ސަރުކާރުގެ ކޮންމެ މުއައްސަސާއަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީވެސް ކޮންމެ ދިވެއްސަކަށްވެސް ތަފާތުކުރުމެއްނެތި ދެވޭ ޚިދުމަތަކަށް ވާންޖެހޭ: ސްޓޭޓް މިނިސްޓަރ ޒުހުރުބާން

ސަރުކާރުގެ ކޮންމެ މުއައްސަސާއަކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ކޮންމެ ދިވެއްސަކަށްވެސް ތަފާތުކުރުމެއް ނެތި ލިބިދޭންޖެހޭ ޚިދުމަތެއްކަން ކަށަވަރުކުރަން ޖެހޭކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އައިޝަތު ޒުހުރުބާން ވިދާޅުވެއްޖެއެވެ.

އެކަމަނާ އެހެން ވިދާޅުވެފައިވަނީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އަންނަ އޯގަސްޓު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ސައިން ލޭންގުއޭޖް، ނުވަތަ އިޝާރާތުބަސް ދަސްކޮށްދިނުމުގެ ކޯހާއި ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ޕީ.އެސް.އެމްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.

އެ ވުޒާރާއިން ފަށަން ތައްޔާރުވަމުން އަންނަ މި ކޯހާއެކު، ސަރުކާރުގެ މުއައްސަސާތަކުން ޚިދުމަތް ހޯދުމުގައި އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ކުރިމަތިވާ ހުރަސްތައް ކުޑަކުރެވި، އެ ފަރާތްތަކަށް ވެސް މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާ ހަމަޔަށް ވާސިލުވެވޭނެކަމަށް ސްޓޭޓް މިނިސްޓަރ ޒުހުރުބާން ވަނީ ފާހަގަކުރައްވާފައެވެ.

މިގޮތުން ފުރަތަމަ މަރުހަލާގައި މި ކޯހުގައި ބައިވެރިވާނީ ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކުން ކަމުން، ރައްޔިތުންނަށް ހަމަހަމަކަމާއެކު ތަފާތުކުރުމެއްނެތި ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް މި ކޯހުގެ ސަބަބުން މަގުފަހިވެގެންދާނެކަމަށް އެވުޒާރާއިން ދެކެއެވެ.

މީގެއިތުރުން، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މަރްޔަމް ޝަހުދާ ވިދާޅުވީ، ދިވެހިރާއްޖޭގައި 1500 އެއްހާ އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތް އުޅޭ ކަމަށާއި، އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ފަރާތަކީ ލިޔަން ކިޔަން ދަންނަ ފަރާތަކަށް ނުވެދާނެކަމަށެވެ.

އަދި މިހާރުގެ ސްކޫލުގެ ނިޒާމުގެ ތެރެއިން ނިކުންނަ ކުދިންނަށް ލިޔަން ކިޔަން އިނގުނު ނަމަވެސް އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ އުމުރުން ދުވަސްވީ ބޭފުޅުންވެސް އެބަތިބިކަމަށާއި، އެފަދަ ފަރާތްތަކާއި މުޢާމަލާތުކުރުމަށްޓަކައި މިފަދަ އިޝާރާތް ބަސް ދަންނަ ފަރާތްތައް މުއައްސަސާތަކުގައި ތިބުން މުހިންމުކަން އެކަމަނާ ފާހަގަކުރެއްވި އެވެ. އަދި މި ކޯހަކީ، އެފަދަ މީހުން ބިނާކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށް ސްޓޭޓް މިނިސްޓަރ ޝަހުދާ ވަނީ ވިދާޅުވެފައެވެ.