ގެވެށި އަނިޔާ ހުއްޓުވުމާއި ގުޅޭ ޙާއްސަ ތަމްރީން ޕްރޮގްރާމެއް ފަށައިފި

 

އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް، ބައިނައަޤްވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކާއި، ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހަރަކާތްތައް ހަރުދަނާކުރުމުގެ ގޮތުން “ކޮމްބެޓިންގ ޑޮމެސްޓިކް ވަޔަލެންސް” ގެ ނަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ގުޅިގެން ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދަން ފަށައިފިއެވެ. މި  ތަމްރީން ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 05-09 ޑިސެމްބަރުގެ ނިޔަލަށެވެ.

ތަމްރީނު ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނަކީ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލާ ޒިފްލީނާ ޙަސަން އެވެ.މި ރަސްމިއްޔާތުގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ  އިބްރާހިމް ޠައްޔިބު ވަނީ ބައިވެރިވެވަޑަގެންފައިވެއެވެ.

މި ޕްރޮގްރާމްގެ  އަމާޒުކުރެވިފައިވަނީ މިނިސްޓްރީގައި މަސައްކަތް ކުރައްވާ ސޯޝަލް ވޯކަރުންނަށެވެ.

މި ތަމްރީން ޕްރޮގްރާމަކީ ގެވެށި އަނިޔާގެ ޢަމަލެއް ހިނގާހިނދު، އެކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮނގަކުން އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށާއި ގެވެށި އަނިޔާގެ މައްސަލަތައް ދެނެގަންނާނެގޮތާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާނެގޮތާއި ގުޅޭގޮތުން ގުޅުންހުރި މުޢައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުން ތަމްރީންކުރުމަށް ބާއްވާ ޚާއްޞަ ތަމްރީން ޕްރޮގްރާމެކެވެ.

05 ދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މި ތަމްރީނުގައި މިނސްޓްރީގައި މި ދާއިރާތަކުގައި މަސައްކަތްކުރައްވާ ބޭފުޅުން ތަމްރީނުކުރެވޭނެއެވެ.

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 25ން ފެށިގެން ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހާއި ހަމައަށް، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް، ބައިނަލްއަޤްވާމީ ފެންވަރުގައި ކުރާ މަސައްކަތްތަކާއި، ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހަރަކާތްތައް ހަރުދަނާކޮށް އަދި މި ފަދަ މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކާއި އިތުރަށް ކުރެވެން ހުރި ކަންތައްތައް ދެނެގަތުމުގެ މަޤްސަދުގައި 16 ދުވަހުގެ ކެމްޕެއިން އެއް ހިންގޭއެވެ.

30 ރަބީޢުލްއާޙިރު 1443

05 ޑިސެންބަރު   2021

Leave a Reply

Your email address will not be published. Required fields are marked *