ފިޔަވަތި ހިޔާގައި ދިރިއުޅޭ ކުދިންގެ ހަފްތާ ޕިކްނިކް އަލުން ފަށައިފި

ހުޅުމާލޭގައި ޤާއިމްކުރެވިފައިވާ ފިޔަވަތި ހިޔާގައި ދިރިއުޅޭ ކުދިންގެ ހަފްތާ ޕިކްނިކް އަލުން ފަށައިފިއެވެ. އެގޮތުން މި ހަފްތާގެ ހަރަކާތުގައި ފިޔަވަތީގައި މަސައްކަތްކުރާ ސްޓާފުންނާއި ކެއާ ވޯކަރުން ވެސް ވަނީ ބައިވެރިވެފައެވެ. އަދި ކުދިން ހިތްހަމަޖެހޭނެ ތަފާތު ކުޅިވަރުތައް ވެސް ވަނީ ކުރިއަށް ގެންގޮށްފައެވެ.

ދައުލަތުގެ ހިޔާވަހިކަމުގައި ދިރިއުޅެމުންދާ ކުދިންނަށް ރައްކާތެރި އަދި އުފާވެރި މާހައުލެއް ހޯދައިދިނުމަކީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ޚާއްސަ ސަމާލުކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއްކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ހަމަ އެއާއެކު އެކި ސަބަބުތަކާއި ހުރެ މިގޮތަށް ކުދިން ދައުލަތަށް ނަގާފައި ތިބޭ ވަގުތުތަކުގައި އިޖުތުމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ގެންދަނީ ކުދިންގެ އާއިލާތަކާއެކު ގާތުން މަސައްކަތްކޮށް އާއިލާތަކުގެ ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުންކަން ވެސް ފާހަގަކޮށްފައި ވެއެވެ.

އެގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އާއިލާތަކުގެ ހާލަތު ރަނގަޅުކުރެވި، އެ ކުދިން އަނބުރާ އާއިލީ ދިރިއުޅުމަށް ބަދަލުކުރުމުގެ މަސައްކަތްތަކާއި، އާއިލީ ދިރިއުޅުމުގައި އުޅޭއިރު އެކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމުގެ މަސައްކަތްތަކަކީ ވެސް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ޚާއްސަ އިސްކަމެއް ދީގެން ކުރަމުން ގެންދާ މަސައްކަތެކެވެ.

އެ ވުޒާރާއިން ބުނާގޮތުގައި ކޮންމެ ކުއްޖަކީ ވެސް ޢާއިލީވެއްޓެއްގެ ހިމާޔަތާއި ރައްކާތެރިކަމާއި އާއިލީ ގުޅުންތަކުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ލިބިފައިވާ ކުއްޖެއްކަން ޔަގީންކުރުމަކީ އެ ވުޒާރާގެ އަމާޒެވެ. އަދި ކުޑަކުދިންނާއި ގުޅުންހުރި އެންމެހާ ކަންކަމުގައި އެ ވުޒާރާއިން މަސައްކަތް ކުރަމުންދަނީ އެ ސިޔާސަތާއި އެއްގޮތްވާ ގޮތުގެ މަތިންކަން ވެސް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ

03 ޖުލައި 2024

27 ޛުލްޙިއްޖާ 1445