ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުން ގެންދާ ކުދިންނާއެކު މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ މިއަހަރުގެ ފިތުރު ޢީދު ދުވަސް ފާހަގަކުރައްވައިފި

އެކި ސަބަބުތަކާހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ނަގައި، ހުޅުމާލޭގެ ފިޔަވަތީގައި ބަލަހައްޓަމުން ގެންދާ ކުދިންގެ ތެރެއިން އުމުރުން 5 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނާއެކު މިއަހަރުގެ ފިތުރު ޢީދު ދުވަސް ފާހަގަކުރުމުގެ ގޮތުން، ކުޑަކުދިންގެ ކާރޓޫން ފިލްމް” ކާޒް 3″ ގެ ޚާއްޞަ ޝޯއެއް ޝްވެކް ސިނަމާގައި ބޭއްވުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވައި، މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ އަލްފާޟިލާ ޒެނީޝާ ޝަހީދު ޒަކީ ވަނީ އެ ކުދިންނާއެކު މިއަދު އެ ޝޯ ބައްލަވައިލައްވާފައެވެ. މިހަރަކާތުގައި، ފިޔަތީގައި ދިރިއުޅެމުންދާ ކުދިންގެ ތެރެއިން ޖުމްލަ 71 ކުދިންނާއި ފިޔަވަތީގައި މަސައްކަތްކުރާ ކުދިން ބަލަހައްޓާ މުވައްޒަފުންގެ އިތުރުން މިނިސްޓްރީގެ ބައެއް މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.

 

މިދިޔަ އަހަރެކޭވެސް އެއްފަދައިން، ފިޔަވަތީގައި ތިބި ކުދިންނަށް ފިލްމްގެ ޚާއްޞަ ސްކްރީނިންގ ހަމަޖައްސަވައިދެއްވާފައިވާތީ ޝްވެކް ސިނެމާއަށް ވަރަށް ޙާއްޞަ ޝުކުރެއް ދަންނަވަމެވެ. އަދި، ކުދިންގެ ދަތުރުފަތުރުގެ އިންތިޒާމް ހަމަޖައްސަވައިދެއްވި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކުންފުނި (އެމްޓީސީސީ)ގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، އެ ދެ ކުންފުންޏައްވެސް މިނިސްޓްރީގެ ފަރާތުން ޝުކުރު ދަންނަވަމެވެ.

 

މި އަހަރުގެ ފިތުރު ޢީދުގެ މުނާސަބުގައި، މިހަރަކާތުގެ އިތުރުން ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ “ހޮޓް އެއާ ބެލޫން ފެސްޓިވަލް” ބަލާލުމަށާއި ކްލަބްމެޑް ކަނިފިނޮޅުން އިންތިޒާމުކުރާ ޙާއްޞަ ކުޑަކުދިންގެ ހަވީރެއްގައިވެސް ފިޔަވަތީގެ ކުދިން ބައިވެރިވުމަށް ވަނީ ރާވާފައެވެ. އަދި، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުންދާ ކުދިންނަށް އަމާޒުކޮށްގެންވެސް މިނިސްޓްރީ އިން ޚާއްޞަ ހަރަކާތްތަކެއް އީދު ބަންދުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ.

 

އެކި ސަބަބުތަކާހުރެ ސަރުކާރުގެ ބެލުމުގެ ދަށުގައި މިވަގުތު ޖުމްލަ 166 ކުދިން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި އަމާން ހިޔާ އަދި ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި ދަނީ ދިރިއުޅެމުންނެވެ.

 

25 ޖޫން 2017

 

Leave a Reply

Your email address will not be published. Required fields are marked *