ދަރިން ތަރުބިއްޔަތުކުރުގައި އޯގާތެރިކަމާއި ކެތްތެރިކަން އިސްކުރުމާއި ގުޅޭ ގޮތުން ފިޔަވަތީގެ މުވައްޒަފުންނަށް ދީނީ މަޢުލޫމާތު ސެޝަނެއް!

ދަރިން ތަރުބިއްޔަތުކުރުމުގައި އޯގާތެރިކަމާއި ކެތްތެރިކަން އިސްކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން ދީނީ މައުލޫމާތު ސެޝަނެއް ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކުޑަކުދިން ބަލަހައްޓަމުން ގެންދާ ފިޔަވަހި ހިޔާގައި ކުރިއަށް ގެންގޮސްފިއެވެ.

ފިޔަވަތީގައި މަސައްކަތްކުރަމުން ގެންދާ 110 މުވައްޒަފުންނަށް އަމާޒުކޮށްގެން 2024 ޖުލައި 15 ވަނަ ދުވަހުގެރޭ 9:00 ގައި ކުރިއަށްގެންދިޔަ މި ސެޝަންއަކީ ޖަމުއިއްޔަތުއް ސަލަފުގެ އެހީތެރިކަމާއެކު ކުރިއަށް ގެންގޮސްފައިވާ ސެޝަނެކެވެ.

މި ދަރުސްގެ މައިގަނޑު މަޤްސަދަކީ ދީނީ ނަޒަރަކުން ދަރިން ތަރުބިއްޔަތުކުރުމުގައި ސަމާލުކަންދޭންވީ ކަންކަމަށް، ފިޔަވަތީގައި މަސައްކަތްކުރާ ފަރާތްތައް އަހުލުވެރިކުރުވުމެވެ. އެގޮތުން ކުދިން ތަރުބިއްޔަތުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ކެތްތެރިކަމާއެކު ކުރިމަތިލުމާއި، އޯގާތެރިކަމާއެކު އެކުދިންގެ ކަންކަން ބެލެހެއްޓުމުގެ މުހިންމުކަމާއި، އިސްލާމްދީން އެކަންކަމަށް ބާރުއަޅާ މިންވަރު ސެޝަންގައި ވަނީ އަލިއަޅުވާލާފައެވެ.

އޭގެ އިތުރުން، ދައުލަތުގެ ބެލުމުގެދަށުގައި ތިބޭ ކުދިންނަށް އަޅާލުމާއި އޯގާތެރިވުމުގެ މަތިވެރިކަމާއި، އޭގެ ސަބަބުން ލިބޭ ދަރުމަޔާއި ޘަވާބުގެ މައްޗަށް ވެސް މި ސެޝަންގައި ވަނީ އަލިއަޅުވާލައިފައެވެ.

އެކި ސަބަބުތަކާއި ހުރެ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް ރައްކާތެރި، އަމާން އަދި އުފާވެރި މާހައުލެއް ގާއިމްކުރުމަށްޓަކައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން އެ ކުދިން ބަލަހައްޓަމުންދާ ކެއާ ވޯކަރުންގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާއިރު، އެކުދިންނަށް ޢާއިލީ ދިރިއުޅުމެއް ހޯދައިދިނުމަށް، ޢާއިލާތަކުގެ ހާލަތު ރަނގަޅުކުރުމަށް ވެސް ވުޒާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ.