ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ފަރުވާ ހޯދާ މީހުން މަރުކަޒުން ބޭރު އުފާވެރި މާހައުލަކަށް!

ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަޒުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތައް، މަރުކަޒުން ބޭރަށް ނެރެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް މަރުކަޒުގެ ފަރާތުން ޕިކްނިކް ދަތުރެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕިކްނިކުގައި މަރުކަޒުން ފަރުވާ ހޯދަމުންދާ 11 އަންހެނުންނާއި، 12 ފިރިހެނުންނާއެކު ޖުމްލަ 23 މީހުން ވަނީ ބައިވެރިވެފައެވެ. އަދި މި ދަތުރުގައި އެ ފަރާތްތަކާއެކު ކެއާ ވޯކަރުންނާއި މަރުކަޒުގެ މުވައްޒަފުން ވެސް ބައިވެރިވެފައިވެއެވެ.

ގުރައިދޫގައި ގާއިމްކުރެވިފައިވާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން މިފަދަ ހަރަކާތްތައް ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ، މަރުކަޒުން ފަރުވާ ފުރިހަމަ ކުރުމަށްފަހު އަނބުރާ މުޖުތަމަޢަށް ނިކުތުމަށް ބާރުއެޅުމާއި، މުޖުތަމައުގައި އުޅޭނެ ގޮތްތައް ދަސްކޮށްދިނުމުގެ އިތުރުން އުފާވެރި ވަގުތުކޮޅެއް މަރުކަޒުން ބޭރުގައި ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މަރުކަޒުން ކުރިއަށް ގެންދިޔަ މި ދަތުރުގައި ސަގާފީ ކެއުމާއި، ކުޅިވަރުގެ ގިނަ ހަރަކާތްތައް، އޭގެތެރޭގައި ވޮލީބޯޅަ، ފުޓްބޯޅަ، ލަވަކިޔުމުގައި މަޖާ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އޭގެ އިތުރުން ދޯނި ދުއްވުމާއި، މަންތާ ބަލާލުން ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މިދަތުރުގައި ބައިވެރިވި ބައެއް ފަރާތްތަކަކީ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެގެންދިޔައިރު މޫދު ނުފެންނަ، ނުވަތަ މޫދުގެ ހަރަކާތެއްގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭ ފަރާތްތަކެވެ. އެހެންކަމުން، ގުރައިދޫ މަރުކަޒުން އިންތިޒާމުކުރި މި ދަތުރަކީ ބައިވެރިންނަށް ވަރަށް ތަފާތު ތަޖުރިބާތަކެއް ލިބިގެން ދިޔަ އުފާވެރި ދަތުރެއްގެ ގޮތުގައި ބައިވެރިން ވަނީ ސިފަކޮށްފައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކޮންމެ މީހަކީވެސް އުފާވެރި ދިރިއުޅުމެއް އުޅުމުގެ ޙައްޤު ލިބިގެންވާ ފަރާތެކެވެ. އެހެންކަމުން ގުރައިދޫ މަރުކަޒުން ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ލޯތްބާއި އިޚްތިރާމާއެކު ޚިދުމަތް ދިނުމާއެކު، އެތަނުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އިޖުތިމާީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.