ދަމަނަވެށިން އިސްރަށްވެހިންގެ ނާދީއަށް؛ ތަޢާރަފްވެ ކުރިއަށް ގެންދާނެ ހަރަކާތްތައް ކިޔައިދީފި!

ދަމަނަވެށިން އިސްރަށްވެހިންނަށް އަމާޒުކޮށްގެން އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދާނެ ހަރަކާތްތަކާއި ގުޅޭ މަޢުލޫމާތުތައް ހިއްސާކޮށްފިއެވެ. އިސްރަށްވެހިންގެ ނާދީއަކީ ދޮށީ އުމުރުގެ މީހުންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ތަފާތު ޕްރޮގްރާމުތައް ރާވާ ހިންގަމުން އަންނަ މަރުކަޒެކެވެ.

މި މަރުކަޒުން އިސްރަށްވެހިންނާއި ގުޅުންހުރި ހަރަކާތްތައް ހިންގަމުންދަނީ ސަރުކާރުގެ އެހެން މުއައްސަސާތަކާއި، ޖަމުއިއްޔާ ޖަމާއަތްތަކާއި ގުޅިގެންނެވެ. އެގޮތުން އިސްރަށްވެހިންގެ ނާދީގައި ހަރަކާތްތައް ހިންގުމަށް ދަމަނަވެށިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި އެ ފަރާތުން ވަނީ ނާދީއަށް ޒިޔާރަތްކޮށް އެތަނުން ޚިދުމަތް ހޯދާ ފަރާތްތަކާއި ބައްދަލުކޮށް ދަމަނަވެއްޓާއި ބެހޭ މަޢުލޫމާތު ހިއްސާކޮށްފައެވެ.

މި ސެޝަންގައި ދަމަނަވެށިން މިހާރު ފޯރުކޮށްދޭ ޚިދުމަތްތަކާއި، އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހިންގުމަށް ގަސްތުކުރާ ހަރަކާތްތަކާއި ގުޅޭ މަޢުލޫމާތު ވެސް ވަނީ ހިއްސާކޮށްފައެވެ.

ސިލްސިލާގޮތެއްގައި އިސްރަށްވެހިންގެ ނާދީގައި، ދޮށީއުމުރުގެ މީހުންގެ ދޮޅަހެޔޮކަމާއި ގުޅުންހުރި ތަފާތު ހަރަކާތްތައް ދަމަނަވެށިން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ޞިއްޙަތާއި ގުޅުންހުރި ތަފާތު މަޢުލޫމާތު ސެޝަންތައް ނެގުމާއި ހެލްތު ސްކްރީނިން ޕްރޮގްރާމުތައް ހިމެނެއެވެ.