަލަތަކަށް އަވަސް ޙައްލުތައް ހޯދުމަށް އެ ވުޒާރާއިން ގެންދަނީ ހުޅުމާލެ ހޮސްޕިޓަލް އަދި އެންސްޕާއާއި އެކު ވެސް ގާތުން މަސައްކަތް ކުރަމުންނެވެ.