ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން ހަވާސާވެފައި ތިބި ފަރާތްތަކެއް “ހާލު ކިހިނެއް؟” ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވިއްޖެ: ޑެޕިއުޓީ މިނިސްޓަރ ލަހުފާ

ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން ހަވާސާވެފައި ތިބި ފަރާތްތަކެއް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ހާލު ކިހިނެއް ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވިފައިވާކަމަށް އެ ވުޒާރާގެ ނައިބު ވަޒީރު މަރިޔަމް ލަހުފާ ޚަލީލް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވެފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން އެސްއެސްޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި 65 އަހަރުން މަތީގެ މީހުންގެ މައުލޫމާތު ހިމެނޭ ޤައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރަމުންދާއިރު، އެކަމަށް އަލިއަޅުވާލާ ނައިބު ވަޒީރު ލަހުފާ ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމަކީ އެއްވެސް ފަރުދަކު ބާކީ ނުވާނެހެން ދައުލަތުގެ އެހީތެރިކަން އެންމެނަށް ފޯރުކޮށްދިނުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.

މިހާރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންގެ މަޢުލޫމާތު އެކި އިދާރާތަކުން އެކި މިންވަރަށް ރައްކާކުރަމުން އަންނަކަން ފާހަގަކުރެވޭ ކަމަށާއި، މިއީ ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން ބަޔަކު ހަވާސާވެ، އެމީހުންނަށް އެހީތެރިކަން ފޯރުކޮށްނުދެވި، އިހުމާލުވުމުގެ ފުރުޞަތު އޮތް ކަމެއްގެ ގޮތުގައި އެ ކަމަނާ ފާހަގަކުރެއްވިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފަށައިގެން ކުރިއަށް ގެންދާ “ހާލު ކިހިނެއް؟” ޕްރޮގްރާމުގެ ތެރެއިން ވެސް އެފަދަ ބައެއް މައްސަލަތައް ފާހަގަކުރެވިފައިވާ ކަމަށާއި، އަދި އެ ފަރާތްތައް އެންސްޕާގައި ރަޖިސްޓްރީކޮށް، ދައުލަތުގެ ސޯޝަލް ޕްރޮޓެކްޝަން ނިޒާމުގެ ތެރެއިން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވިފައިވާކަން ލަހުފާ ފާހަގަކުރެއްވިއެވެ.

ނައިބު ވަޒީރު ލަހުފާ އިތުރަށް ވިދާޅުވީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މަސައްކަތްތައް މިހާރު ބައްޓަންކޮށްފައިވަނީ އާއިލީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، އެ މަސައްކަތް ހަރުދަނާ ކުރުމުގެ މައްޗަށް ކަމަށެވެ.

އެގޮތުން އެ ވުޒާރާއިން ކުރިއަށް ގެންދާ އިބަމަ އަދި ހާލު ކިހިނެއް ޕްރޮގްރާމަކީ ވެސް ޢާއިލާތަކާއެކު ގާތުން މަސައްކަތްކޮށް، ޢާއިލާތަކުގެ ހާލަތު ވަޒަންކޮށް، ރައްކާތެރިކަން ފޯރުކޮށްދިނުމާއެކު އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ދުރާލާ މަސައްކަތް ކުރުމަށް އެކަށައަޅާ ކުރިއަށް ގެންދާ ޕްރޮގްރާމުތަކެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، މިހާރު ވުޒާރާއިން ފަށާފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންގެ ގައުމީ ދަފްތަރު އެކުލަވާލެވިގެންދާ ހިނދު ދައުލަތުގެ ރައްކާތެރިކަމުގެ ވިއުގައިން ހަވާސާވެފައި އެއްވެސް ފަރުދަކު ނުހުންނާނެކަމަށާއި، އެމީހުންނަށް ދައުލަތުން އެކި މަރުހަލާތަކުގައި ފޯރުކޮށްދޭން ޖެހޭ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދެވޭކަން މޮނިޓާވެސް ކުރެވިގެންދާނެ ކަމަށް އެ ކަމަނާ ވަނީ ވިދާޅުވެފައެވެ.