ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤާއިމްކުރާ އިޖްތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) މ.އަތޮޅުގައި ޤާއިމްކޮށްފި

މުލަކު އަތޮޅުގެ ރަށްތަކުގައި އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ)ގެ ގްރޫޕްތައް އުފެއްދުމަށްޓަކައި ބާއްވާ އިބްތިދާއީ ތަމްރީނު ޕްރޮގްރާމް މިހާރު ފެށިގެން ކުރިއަށްއެބަދެއެވެ.

އިބަމައަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސް ކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ. މިހާތަނަށް ރާއްޖޭގެ 12 އަތޮޅުގެ ރަށްރަށުގައާއި 3 ސިޓީއެއްގައި އިބަމަ ވަނީ އުފައްދާފައެވެ.

ތިން ދުވަހުގެ މުއްދަތަށް މ. މުލީގައި ކުރިއަށްގެންދާ މި ތަމްރީން ޕްރޮގްރާމްގައި މ. އަތޮޅުގެ ހަ ރަށަކުން ޖުމްލަ 34 މީހުން ބައިވެރިވެފައިވެއެވެ. މި ތަމްރީން ޕްރޮގްރާމްގައި އިބަމަ ގްރޫޕްތައް ރަށްރަށުގައި ޤާއިމުކުރުމުގެ ބޭނުމާއި، އިބަމައިގައި ހިމެނޭ މެންބަރުންގެ ޒިންމާތަކާއި، އަދާކުރަންޖެހޭ ދައުރާއި، އިޖުތިމާޢީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އިބަމައިގައި ހިމެނޭ މެންބަރުން ސަމާލުވާންވީ ކަންކަމާއި އަދި އިބަމައިގެ މުހިންމު މަފްހޫމްތަކާ ގުޅޭފޮތުން ވަރަށް ތަފްސީލީ ގޮތެއްގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

ރަށްރަށުގައި ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަންނާނެ ގޮތާއި، އެފަރާތްތަކުގެ ޙާލަތު ރަގަޅު ކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ. އަދި މީގެ އިތުރުން މިމަސައްކަތްތައް ކުރުމަށް އިބަމަ މެމްބަރުންނަށް ބޭނުންވާނޭ ތަފާތު އެކި ހުނަރުތައް ތަރައްޤީ ކުރުމަށްވެސް މި ތަމްރީން ޕްރޮގްރާމްގައި މަސައްކަތްކުރެވޭނެއެވެ. މި ތަމްރީން ޕްރޮގްރާމްގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެފަރާތްތަކުގެ ޙާލަތު ވަޒަންކުރާނެ ގޮތާއި، ޙާލަތު ރަގަޅުކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ޕްލޭން އެކުލަވާލައި ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތުވެސް ބައިވެރިންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީނު ޕްރޮގްރާމް ނިމުމާއެކު މިވުޒާރާގެ ފަރާތުން މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް މ. މުލީގައި މިހާރު ތިބި ޓީމާއެކު، ތަމްރީނުކުރެވުނު އިބަމަ މެންބަރުން އެ މެންބަރުން ނިސްބަތްވާ ރަށްރަށަށް ގޮސް، އެ ރަށްރަށުގައި ނާޒުކު ޙާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް، ތައްޔާރުކުރާ ޕްލޭން އެކުލަވާލުމުގެ ޢަމަލީ މަސައްކަތް ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އަތޮޅުގެ ހަ ރަށެއްގައި މި ހަފުތާ ތެރޭގައި ކުރިއަށްގެންދެވޭނެއެވެ.

މުލަކު އަތޮޅުގައި އިބަމަ ޤާއިމުކުރުމަށް މިހާރު ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމް ކުރިއަށްގެންދިއުމުގައި މ. އަތޮޅު ކައުންސިލް އިދާރާއާއި މުލީ ކައުންސިލް އިދާރާގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބެމުން އަންނަކަން މިވުޒާރާއިން އުފަލާއެކު ފާހަގަކުރަމެވެ.

 

މ. އަތޮޅުގެ ރަށްރަށުގައި ކުރިއަށްގެންދާ މިތަމްރީން ޕްރޮގްރާމަކީ “އިބަމަ”ގެ މަސައްކަތް ކުރިން ކުރަމުން އައި ގޮތް މުރާޖަޢާކުރުމަށްފަހު މި މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއަށްގެންދިއުމަށް ބޭނުންވާނެ ގިނަ ކަންތައްތަކެއް ހިމަނައިގެން އާ ޕްލޭނެއް އެކުލަވާލުމަށްފަހު ބޭއްވޭ ފުރަތަމަ ތަމްރީނު ޕްރޮގްރާމެވެ. މި ޕްރޮގްރާމް ޕައިލެޓް ކުރުމުގެ ގޮތުން މިދިޔަ މާޗު މަހު ވަނީ ޅ. އަތޮޅުގެ ރަށްރަށުގެ އިބަމަ ގްރޫޕްތަކަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮއްސައެވެ. އަލަށް އެކުލަވާލެވުނު ޕްލޭންގެ ދަށުން މިހާތަނަށް އިބަމަ އުފައްދާފައި ނުވާ އަތޮޅުތަކުގައި މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި، ޓްރޭނަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއްވެސް ފަސް ދުވަހުގެ މުއްދަތަށް މިދިޔަ މެއި މަހުގެ ތެރޭގައި މާލޭގައި ވަނީ ބާއްވައިފައެވެ.

އިބަމައިގައި ހިމެނޭ މެންބަރުން އެންމެ އިސްކަމެއް ދީގެން ރަށްރަށުގައި ކުރާނެ އެއް މަސައްކަތްކަމަށްވާ ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭނުންކުރާނެ އެސެސްމަންޓް ޓޫލާއި އިންޓަވެންޝަން ޕްލޭން އެކުލަވާލާނެ ގޮތުގެ ގައިޑްލައިނެއްވެސް އަލަށް އެކުލަވާލެވުނު ޕްލޭންގައި ވަނީ ހިމަނައިފައެވެ. މުރާޖަޢާކުރެވި އަލަށް އެކުލަވާލެވުނު މި ޕްލޭންއާއެކު ނާޒުކު ހާލަތުގައި ދިރިއުޅެމުން އަންނަ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހަރުދަނާ ނިޒާމެއްގެ ތެރެއިން ރޭވުންތެރިކަމާއެކު ކުރުމަށް މަގުފަހިވެގެންދާނެއެވެ.

އިބަމައިގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި އިބަމައިގެ މަސައްކަތްތަކަށް ޚާއްސަ ޑިޕާޓްމަންޓެއް އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއެކު މިވުޒާރާގައި މިހާރުވަނީ އުފައްދާފައެވެ. މި ޑިޕާޓްމަންޓްގެ މައިގަނޑު މަސައްކަތަކީ ރަށްރަށުގައި އިބަމަ ގްރޫޕްތައް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމާއި، އިބަމަ ގްރޫޕްތަކުގެ މަސައްކަތްތައް ޤަވައިދުން މޮނިޓަރ ކޮށް އެ ގްރޫޕްތަކަށް މިވުޒާރާގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިގޮތުން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ހާލަތުގައި ތިބި ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިބަމަ ގްރޫޕްތަކުން އެކަލަވާލާ އިންޓަވެންޝަން ޕްލޭންތައް ތަންފީޒުކުރެވޭ މިންވަރު ގާތުން ބަލައި އެ މަސައްކަތުގައި އިބަމަ މެންބަރުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ނާޒުކު ޙާލަތުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން އިޖުތިމާޢި ޚިދުމަތް ފޯރުކޮށްދިނުމަށް ފަހިވާ ގޮތަށް ރާއްޖޭގެ ކޮންމެ ރަށެއްގައި ލިބެންހުރި ޚިދުމަތްތަކާއި، ވަސީލަތްތައް ދެނެގަނެ އެކަންކަމުގެ މަޢުލޫމާތު ފަސޭހައިން ހޯދޭނެ ޑޭޓާ ބޭސްއަކާއި، ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުގެ ޙާލަތާ ގުޅޭ އަދާހަމަ މައުލޫމާތު ފެންނަން ހުންނާނެ ޑޭޓާ ބޭސްއެއް ޤާއިމު ކުރުމުގެ މަސައްކަތްވެސް މި މިވުޒާރާގެ ފަރާތުން މިހާރު އަންނަނީ ކުރަމުންނެވެ. އިބަމައިގެ މަސައްކަތްތައް ހަރުދަނާކުރުމަށް އާޕްލޭންގެ ދަށުން މިހާރު ކުރެވެމުންދާ ގިނަ މަސައްކަތްތަކުގެ ސަބަބުން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ޙާލަތުގައި ތިބި ފަރާތްތައް މިހާރު ތިބި ހާލަތުން އެއަށްވުރެ ރަނގަޅު ޙާލަތަކަށް ބަދަލުވުމުގެ ފުރުޞަތު ވަރަށް ބޮޑުތަނުން ފަހިވެގެންދާނެއެވެ. އަދި، ހަމައެއާއެކު ރަށްރަށުގައި ފެންމަތިވާ އިޖުތިމާޢީ މައްސަލަތަކުގެ އަދަދު ދަށްކުރުމަށް މި މަސައްކަތުގެ ސަބަބުން އެހީތެރިކަން ލިބިގެންދާނެއެވެ.

އިބަމައިގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މިހާރު ކުރެވެމުން އަންނަ އެންމެހާ މަސައްކަތްތަކަކީ މި ސަރުކާރުގެ އޯގާތެރި މުޖުތަމަޢުއެއް ބިނާކުރުމުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ޖަމާޢަތުގެ އިޖްތިމާޢީ ދުޅަހެޔޮކަމާއި މަސަލަސްކަން ކަށަވަރު ކުރުމަށް ރަށުފެންވަރުގައި ހަރަކާތްތެރިވާ ހުރިހާ މުއައްސަސާތަކެއްގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިގެން، ހައްލު ހޯދޭނެ އިންތިޒާމް ގާއިމްކުރުމަށާއި މުޖުތަމަޢުގެ ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ އިޖުތިމާޢީ ރައްކާތެރިކަން ވިލަރެސް ކުރެވިފައިވާ ނިޒާމަކުން ކަށަވަރުކޮށް އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ލިބޭނެ މަގު ތަނަސަވަސްކޮށްދިނުމަށް ކުރަމުން އަންނަ މުހިންމު މަސައްކަތްތަކެކެވެ.

04 ޖޫން 2024

27 ޛުލްގައިދާ 1445