ލީޑަރޝިޕާއި ގަވަނަންސްގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަނީ

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދަނީ ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ އެހީތެރިކަމާއެކު، ލީޑަރޝިޕާއި ގަވަރނަންސްގެ ދާއިރާގައި އަންހެނުން ބައިވެރިކުރުމާއި ބާރުވެރިކުރުމަށް އަމާޒުކޮށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

މި މަސައްކަތްތަކަކީ ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭންގެ ފުރަތަމަ ލަނޑުދަނޑި ހާސިލުކުރުމަށް ކުރެވޭ މަސައްކަތްތަކެކެވެ. މި މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކީ ލީޑަރޝިޕް މަޤާމުތަކާއި ވެރިކަން ހިންގުމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަ ގޮތެއްގައި ތަމްސީލުކުރުމަށް މަގުފަހިކޮށްދިނުމެވެ. މިކަމަށްޓަކައި 4 ސްޓްރެޓެޖިކް ތަނބެއްގެ ދަށުން 18 ކަމެއް ކުރުމަށް ކަނޑައަޅާފައިވެއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި، މި މަޝްރޫޢުގެ ދަށުން ބައިނަލްއަޤްވާމީ ކޮންސަލްޓަންޓެއްގެ އެހީގައި ރިވިއު ޕްރޮސެސްތަކެއް ކުރިއަށް ގެންގޮސް، ރޭވުންތެރިކަމާއެކު ހަރުދަނާ އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

އެގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެންމެ ޚާއްޞަ އަހައްމިއްޔަތުކަމެއް ދެނީ ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ވަކާލާތުކުރުމަށެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީ ބެހޭ ވުޒާރާއިން ބުނާގޮތުގައި، މި މަޝްރޫޢުގެ ދަށުން ހުށަހަޅާފައިވާ އިންޓަރވެންޝަންތައް ބިނާވެފައިވަނީ ޑެސްކް ރިވިއުތަކާއި ޕްރިލިމިނަރީ ދިރާސާތަކުގެ ހޯދުންތަކުގެ މައްޗަށެވެ. އަދި މިހާރު ކޮންސަލްޓަންޓް ދަނީ ތަފްސީލީ ކޮންސެޕްޓް ނޯޓްތައް އެކުލަވާލައި، ކޮންމެ ނޯޓަކަށް ޕްލޭންތައް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި މަޝްރޫޢުގެ ރޯލްއައުޓް ޕްލޭންތަކާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާތައް ކުރިއަށްދާއިރު، ހޯދުންތަކާއި ރަނގަޅު އުސޫލުތަކާއި ލޮބީ ސްޓްރެޓެޖީތައް ފައިނަލްކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. އަދި މި މަސައްކަތުގެ ޓައިމްލައިންތަކާއި، އެކި ވުޒާރާތަކުގެ ޒިންމާތަކާއި، ބޭނުންވާ ބަޖެޓްތައް އެކުލަވާލުމުގެ މަޝްވަރާތައް ވެސް މިހާރު ދަނީ ކުރެވެމުންނެވެ.

މީގެއިތުރުން، މަތީ ފެންވަރުގެ ބައްދަލުވުންތަކެއް ބޭއްވުމަށްފަހު މުޅި ޕްލޭން އެންޑޯސްކުރުމަށް ރައުންޑް ޓޭބަލް ކޮންފަރެންސެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މަތީ ފެންވަރުގެ އެންޑޯސްމަންޓެއް ލިބުމުން، ކަނޑައެޅިފައިވާ ހަރަކާތްތައް ކުރިއަށްގެންދާނީ އެކި ވުޒާރާތަކުން ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެންނެވެ.

އެވުޒާރާއިން އިތުރަށް ފާހަގަކުރިގޮތުގައި، މި އެކްޝަން ޕްލޭން ލޮބީކުރުމުގެ ސްޓްރެޓެޖީ އެކުލަވާލުމުގައި ގިނަ ފަރާތްތަކެއްގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް އިސްކަންދެވޭނެއެވެ.

މިކަމުގެ ސަބަބުން ލީޑަރޝިޕާއި ގަވަރނަންސްގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، އެދެވޭ ނަތީޖާ ނެރެވޭނެކަމަށް އުންމީދުކުރާކަމަށް ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ލީޑަރޝިޕާއި ގަވަރނަންސްގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުވެ މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށް މަގުފަހިވެގެންދާނެކަމަށް ވެސް އެވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

02 މުޙައްރަމް 1446

08 ޖުލައި 2024