ދައުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނާއެކު އަޟްޙާ ޢީދުގެ މުނާސަބަތުގައި އިންތިޒާމުކުރެވުނު ހަރަކާތްތަކުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވެވަޑައިގެންފިއެވެ.
މި ގޮތުން، ބުދަ ދުވަހު ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތީގެ ކުދިންނާއެކު އެ ކަމަނާ ވަނީ ވިންޓަރ ޕާކަށް ޒިޔާރަތްކުރައްވައި، ރަސްރަނި ބަގީޗާގެ ތަފާތު ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ސްކޫޕް އައިސްކްރީމް ޝޮޕަށް ވަޑައިގެން، އެ ކުދިންނާއެކު ވަގުތު ހޭދަކުރައްވައިފައިވެއެވެ.
މި ހަރަކާތްތައް އިންތިޒާމުކޮށްފައިވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއި، ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި، ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ)އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ އެހީތެރިކަމާއެކުގައެވެ.
މި ހަރަކާތްތަކުގެ އިތުރުން އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް)އާއި ބީޗް ކްލަބް މޯލްޑިވްސްއާ ގުޅިގެން ވޯޓަރ ސްޕޯޓްސް ކުޅިވަރުގެ ހަރަކާތްތަކެއް މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ހިންގިފައިވެއެވެ. އަދި އެމް.އެން.ޑީ.އެފްގެ ކޯސްޓް ގާޑްގެ ޝިޕް ޣާޒީ ބަލައިލުމުގެ ފުރުޞަތު އެ ކުދިންނަށް ދެވިފައިވެއެވެ.
މި އަހަރުގެ ފިތުރު ޢީދު ފާހަގަކުރުމުގެ ގޮތުން ވެސް މިނިސްޓްރީން ގިނަ ހަރަކާތްތަކެއް ހިންގައިފައިވާ އިރު، މިނިސްޓަރ ޒެނީޝާ އެ ދުވަސް ފާހަގަކުރެއްވީ ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިންނާއެކުގައެވެ.
ތަފާތު ސަބަބުތަކާ ގުޅިގެން ދަޢުލަތުގެ ބެލުމުގެ ދަށުގައި މަރުކަޒުތަކުގައި މި ވަގުތު ޖުމުލަ 140 ކުދިން ދަނީ ބަލަހައްޓަމުންނެވެ. މި ގޮތުން، ފިޔަވަތި މަރުކަޒުގައި 13 އަހަރުން ދަށުގެ 89 ކުދިން އަދި ކުޑަކުދިންގެ ހިޔާ އަދި އަމާން ހިޔާގައި 13 އަހަރާއި 18 އަހަރާއި ދެމެދުގެ 51 ކުދިން މި ވަގުތު ދަނީ ދިރިއުޅެމުންނެވެ.
12 ޛުލްޙިއްޖާ 1439
23 އޮގަސްޓު 2018